އުމުރުން 75 އަހަރުވާންދެން ދައުލަތުގެ ވަޒީފާގައި ދެމި ހުރުމުގެ ފުރުސަތު އޮންނަގޮތް ފަހިކޮށްދިނުމަށް ހިމަނައިގެން "ރީ އެމްޕްލޯއިމަންޓްގެ ބިލު" ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދެވެ.

މިއީ ދައުލަތުގެ ވަޒީފާ އަދާކުރާ ފަރާތްތަކަށް އުމުރުން 75 އަހަރާ ހަމައަށް މަސައްކަތް ކުރުމުގެ މަގުފަހިކޮށްދީ، ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގެ ފުރުސަތު ދިނުމުގައި ބަލާނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމުގެ ބިލެކެވެ.

އެހެންކަމުން ރީ އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގައި އަމަލުކުރެވޭނެ އުސޫލުތައްވެސް މި ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

ބިލުގައި ބުނެފައިވަނީ ރީ އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭނީ ދައުލަތުގެ ވަޒީފާގައި މަސައްކަތް ކުރަމުން އަންނަ 65 އަހަރާއި 75 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ވަޒީފާގައި ދެމިތިބުމަށް އެދޭ މީހުންނަށް ކަމަށެވެ. މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަތް އަހަރު ކުރިން ފެންޝަން ހައްގުވުމުގެ އުމުރު ހަމަވެ، ވަޒީފާއިން ވަކިވެފައިވާ، ދައުލަތުގެ ވަޒީފާއެއް އަދާކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ވަޒީފާ ހަމަޖައްސައިދެވިދާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

ނަމަވެސް އެ އުސޫލުން ވަޒީފާ ހަމަޖައްސަން ޖެހޭނީ އަހަރުން އަހަރަށް އާ ކުރަން ޖެހޭ އެއްބަސްވުމެއްގެ ދަށުންކަމަށާއި، އެ އުސޫލުގެ ދަށުން މުވައްޒަފު ކުރިން ހުރި މަގާމު ނުވަތަ އެހެން މަގާމަކަށްވެސް ހަމަޖެއްސިދާނެ ކަމަށް ބުނެފައިވެއެވެ.

ބިލުފައިވާގޮތުން ރި އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާދޭ ފަރާތްތަކަށް މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ މިންގަނޑުގެ ތެރޭގައެވެ.

މި ގާނޫނުގައި ބުނާ އުސޫލުން ވަޒީފާ ދޭ ފަރާތްތަކަށް 65 އަހަރުވުމުން ދޭ އަސާސީ ޕެންޝަނެއް ނުލިބުނު ނަމަވެސް ޕެންޝަނާ ބެހޭ ގާނޫނުން ލިބިދޭން ޖެހޭ އެހެނިހެން ޕެންޝަންގެ ފައިސާ ލިބޭނެ ކަމަށްވެސް ބިލްގައި ބުނެފައިވެއެވެ.

ބިލުގައިވާގޮތުން އުމުރުން 65 އަހަރުވުމަށްފަހުވެސް ވަޒީފާގައި ތިބެން ބޭނުންވާ މުވައްޒަފުން 65 އަހަރު ފުރުމުގެ ހަމަމަސްދުވަސްކުރިން ރީ އެމްޕްލޯއިމަންޓަށް ހުށަހަޅަން ޖެހޭނެ އެވެ.

ކުރިން ވަޒީފާއިން ވަކިވެފައިވާ ފަރާތެއް ނަމަ މި ބިލް ފާސްވެ ގާނޫނަށް އަމަލުކުރަން ފަށާތާ ފަސްމަސްދުވަހުގެ ތެރޭގައި ރީ އެމްޕްލޯއިމަންޓަށް ހުށަހަޅަން ޖެހޭނެކަމަށްވެސް ބިލުގައިވެއެވެ.

ނަމަވެސް ސިފައިންނާއި ފުލުހުންނާއި ފަނޑިޔާރުން އަދި ގާނޫނުއަސާސީ އާއި ގާނޫނެއްގެ ދަށުން އައްޔަން ކުރެވޭ މަގާމުތަކުގައި ތިއްބަވާ ފަރާތްތަކަށް މި ގާނޫނު ނުހިނގާނެއެވެ.