އެ މަނިކުފާނު ރަށްރަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ އަޑު އައްސަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ ފެންނާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު، މިހާރު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެެރެއިން މިއަދު އެ އަތޮޅު ހިމަންދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ އެ މަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވަނީ ރައްޔިތުންގެ އަޑު އައްސަވައިގެން ރައްޔިތުންގެ ފަޅީގައި ހުންނަވައިގެން ކަމަށެވެ. މާލޭގެ މޭޔަރުގެ މަގާމުގައި ހުންނެވިއިރުވެސް މަސައްކަތް ކުރެއްވީ އެ އުސޫލުންކަމަށް ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަނީ ރަށްރަށަށް ވަޑައިގެން ހުރިހާ މުއައްސަސާތަކެއްގެ ވެރިންނާއި އެހެނިހެން މީހުން އެއް ބައްދަލުވުމަކުން ބައްދަލުކުރައްވައި ކަންކަމާ މަޝްވަރާކޮށް ހައްލުތައް ހޯދައިދިނުމަށް ކަމަށެވެ. އެ ބައްދަލުވުމުގެ ތެރެއިން ކަންކަމާ މަޝްވަރާކޮށް ރަށުގެ މުއައްސަސާތަކުން ބޭނުންވާ ހައްލުތައް ލިބިގެންދާނެ ގޮތް މަގުފަހިވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންވީމާ އެ ބައްދަލުވުމުން، އެ ހައްލުވެގެންދަނީ ރަށުގެ ހުރި ހުރިހާ ކަމެއް" ރައީސް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ މިކަމުގެ ނަތީޖާ ވަރަށް ރަނގަޅުވާނެ ތިބޭފުޅުންނަށް. ތިބޭފުޅުން ބޭނުންވާ ގޮތަށް ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ވެގެން މިދަނީ. އެހެންނޫނިއްޔާ ސިޓީ ފޮނުވައިގެން ސިޓީތަކުގެ ޖަވާބުތައް ލަސްވެ، އޭގެ ސަބަބުން ކަންކަން ނުވެ އެ ދާދިޔުމުން ހަމަ ހުރިހާ ގެއްލުމެއް ރައްޔިތުންނަށް ވާނީ. އެހެންވީމާ އެކަން އަޅުގަނޑު ހިތަަށް އެރީ ހަމަ އޮޅުންފިލުވައިދޭނަމޭ.
ރަށުގެ މުއައްސަސާތަކުން ރަށުގެ ކަންކަމުގައި މާލެ ވަޑައިގެން ކާމެބެހޭ ސަރުކާރު ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ނުވަތަ ސަރުކާރުގެ މިނިސްޓަރާ ބައްދަލުކުރަން އެތަކެއް ދުވަހެއް ބޭކާރުވެގެންދާކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންވެ އެ މަނިކުފާނު ރަށްރަށަށް ދަތުރުފުޅުތައް ކުރައްވާއިރު އެ ރަށްރަށުގައި ހިނގަމުންދާ އަދި ކުރިއަށް ގެންދާނެ ހުރިހާ މަޝްރޫއުތަކާ ގުޅުންހުރި ސަރުކާރު ކުންފުނިތަކުގެ ވެރީންނާއި މިނިސްޓަރުން އެ މަނިކުފާނާއެކު ވަޑައިގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ.
"މިގޮތަށް މިކަން ނުކުރީމަ ވާގޮތަކީ ވަރަށް އިންއެފިޝެންޓް. މިސާލަކަށް ކައުންސިލް ދާން މިޖެހެނީ މާލެ. ސްކޫލޫގެ ޕްރިންސިޕަލް ނޫނިއްޔާ ސްކޫލުގެ ޓީމެއް ދާން ޖެހެނީ މާލެއަށް. ހެލްތު މަރުކަޒުގެ ޓީމެއް މިދާން ޖެހެނީ އެ ބޭފުޅަކު ކަމެއް އޮތިއްޔާ މާލެއަށް. ސެޓެލްކޯ ޓީމުން ކަމެއް ދިމާވެގެން، އިންޖީނުގެއިން މައްސަލައެއް ހައްލުކުރަން މަޝްވަރާއަށް ދާންވީ މާލެއަށް. އެތައް ބައްދަލުވުމަކުން އެތައް ދުވަހަކުން އެ ހުރިހާ ކަމެއް ހައްލުވަނީ. ކައުންސިލުން ބޭނުންވާ ކަންކަން. ދެންހުރި ކަންކަން ހައްލުކުރަން ވަކިވަކި ބައްދަލުވުންތައް ވަކިވަކި ދަތުރުތައްކޮށް މާލެއަށް ގޮސް އެކި ދުވަސްވަރު މަތިން ޝެޑިއުލް ހަމަޖެހެނީ މިނިސްޓަރުންނާ އެމްޑީންގެ ވަގުތުތަކާ، ވަރަށް ދިގުލައިގެންދާ، ދިއުޅިދިގު، އިންއެފިޝެންޓް ނިޒާމެއް މިއަދާ ހަމައަށް، މިފަހަކާ ހަމައަށް އައިރު މިއޮތީ އަޅުގަނޑުމެން މި މަސައްކަތް މިގޮތަށް ފެށުމާ ހަމައަށް" ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު