ރަށު މުއައްސަސާތަކުން އަބަދު މާލެގޮސް ކަންކަމާ އުޅުމަކީ ދިއުޅިދިގު ނިޒާމެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު، މިހާރު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެެރެއިން މިއަދު އެ އަތޮޅު ހިމަންދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ އެ މަނިކުފާނު ރަށްރަށަށް ދަތުރުފުޅުތައް ކުރައްވާއިރު އެ ރަށްރަށުގައި ހިނގަމުންދާ އަދި ކުރިއަށް ގެންދާނެ ހުރިހާ މަޝްރޫއުތަކާ ގުޅުން ހުރި ސަރުކާރު ކުންފުނިތަކުގެ ވެރީންނާއި މިނިސްޓަރުން އެ މަނިކުފާނާއެކު ވަޑައިގަންނަވާ ކަމަށެވެ.
"މިގޮތަށް މިކަން ނުކުރީމަ ވާގޮތަކީ ވަރަށް އިންއެފިޝެންޓް. މިސާލަކަށް ކައުންސިލް ދާން މިޖެހެނީ މާލެ. ސްކޫލޫގެ ޕްރިންސިޕަލް ނޫނިއްޔާ ސްކޫލުގެ ޓީމެއް ދާން ޖެހެނީ މާލެއަށް. ހެލްތު މަރުކަޒުގެ ޓީމެއް މިދާން ޖެހެނީ އެ ބޭފުޅަކު ކަމެއް އޮތިއްޔާ މާލެއަށް. ސެޓެލްކޯ ޓީމުން ކަމެއް ދިމާވެގެން، އިންޖީނުގެއިން މައްސަލައެއް ހައްލުކުރަން މަޝްވަރާއަށް ދާންވީ މާލެއަށް. އެތައް ބައްދަލުވުމަކުން އެތައް ދުވަހަކުން އެ ހުރިހާ ކަމެއް ހައްލުވަނީ. ކައުންސިލުން ބޭނުންވާ ކަންކަން. ދެންހުރި ކަންކަން ހައްލުކުރަން ވަކިވަކި ބައްދަލުވުންތައް ވަކިވަކި ދަތުރުތައްކޮށް މާލެއަށް ގޮސް އެކި ދުވަސްވަރު މަތިން ޝެޑިއުލް ހަމަޖެހެނީ މިނިސްޓަރުންނާ އެމްޑީންގެ ވަގުތުތަކާ، ވަރަށް ދިގުލައިގެންދާ، ދިއުޅިދިގު، އިންއެފިޝެންޓް ނިޒާމެއް މިއަދާ ހަމައަށް، މިފަހަކާ ހަމައަށް އައިރު މިއޮތީ އަޅުގަނޑުމެން މި މަސައްކަތް މިގޮތަށް ފެށުމާ ހަމައަށް" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަނީ ރަށްރަށަށް ވަޑައިގެން ހުރިހާ މުއައްސަސާތަކެއްގެ ވެރިންނާނާއި އެހެނިހެން މީހުން އެއް ބައްދަލުވުމަކުން ބައްދަލުކުރައްވައި ކަންކަމާ މަޝްވަރާކޮށް ހައްލުތައް ހޯދައިދިނުމަށް ކަމަށެވެ. އެ ބައްދަލުވުމުގެ ތެރެއިން ކަންކަމާ މަޝްވަރާކޮށް ރަށުގެ މުއައްސަސާތަކުން ބޭނުންވާ ހައްލުތައް ލިބިގެންދާނެ ގޮތް މަގުފަހިވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންވީމާ އެ ބައްދަލުވުމުން، އެ ހައްލުވެގެންދަނީ ރަށުގައި ހުރި ހުރިހާ ކަމެއް" ރައީސް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ މިކަމުގެ ނަތީޖާ ވަރަށް ރަނގަޅުވާނެ ތިބޭފުޅުންނަށް. ތިބޭފުޅުން ބޭނުންވާ ގޮތަށް ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ވެގެން މިދަނީ. އެހެންނޫނިއްޔާ ސިޓީ ފޮނުވައިގެން ސިޓީތަކުގެ ޖަވާބުތައް ލަސްވެ، އޭގެ ސަބަބުން ކަންކަން ނުވެ އެ ދާ ދިޔުމުން ހަމަ ހުރިހާ ގެއްލުމެއް ރައްޔިތުންނަށް ވާނީ. އެހެންވީމާ އެކަން އަޅުގަނޑު ހިތަަށް އެރީ ހަމަ އޮޅުންފިލުވައިދޭނަމޭ.
ރައީސް ވިދާޅުވީ އެގޮތަށް ކަންތައް ކުރުމުގެ ސަބަބުން މުއައްސަސާތަކުގެ ވެރިންނަށްވެސް ރައްޔިތުންނަށް ޖަވާބުދާރީވުމަށް ފަސޭހަވެގެންދާ ކަމަށެވެ.
އެ މަނިކުފާނުގެ ހުރިހާ ފަލްސަފާއަކީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރެއްވުންކަމަށް ވިދާޅުވިއެވެ. މާލޭގެ މޭޔަރުގެ މަގާމުގައި ހުންނަވައިގެންވެސް އެ މަނިކުފާނު މަސައްކަތް ކުރެއްވީ ރައްޔިތުންނާ ވަރަށް ގާތުންކަން ފާހަގަކުރެއްވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު