ހަމަލާތައް ހުއްޓާލުމުގެ ހުށަހެޅުމަށް ހަމާސްއިން އެއްބަސްވެއްޖެއެވެ.

އިސްރާއީލާއި ހަމާސްއިން ކުރަމުންދާ ހަނގުރާމަ ހުއްޓާލައި ހަމަލާ ބަދަލުކުރުން ހުއްޓުމަށް މިސްރާއި ގަތަރު މެދުވެރިވެ ހުށަހަޅާފައިވާ ހުށަހެޅުމަށް ހަމާސްއިން އެއްބަސްވެ އެކަން ރަސްމީކޮށް އަންގާފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

އަލްޖަޒީރާއިން ވަނީ ހަމާސް އަށް އެހުށަހެޅުން ލިބިފައިވަނީ ހޯމަ ދުވަހު ކަމަށާއި އިއްޔެ އެކަމުގައި ގޮތެއް ނިންމައި ރަސްމީކޮށް އަންގާފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ.

ގަތަރުގެ ބޮޑުވަޒީރު ޝެއިހް މުހައްމަރު ބިން އަބްދުލް ރަހްމާން ބިން ޖައްސިމް އަލް ތާނީ އާއި މިސްރުގެ ރައީސް އަބުލް ފައްތާހު އަލް ސީސީ އާއި ދެމެދު ކުރިޔަށްދިޔަ މަޝްވަރާތަކަށްފަހު ގާޒާގެ މައްސަލައިގައި ގޮތެއް ނިންމުމަށް ވަނީ ހުށަހަޅައިފައެވެ.

އޮފިޝަލުން ބުނެފައިވާ ގޮތުގައި ހަމާސްއިން ވެފައިވާ އެއްބަސްވުމުގެ ދަށުން އިސްރާއީލުގެ އަސީރުން މިނިވަން ކުރަން ޖެހެއެވެ. 60 ދުވަހުގެ މި އެއެއްބަސްވުމުގައި އިސްރާއީލުން ވެސް ގާޒާގައި ތިބި އެ ގައުމުގެ ހުރިހާ ސިފައިން ބާލަން ޖެހެއެވެ.

މިސްރާއީ ގަތަރުން ހުށަހެޅި ހުށަހެޅުމަށް އިސްރާއީލުން އަދި ގޮތެއް ނިންމާފައި ނުވާކަމަށް ރިޕޯޓުތައް ބުނެއެވެ.