އެޓެންޝަން ޑެފިސިޓް/ހައިޕައެކްޓިވިޓީ ޑިސްއޯޑާ ނުވަތަ އޭޑީއެޗްޑީ ހުންނަ ކުދީންނަށް މުހިއްމު ބޭހެއް ކަމަށްވާ "މިތައިލް ފެނިޑޭޓް" އަކީ ރާއްޖެ އެތެރެކުރުން މަނާ މަސްތުވާ ބާވަތެއް ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާތީ ރާއްޖެ އެތެރެ ނުކުރެވޭތީ ކަންބޮޑުވާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދީންނަށް ގާނޫނީގޮތުން ލިބިދޭން ޖެހޭ އިނާޔަތްތައް ލިބުމުގައި އިހުމާލުވެފައިވާ ކަމަށްބުނެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނާ ބެހޭގޮތުން ހެލްތު މިނިސްޓްރީގެ އިސް ބޭފުޅުން ޕެޓިޝަން ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވަނީ ހާޒިރުކޮށްފައެވެ.

މި ބައްދަލުވުމުގައި، ނުކުޅެދުންތެރިކަން ހުންނަ ކުދީންނަށް ބޭނުންވާ ބޭސް ލިބުމަށް ދަތިވާ މައްސަލައިގައި ކޮމިޓީ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އެމްއެފްޑީއޭގެ ޑިރެކްޓާ ފާމަސޫޓިކަލް އައިޝަތު ޖަލީލާ ވިދާޅުވީ، ލިބުން ދަތި ބޭސްތަކުގެ ތެރެއިން އޭޑީއެޗްޑީ ކުދިން ބޭނުންކުރާ މިތައިލްފެނިޑޭޓް ނުލިބުމުގެ ޝަކުވާ ޑޮކްޓަރުންނާއި ބަލި މީހުން ކުރަމުން އަންނަ ކަމަށެެވެ.

""މިތައިލް ފެނިޑޭޓް"އެއީ ސައިންޓިފިކަލީ ޓްރީޓްމެންޓްގެ ގޮތުގައި ބޭނުންކުރަން އެޕްރޫވް ރަނގަޅު ބޭހެއް، އެ ބޭސް އެތެރެކުރަން އޮތް ދައްޗަކީ، މަސްތުވާތަކެތީގެ ގާނޫނުގައި ޖަދުވަލު އެކަކާއި ދޭއްގައިވެސް އެ އެބޭސް އިނުމުގެ ސަބަބުން ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަތައް ލިބުމުގައި ދަތިތަކެއް ހުރުމުން،"

ޖަލީލާ ވިދާޅުވީ އެ ބޭސް އެތެރެ ނުކުރެވޭ މައްސަލަ ދިމާވުމުން، މަސްތުވާތަކެތީގެ ގާނޫނު އިސްލާހްކުރަން އެމްއެފްޑީއޭ އިން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ.

އެގޮތުން ގާނޫނުގެ ޖަދުވަލު އެކަކުން އެ ބޭހުގެ ނަން އުނިކޮށް، ހަމަ އެކަނި ޖަދުވަލު ދެއަކަށް ބަދަލުކޮށްދޭން މިދިޔަ ޖުލައި މަހުގެ 13، ގައި މަޖިލީހުގައި އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލު އެކެއްގައި ހިމެނެނީ މަސްތުވާތަކެތީގެ ގޮތުގައި ރާއްޖެއަށް އެތެރެކުރުން މަނާ ތަކެއްޗެވެ. ދޭއްގައި ހިމެނެނީ، ބޭހުގެ ގޮތުގައި ބޭނުން ކުރެވޭ މަސްތުވާތަކެތީގެ ލިސްޓެވެ.