ޒަކާތާ ގުޅޭ ގާނޫނެއް އެކުލަވައިލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، ޒަކާތުގެ ބިލަށް އާއްމުންގެ ހިޔާލު ހުށަހަޅަން ހުޅުވާލައިފިއެވެ.

ސަރުކާރުގެ ފަރާތުން ވިލުފުށީ ދާއިރާގެ މެންބަރު ހަސަން ވަހީދު މަޖިލީހަށް ހުށަހެޅުއްވި މި ބިލްގެ އިބްތިދާއީ ބަހުސްގެ މަރުހަލާ ކުރިއަށް ގެންގޮސް މަޖިލީހަށް ބިލް ބަލައިގަނެ، އިތުރަށް ދިރާސާ ކުރުމަށް އިޖްތިމާއީ ކޮމިޓީއަށް ފޮނުވީ، މިމަހު 13 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

ބިލް ދިރާސާ ކުރުމުގެ ގޮތުން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވަނީ މިއަދުން ފެށިގެން ބިލަށް އާއްމުންގެ ހިޔާލު ހުށަހަޅަން ހަފުތާއެއްގެ މުއްދަތެއް ދޭން ފާސްކޮށްފައެވެ.

އެއަށްފަހު، އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއި އިސްލާމިކް މިނިސްޓްރީގެ އިތުރުން ފިނޭންސް މިނިސްޓްރީގެ ކޮމެންޓަށް ފޮނުވުމަށްވެސް ފާސްކުރިއެވެ.

ބިލު ދިރާސާ ކުރުމުގެ މަސައްކަތް ނިންމައި އަންނަ އޮކްޓުބަރުގެ 20 ގައި ކޮމިޓީ ރިޕޯޓާއެކު މަޖިލީހުގެ ތަޅުމަށް ބިލް ފޮނުވަންވެސް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ޒަކާތުގެ ބިލު ހުށަހަޅުއްވާ ސަބަބެއްގެ ގޮތުގައި ވަނީ، އިސްލާމީ ޝަރީއަތުގައި ޒަކާތް ޝަރުއުކޮށްފައިވާ މަގުސަދުތައް ހާސިލުކުރެވޭނެ ގޮތެއްގެ މަތީން، ޒަކާތް ދެއްކުމާއި ބަލައިގަތުމާއި، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން ހިންގައި ބެލެހެއްޓުމަށްޓަކައި ޒަކާތުގެ ނިޒާމުގެ ގާނޫނީ އޮނިގަނޑު ކަނޑައަޅައި، އެ ނިޒާމު ހިންގުމާ ބެހޭ އުސޫލުތައް ބަޔާންކުރުން ކަމަށެވެ.

އެ ބިލުގައި ވަނީ، ރާއްޖޭގައި ވަޒަންވެރިވެފައިވާ ކޮންމެ ފަރާތެއްގެ އިތުރުން އެ ފަރާތަކީ ރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތެއް ކަމުގައިނުވި ނަމަވެސް، ރާއްޖޭގައި އެ ފަރާތެއްގެ މުދާ ހުރި ކޮންމެ ފަރާތެއްގެ މުދާ ހުރި ކޮންމެ ފަރާތަކަށް ވެސް އެ ގާނޫނު ހިނގާނެ ކަމަށެވެ.

އެ ގާނޫނުގެ ދަށުން ނެގުމަށް ހަމަޖެހިފައިވަނީ މުދަލު ޒަކާތާއި ފިތުރު ޒަކާތެވެ. އަދި އެ ޒަކާތުގެ ބާވަތްތައް ދައްކާ ފަރާތްތަކުގެ ޝަރުތުތަކާއި ބަލައިގަނެވޭނެ ތަކެއްޗާއި ޒަކާތުގެ މިންވަރާއި މުއްދަތު ކަނޑައެޅުމާއި މުދަލު ޒަކާތް ދެއްކުން ލާޒިމު މުދަލާއި އިސްތިސްނާ ވާ މުދާ ނިސާބު ކަނޑައެޅުމާ ގުޅޭ މާއްދާތައް ވެސް ބިލުގައި ވަނީ ހިމަނައިފައެވެ.

ބިލުގައިވާ ގޮތުން، ޒަކާތު ނިޒާމު ހިންގައި ބެލެހެއްޓުމުގައި މިނިސްޓަރަށާއި ޒަކާތު ހައުސްއަށް ލަފާދިނުމަށާއި އެ ނިޒާމުގެ ހިންގުން ވިލަރެސްކުރުމަށްޓަކައި، އެ ގާނޫނަށް އަމަލުކުރާތާ 60 ދުވަހުގެ ތެރޭގައި ޒަކާތު ކައުންސިލުގެ ނަމުގައި ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވަން ޖެހެއެވެ. އެ ކައުންސިލު އެކުލެވިގެން ވާނީ ނުވަ މެންބަރުންގެ މައްޗަށެވެ. އެ މެންބަރުންގެ ތެރޭގައި ހިމެނެނީ؛

  • އިސްލާމިކް މިނިސްޓަރު
  • ޑިރެކްޓަރު ޖެނެރަލް
  • މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އިސް މުވައްޒަފުންގެ ތެރެއިން އެ އޮތޯރިޓީން ކަނޑައަޅާ މެންބަރެއް
  • ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ އިސް މުވައްޒަފުންގެ ތެރެއިން އެ މަރުކަޒުން ކަނޑައަޅާ މެންބަރެއް
  • ފިނޭންސް މިނިސްޓްރީގެ އިސް މުވައްޒަފުންގެ ތެރެއިން އެ މިނިސްޓްރީން ކަނޑައަޅާ މެންބަރެއް
  • އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރެއް
  • އިސްލާމިކް މިނިސްޓްރީގެ އިސް މުވައްޒަފުންގެ ތެރެއިން އެ މިނިސްޓްރީން ކަނޑައަޅާ މެންބަރެއް
  • ސަރުކާރުގެ އިދާރާއެއްގައި މަސައްކަތްކުރާ ފަރާތެއް ކަމުގައި ނުވާ ޒަކާތުގެ މާހިރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ދެ މެންބަރުން

ބިލުގައި ބުނެފައިވަނީ، އެ ކައުންސިލުގެ ރިޔާސަތު ބަލައްޓަވާނީ މިނިސްޓަރު ކަމަށާއި މިނިސްޓަރާއި ޑިރެކްޓަރު ޖެނެރަލް ފިޔަވައި، އެ ކައުންސިލުގައި ދެން ހިމެނޭ މެންބަރުންގެ ދައުރުގެ މުއްދަތަކީ ފަސް އަހަރު ދުވަސް ކަމަށެވެ. އެ މެންބަރުންގެ ޝަރުތުތައް ވެސް ބިލުގައި ވަނީ ހިމަނައިފައެވެ.

ބިލުގައިވާ ގޮތުން، އެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު "މޯލްޑިވްސް ޒަކާތު ހައުސް"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފެދޭނެއެވެ. އިސްލާމިކް މިނިސްޓްރީގެ ދަށުން އުފެދޭ އެ އިދާރާގެ އުފެދުމާއެކު، މިހާރު ހިންގަމުންދާ ޒަކާތު ހައުސްގެ އެންމެހާ ވާޖިބުތަކާއި، އެ އިދާރާގެ މުދަލާއި ވަސީލަތްތަކާއި ސަރުކާރުގެ ބަޖެޓުން އެ އިދާރާއަށް އެކަށައަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ފައިސާއާއި ގާނޫނީގޮތުންނާއި އެއްބަސްވުންތަކުގެ ދަށުން އެ އިދާރާއަށް ލިބިދޭ ހައްގުތަކާއި މަންފާތައް ގާނޫނުގެ ދަށުން އުފެދޭ ޒަކާތު ހައުސްއަށް ބަދަލުވީ ކަމަށް ބިލުގައިވެއެވެ.

ޒަކާތް ނެގުމާ ބެހުމާ ގުޅޭ ހުރިހާ އިދާރީ ކަންކަން ރާވައި ހިންގުމާއެކު މިހާރު ވެސް ޒަކާތު ހައުސް އިން ކުރަމުން އަންނަ މަސައްކަތްތައް އަލަށް އުފެދޭ ޒަކާތު ހައުސްގެ ޒިންމާ އާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ބިލުގައި ވަނީ ހިމަނައިފައެވެ. އަދި ރަށްރަށުން ޒަކާތުގެ މަސައްކަތްތައް ކުރުމަށް ލޯކަލް ކައުންސިލުތަކާ ހަވާލުކުރެވިދާނެ ކަމަށް ވެސް ބިލުގައިވެއެވެ.

އެ ބިލުގައި ބުނެފައިވަނީ އެ ގާނޫނު އުފެދުމާއެކު "ޒަކާތު ފަންޑު"ގެ ނަމުގައި ފަންޑެއް އުފެދޭނެ ކަމަށާއި އެ ފަންޑު އުފެދުމާއެކު މިހާރު ހިންގަމުން އަންނަ ޒަކާތު ފަންޑުގެ ހުރިހާ ފައިސާއެއް އަލަށް އުފެދޭ ފަންޑަށް ބަދަލުވީ ކަމަށެވެ.