ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި އެފަދަ ވޯޓެއް ނެގުމާ ގުޅޭ ކަންކަން ހިމަނައި، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު އަންނަ އޮކްޓޫބަރު މަހުގެ 30 އަށް ނިންމަން މަޖިލީހުން ސުންގަޑި ކަނޑައަޅައިފިއެވެ.

އެކަން މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެކަން އިއުލާނުކުރައްވައިފައެވެ.

ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ ޖުލައި 7ގައި ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހުއެވެ.

އެ ބިލުގައިވާ ގޮތުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނީ:

  • ރައްޔިތުންނާ ގުޅޭ މުހިންމު ކަންތައްތަކުގައި
  • ގައުމީ މުހިންމު މައްސަލަތަކުގައި
  • ގާނޫނު އަސާސީގެ 2 ވަނަ ބާބު ކަމުގައިވާ "އަސާސީ ހައްގުތަކާއި މިނިވަންކަން" މި ބާބުގައި ހިމެނޭ އެއްވެސް މާއްދާއަކަށް އިސްލާހު ގެނައުމަށް
  • ގާނޫނުއަސާސީގެ ރައްޔިތުންގެ މަޖިލީހުގެ އުމުރު ކަނޑައަޅާ މާއްދާ އިސްލާހުކުރާ ނަމަ
  • ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ރިޔާސީ ދައުރަށް އިސްލާހެއް ގެންނަނަމަ
  • ރައީސް އިންތިހާބުކުރާ ގޮތަށް އިސްލާހެއް ގެންނަ ނަމަރައީސް ބިލު ތަސްދީގުކުރާ މާއްދާއަށް އިސްލާހެއް ގެންނަ ނަމަ
  • ރާއްޖޭގެ ސަރަހައްދު ކަމަށް ގާނޫނުއަސާސީގައި ބަޔާންކުރާ މާއްދާއަށް އިސްލާހެއް ގެންނަނަމަ

ގާނޫނުއަސާސީއަށް ބަދަލެއް ގެނައުމަށް މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ނުކޮށް އެކަން މަޖިލީހަށް އަންގާ ހާލަތުގައި، އެ ބިލަކަށް ރުހުން އޮތްތޯ ބެލުމަށްއެ ބިލުގައި ބުނެފައިވާ ގޮތުގައި ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި ވޯޓަކަށް ދިޔުމަށް މަޖިލީހުގެ އަގުލަބިއްޔަތުން ގަރާރެއް ފާސްކުރަން ޖެހެއެވެ.

އޭގެ އިތުރުން ގައުމީ މުހިންމު މައްސަލަތަކުގައި ވޯޓަށް ދިޔުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ނިންމޭނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

އާންމުންގެ ހިޔާލު ހޯދަން މަޖިލީހުން ފާސްކުރާ އަދި ރައީސް ނެރޭ ގަރާރުގައި އެއް މައްސަލައަށްވުރެ ގިނަ މައްސަލައާ ގުޅޭގޮތުން ވޯޓު ނަގަން ކަނޑައެޅިދާނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލާއި އަދި، އެމައްސަލައާ އެއްކޮޅަށް، ހުރި ހުއްޖަތުތަކާއި ދެކޮޅަށް ހުރި ހުއްޖަތުތަކުގެ މައްޗަށް އެކުލެވޭ މައުލޫމާތު ކަރުދާހެއް ހިމަނަން ޖެހެއެވެ.

އެ ގަރާރުގައިވާ ގޮތުގެ މަތީން ވޯޓުގެ ކަންތައްތައް ކުރިއަށް ގެންދާނީ އިލެކްޝަން ކޮމިޝަން (އީސީ) އިންނެވެ.

އުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށް މި ސިއްރު ވޯޓުގައި ބައިވެރިވެވޭނެއެވެ. އަދި އެފަދަ ވޯޓެއް ނަގަން ހުށަހަޅާތާ މަދުވެގެން 45 ދުވަސް އަދި ގިނަވެގެން 90 ދުވަހުގެ ތެރޭގައި އީސީން ވޯޓު ނެގުން ބާއްވަން ޖެހެއެވެ.

އެ އެކުލަވާލާ ކަރުދާސް ވޯޓު ނެގުމުގެ މަދުވެގެން 21 ދުވަސް ތެރޭގައި އާންމުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސަން އިލެކްޝަންސް ކޮމިޝަނަށް މި ބިލުގައި ވަނީ ލާޒިމުކޮށްފައެވެ.

މި ބިިލުގައި އިތުރަށް ބުނެފައިވާ ގޮތުގައި:

  • އާންމުންގެ ހިޔާލު ހޯދަން މަޖިލީހުން ފާސްކުރާ އަދި ރައީސް ނެރޭ ގަރާރު، އެހެން ގަރާރަކުން އަނބުރާ ގެންދެވިދާނެ
  • ނަމަވެސް ގަރާރު އަނބުރާ ގެންދެވޭނީ ވޯޓު ނަގާނެ ތާރީހެއް އީސީން އިއުލާނުކުރުމުގެ ކުރިން
  • އެ ގަރާރުގައި ވޯޓު ނުނަގަން ނިންމި ސަބަބު ބަޔާންކުރަން ޖެހޭނެ

އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކުން އިތުރުވަމުންދާ ދިއުމާމެދު މެންބަރުން ދެކޭ ގޮތެއް ދެނެގަތުމަށް ޓަކައި މިދިޔަ ޖުލައި 2ގައި ހުށަހެޅި ގަރާރަށްވެސް ވަނީ ސުންގަޑި ކަނޑައަޅާފަ އެވެ. އެ ގަރާރުގެ މަސައްކަތް ނިންމަން ކަނޑައަޅާފައިވަނީ އަންނަ ނޮވެމްބަރުގެ 30އެވެ.

އެ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުއެވެ.

ގަރާރުގައި ވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުން ފެށިގެން ރާއްޖޭގައި އިންތިހާބު ކޮށްފައިވާ ރައްޔިތުންގެ މަޖިލީސްތަކުގެ މެންބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކުން އިދާރީ ދާއިރާތަކުގެ އާބާދީ އިތުރުވަމުން އަންނަ ނިސްބަތުން އިތުރުވަމުންދާކަން ފާހަގަކޮށްފައެވެ.

ގާނޫނު ހަދާ މަޖިލީހަށް ކޮންމެ ފަސް އަހަރަކުން މެންބަރުން އިތުރުވަމުންދާ ދިއުމަށް މަޖިލީހުން ހައްލެއް ހޯދަން ޖެހޭ ކަމަށްވެސް ގަރާރު ހުށަހަޅުއްވަމުން ޝުޖާ ވިދާޅުވިއެވެ.

ޝުޖާއު ހުށަހެޅުއްވި ގަރާރުގައި ވިދާޅުވީ އާންމުކޮށް ކޮންމެ ރިޔާސީ އިންތިހާބެއްގައިވެސް މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަން ނުވަތަ އެއްވަރެއްގައި ހިފެހެއްޓުމާ ގުޅޭ ގޮތުން މީގެކުރިންވެސް މަޝްވަރާ ކުރަމުން އައިސްފައިވާ ކަމަށެވެ.

ނަމަވެސް އެ މައްސަލައަށް އަމަލީ ސިފައެއް އައިސްފައި ނުވާތީ، މަޖިލީހުގެ މެންބަރުންގެ އަދަދާ ގުޅޭ ގޮތުން މަޖިލީހުގައި ބަހުސްކޮށް މެންބަރުން ދެކިވަޑައިގަންނަވާ ގޮތް ހާމަކުރުމަށް މި ގަރާރު ހުށަހެޅުއްވީ ކަމަށްވެސް ވިދާޅުވިއެވެ.