އިޒްރޭލުގެ އާންމުން ކުރަމުން އަންނަ މުޒާހަރާތައް ވަރުގަދަކޮށްފިއެވެ.

އިޒްރޭލުގެ ހައްދު ފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރާ ދެކޮޅަށް އެގައުމުގެ އެތައް ހާސް އާންމުން ކުރަމުން އަންނަ މުޒާހަރާތައް ވަރުގަދަކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މުޒާހަރާތައް އިޒްރޭލުގެ އެކި ސަރަހައްދުތަކުގައި ކުރަން ފަށާފައިވާ އިރު، އެގައުމުގެ ސްކޫލުތަކާއި ވިޔަފާރިތަކުގެ އިތުރުން އާންމު ދަތުރުފަތުރުތައް ހުއްޓުވާލާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މުޒާހަރާތައް ހޫނުވެ ކޮންޓްރޯލް ކުރުމަށް އެގައުމުގެ މިލިޓަރީ ނެރެފައިވާ އިރު، މިހާތަނަށް 32 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މުޒާހަރާތަށް ބޭއްވުމުގައި އެންމެ އިސްކޮށް އުޅެނީ ހަމާސް އިން ހައްޔަރުކޮށްފައިވާ އިޒްރޭލުގެ އަސީރުންގެ އާއިލާތަކުން ކަމަށް އޮފިޝަލުން ބުނެއެވެ. އެމީހުން ޑިމާންޑު ކުރަމުން އަންނަނީ އިޒްރޭލުގެ ސަރުކާރުން ގާޒާގައި ހިންގަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށާއި އަސީރުން ސަލާމްތް ކުރުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މުޒާހަރާކުރާ ފަރާތްތަކުން ވަނީ ގާޒާގައި އިޒްރޭލުން ކުރަމުން އަންނަ އޮޕަރޭޝަންގެ ސަބަބުން އަސީރުން ސަލާމަތްވާނެ ކަމުގެ ފުރުސަތު ކުޑަވެފައިވާ ކަމަށް ބުނެފައެވެ.

އޮފިޝަލުން ވަނީ ގާޒާގައި މިހާރުވެސް 50 އަށްވުރެ ގިނަ މީހުން ހަމާސްގެ ހައްޔަރުގައި ތިބި ކަމަށް ބުނެފައެވެ.