ޕާކިސްތާނުގައި ފެންބޮޑުވެ، މަރުވި މީހުންގެ އާއިލާތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ޕާކިސްތާނުގެ ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީން ބުނެފައިވާ ގޮތުގައި އެ ގައުމުގެ ބައެއް ސަރަހައްދުތަކަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގައި ފެންބޮޑުވެ، 300 އަށްވުރެ ގިނަ މީހުން މިހާތަނަށް ވަނީ މަރުވެފައެވެ. އަދި އެތައް ބަޔަކު ގެއްލި، އެތައް ހާސް ބަޔަކު މަގުމަތިވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އެކަމާ ގުޅިގެން އެކްސްގައި ރައީސް މުއިއްޒު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕާކިސްތާނަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މަރުވި މީހުންގެ އާއިލާތަކަށް ދިވެހި ސަރުކާރާއި އެ މަނިކުފާނާއި ރައްޔިތުންގެ ނަމުގައި ތައުޒިޔާ ދަންނަވާ ކަމަށެވެ.

"މި ގޮންޖެހުން ބޮޑު ދަނޑިވަޅުގައި ޕާކިސްތާނުގެ ސަރުކާރަށް އެއްބާރުލުންދީ ރައްޔިތުންނާއެކު ރާއްޖެ އޮތީ އެއްބައިވަންތަކަމާ އެކީގައި،" ރައީސް ވިދާޅުވިއެވެ.

ފެންބޮޑުވެ ގެއްލުނު މީހުން ހޯދުމުގައި 2000 އަށްވުރެ ގިނަ ރެސްކިއު އޮފިސަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ޕާކިސްތާނުގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.