އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ނަން، "އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ" އަށް ބަދަލުކޮށް އުފެއްދި އިދާރާގެ އިސްވެރިޔާގެ ގޮތުގައި އަލަށް އުފެއްދި މަގާމަށް މީހަކު ހޯދަން ސިވިލް ސާވިސް ކޮމިޝަނުން އިއުލާނުކޮށްފި އެވެ.
(އީޕީއޭ) ގެ ނަން، އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ) އަށް ބަދަލުކުރެއްވީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެވެ.
ސިވިލް ސާވިސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ވަނީ އެ އިދާރާގެ ޗީފް އެޑްމިނިސްޓްރޭޓާގެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކަށް، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭ އަސާސީ ޝަރުތުތަކުގެ ގޮތުގައި އިއުލާނުގައި ބުނެފައިވަނީ:
- މަގާމުގެ މަސައްކަތާ ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު؛ ސަރުކާރުގައި، ނުވަތަ ޕަބްލިކް، ޕްރައިވެޓް ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގުވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން 6 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން ނުވަތަ
- މަގާމުގެ މަސައްކަތާ ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު؛ ސަރުކާރުގައި، ނުވަތަ ޕަބްލިކް، ޕްރައިވެޓް ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގުވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން 4 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން
އެ އިއުލާނުގައި ބުނެފައިވާ ގޮތުގައި އީއާރްއޭގެ ޗީފް އެޑްމިނިސްޓްރޭޓާގެ އަސާސީ މުސާރައަކީ މަހަކު 20،500.00 ރުފިޔާއެވެ. އަދި ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000.00 ރުފިޔާ ހިމެނެ އެވެ.
އެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހު 26 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އެވެ.
ކުރިން އީޕީއޭގެ އެންމެ އިސްމަގާމަކީ ޑިރެކްޓަރު ޖެނެރަލެވެ. އެ މަގާމުގައި މިހާރު ހުންނެވީ އިބްރާހިމް ނައީމެވެ.
އާއިޝަތު މާހާ
ރިޕޯޓް
ހައުސިން މިނިސްޓްރީ
ކުޅިވަރު
އިރާން