ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) މެންބަރަކު ކަމަށް އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ނަން ފޮނުއްވި ދެ ބޭފުޅުންގެ ތެރެއިން، މުހައްމަދު ފާރިސް ތޯހާ، ހ. ސޯސަން އަށް ގެވެށި އަނިޔާގެ ތުހުމަތު އޮތުމުން އެޗްއާރުސީއެމްގެ މެންބަރުކަމަށް އޭނާގެ ނަން ފާސްކުރަން ބޭނުންވާ މިންވަރަށް ކޮމެޓީން މާކުހެއް ނުލިބުނެވެ.
އިންސާނީ ހައްގުތަކާ ގުޅޭ އެޗްއާރުސީއެމްގެ ދެ މެންބަރެއްގެ މަގާމު ހުސްވާތީ ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ރައީސް ފޮނުއްވީ ތޯހާގެ އިތުރުން މުހައްމަދު ޝަފީގު މަހްމޫދު މ. ކޮޕީ ގެ ނަމެވެ.
އެ ދެ ބޭފުޅުންނާ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ރޭ އިންޓަވިއު ކުރިއެވެ.
އެ އިންޓަވިއުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންސީއޭގެ ކުރީގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމު ފުރުއްވި ތޯހާއާ ގުޅޭ ގޮތުން އާއްމުން ފޮނުވި ޝަކުވާތަކަށް ރިއާޔަތްކޮށް ބައެއް މެންބަރުން އޭނާއާ ސުވާލު ކުރެއްވިއެވެ.
އާއްމުން ހުށަހެޅި ޝަކުވާތަކުގެ ތެރޭގައި އެންމެ ބޮޑު ތުހުމަތެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ، އޭނާގެ ކުރީގެ އަނބިމީހާއަށް ގެވެށި އަނިޔާ ކުރި މައްސަލައާ ބެހޭގޮތުންނެވެ. އެ ކައިވެނި ރޫޅުނީ ވެސް އެކަމުގެ ސަބަބުން ކަމަށް އާއްމުން ހުށަހެޅި ޝަކުވާގައި ބުނެފައިވެއެވެ.
ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ފަޒީލް އެކަމާ ގުޅޭ ގޮތުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ތޯހާ ވިދާޅުވީ، އޭނާއަށް އެފަދަ ތުހުމަތެއް އޮތްކަން އެނގިވަޑައިގެންފައި ނުވާ ކަމަށާއި އެފަދަ ކަމެއްގައި އެއްވެސް އިދާރާއަކަށް ވެސް ހާޒިރުކޮށްފައި ނުވާ ކަމަށެވެ.
ހަމަ އެ ތުހުމަތާ ގުޅިގެން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ސުވާލު ކުރެއްވިއެވެ.
ޖަވާބު ދެއްވަމުން ތޯހާ ވިދާޅުވީ އެ ކައިވެނި ރޫޅުނީ ގެވެށި އަނިޔާއާ ހެދި ކަމަށް ބުނާ އަޑުތަކެއް މީގެ އަހަރުތަކެއް ކުރިން އޭނާއަށް ވެސް އިވިވަޑައިގެންނެވި ކަމަށެވެ. ނަމަވެސް، އެފަދަ ކަމެއް ހިނގާފައި ނުވާނެ ކަމަށެވެ. އެ އާއިލާއާ މިހާރު ވެސް ގުޅުން ރަނގަޅު ކަމަށް އޭނާ ބުންޏެވެ. އަދި އެ ކުއްޖާގެ މަންމަވެސް އޭނާއަށް ގެވެށި އަނިޔާކޮށްފައި ނުވާ ކަމަށް އޭނާ ބުންޏެވެ.
ގެވެށި އަނިޔާގެ ތުހުމަތުގެ އިތުރުން ލާއިންސާނީ އަމަލެއް ހިންގި ކަމުގެ ތުހުމަތު ވެސް ތޯހާގެ މައްޗަށްކޮށް ޝަކުވާ ހުށަހަޅާފައިވެއެވެ. އެއީ، އޭނާ ސިފައިން ގޭގައި މަސައްކަތްކުރި ދުވަސްވަރު ކޮށްފައިވާ ކަމެއް ކަމާއި ސިފައިންގެއިން ވަކިވެވަޑައިގަތީ ވެސް އެކަމާ ގުޅިގެން ކަމަށް އެ ޝަކުވާގައި އޮތެވެ. އާންމުންގެ މީހަކު ފޮނުވި އެ ޝަކުވާއާ ގުޅޭ ގޮތުން މެންބަރު ރިފާއު ސުވާލު ކުރެއްވި އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ތޯހާ ވިދާޅުވީ އޭނާ ސިފައިންގެއިން ވަކިވެވަޑައިގަތީ އެއްވެސް ކަމެއް ދިމާވެގެން ނޫން ކަމަށެވެ. އެ ފިޔަވަޅު އެޅުއްވީ އަމިއްލަ ކުންފުންޏަކުން ލިބުނު ރަނގަޅު ފުރުސަތަކާ ގުޅިގެން ކަމަށާއި އެމްއެންޑީއެފްގައި އެއްވެސް ގޯހެއް ހިނގައިގެން ނޫން ކަމަށް ތޯހާ ވިދާޅުވި އެވެ.
އިންޓަވިއުއަށް ފަހު ދެ ނަމަށް މެންބަރުން ދެއްވި މާކްސް ކޮމިޓީގެ މުގައްރިރު އިއުލާން ކުރެއްވއިރު، އޭނާއަށް ލިބިވަޑައިގެންނެވި އެވްރެޖް ޕޮއިންޓް 75 ޕަސެންޓަށްވުރެ ދަށްވުމުން އޭނާގެ ނަމަށް ވޯޓަކަށް ނާއްސަވައެވެ.
ވޯޓަށް އަހަން ކޮމިޓީން ކަނޑައަޅާފައިވާ މިންގަނޑަކީ މާކްސްގެ އެވްރެޖު 75 ޕަސެންޓަށްވުރެ މަތިވުމެވެ.
އެހެންކަމުން ކޮމިޓީން ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ މަތި ކަމަށްވާ 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބިވަޑައިގަތީ ޝަފީގަށް އެކަންޏެވެ.
އެހެންވެ ކޮމިޝަނަށް އައްޔަން ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ކޮމިޓީން ފާސްކުރީ ޝަފީގުގެ ނަން އެކަންޏެވެ.
އިބްރާހިމް ޒަކީ
ބިދޭސީންގެ މައްސަލަތައް
ޒަކާތް
ބޭރު ކުޅިވަރު
އައްޑޫ ސިޓީ