ދިވެހި ރައްޔިތުންނަށް އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ ނިޒާމުގެ ތެރެއިން ހިންގާ، އާސަންދަ އާއި އެންސްޕާއިން ރައްޔިތުންނަށް ހިދުމަތް ދިން ބިލްތަކަށް މިއަހަރުގެ ބަޖެޓުން މިހާތަނަށް 1.06 ބިލިޔަން ރުފިޔާ ދައްކާފައިވާކަމަށް ފިނޭންސް މިނިސްޓްރީ ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން މިކަން ހާމަކޮށްފައި ވަނީ، އާސަންދަ އާއި އެންސްޕާ މެދުވެރިކޮށް ހޮސްޕިޓަލްތަކާއި ކްލިކުތަކުން ރައްޔިތުން ހޯދާފައިވާ ހިދުމަތްތަކަށް، އެފަރާތްތަކަށް ސަރުކާރުން ދޭން ޖެހޭ ފައިސާ ނުލިބި ގިނަދުވަސް ވުމުގެ ސަބަބުން، އެތަންތަނުން ހިދުމަތްދިނުމަށް ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ، އެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް އެކުލަައިލި ރިޕޯޓުގައެވެ.

ފިނޭންސް މިނިސްޓްރީން އެ ކޮމިޓީއަށް ދިން މައުލޫމާތުގައިވާ ގޮތުން، މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް، އާސަންދަ އާއި އެންސްޕާއިން ހޯދި ހިދުމަތުގެ ބިލްތަކަށް 1.06 ބިލިޔަން ރުފިޔާ ވަނީ ދައްކާފައެވެ.

އެ ހިދުމަތްތަކުން އެހާ ބޮޑު ހަރަދުތަކެއް ކުރަން ޖެހޭ ސަބަބުތައްވެސް ކޮމިޓީން ދިރާސާކޮށް އެކުލަވައިލި ރިޕޯޓްގައި ވަނީ ހިމަނައިފައެވެ.