މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގައި އަވަސް ފަރުވާ ދިނުމުގެ ގާބިލުކަން އިތުރުކުރުމަށް އިނގިރޭސި ސަރުކާރުން އަވަސް ފަރުވާގެ ތަމްރީން ދޭނެ ތަކެތި އެމްއޭސީއެލަށް ހަދިޔާކޮށްފި އވެ.

އެމްއޭސީއެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައިކޮމިޝަންގެ ފަރާތުން އެ ތަކެތި ހަދިޔާކުރިކަމުގެ ރަމްޒީ ފިލާ ހަވާލުކޮށްދެއްވީ އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެކްޓިން ހައިކޮމިޝަނަރު މުހައްމަދު ތައުފީގް ވައްހާބް އެވެ. އެމްއޭސީއެލްގެ ފަރާތުން އެ ފިލައާ ހަވާލުވެވަޑައިގަތީ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދެވެ.

އެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފުގެ އިތުރުން އެ ކުންފުނީގެ އިސްވެރިންނާއި އިނގިރޭސި ހައިކޮމިޝަންގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

16 އޯގަސްޓް 2025، އިނގިރޭސި ސަރުކާރުން އެމްއޭސީއެލަށް އަވަސް ފަރުވާގެ ތަމްރީނު ދޭނެ ތަކެތި ހަދިޔާކުރުން -- ފޮޓޯ/ އެމްއޭސީއެލް

އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެކްޓިން ސަފީރު މުހައްމަދު ތައުފީގު ވައްހާބް ވިދާޅުވީ، ބޭރު ގައުމުތަކުގައި އުޅޭ އިނގިރޭސިވިލާތުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އެ ގައުމުން އެންމެ އިސްކަންދޭ ކަންތައް ކަމަށެވެ. އެގޮތުން އެމްއޭސީއެލަށް މިއަދު ހަދިޔާކުރި ތަކެތީގެ ސަބަބުން ރާއްޖެއަށް ކޮންމެ އަހަރަކު އަންނަ އެތައް ސަތޭކަ އިނގިރޭސިވިލާތުގެ ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

"މިއަދު ފޯރުކޮށްދިން އަވަސް ފަރުވާގެ ތަމްރީން ދޭނެ ތަކެތީގެ ސަބަބުން އެމްއޭސީއެލްގެ ފްރަންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ކުއްލި ހާލަތްތަކުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް ބޭނުންވާ ވަސީލަތްތަކާއެކު، އެކަމަށް ތައްޔާރަށް ތިބި މުވައްޒަފުންކަން ކަށަވަރު ވެގެންދާނެ، މިއީ އެމްއޭސީއެލް އާއެކު އޮންނަ ވަރުގަދަ ގުޅުން ރަމްޒުކޮށްދޭ ކަމެއް،" އެކްޓިން ހައި ކޮމިޝަނަރު ވައްހާބް ވިދާޅުވިއެވެ.

އެކްޓިން ހައި ކޮމިޝަނަރު ވައްހާބް ވަނީ އިމަޖެންސީ ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް ވަރުގަދަކުރުމަށް އެމްއޭސީއެލުން އިސްނަގައިގެން ކުރަމުން އަންނަ މަސައްކަތް ވެސް ފާހަގަކުރައްވައިފައެވެ.

16 އޯގަސްޓް 2025، އިނގިރޭސި ސަރުކާރުން އެމްއޭސީއެލަށް އަވަސް ފަރުވާގެ ތަމްރީނު ދޭނެ ތަކެތި ހަދިޔާކުރުން -- ފޮޓޯ/ އެމްއޭސީއެލް

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ ޝަރީފު ވަނީ އިނގިރޭސި ހައިކޮމިޝަނުން އެމްއޭސީއެލަށް ހަދިޔާކުރި ތަކެއްޗަށާއި އެ ކުންފުންޏާ ދޭތެރޭގައި ހައިކޮމިޝަނުން ބަހައްޓަވާ ގާތްކަމާއި ދެއްވާ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފައެވެ.

ޝަރީފު ވިދާޅުވީ، އެމްއޭސީއެލްއަކީ ރާއްޖޭގެ އިގުތިސާދުގެ މައި ދޮރޯށި ބަލަހައްޓާ ކުންފުނި ކަމަށްވާ އިރު، ރާއްޖެއާއި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ވަރުގަދަ އުސޫލުތަކާއި ގަވާއިދުތައް އެ ކުންފުނީގައި ކަނޑައަޅައި ތަންފީޒު ކުރަމުން އަންނަ ކަމަށެވެ. ހާއްސަކޮށް ދިމާވެދާނެ ކުއްލި ހާލަތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުން މުވައްޒަފުން ތަމްރީނުކޮށް، ގާބިލު ބަޔަކަށް ހެދުމަކީ ކުންފުނިން ނުހަނު އިސްކަންދީގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށް ވިދާޅުވިއެވެ.

އެމްއޭސީއެލުން ބުނީ އިނގިރޭސި ހައިކޮމިޝަނުން އެމްއޭސީއެލަށް ހަދިޔާކުރި މި ތަކެއްޗަކީ ރާއްޖޭގެ ރައްޔިތުން ކުއްލި ހާލަތްތަކަށް ތައްޔާރުކޮށް، އެފަދަ ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ގާބިލުކަން އިތުރުކުރުމުގެ މަގުސަދުގައި އިނގިރޭސިވިލާތުގެ ސަރުކާރުން ހިންގަމުން އަންނަ ޕްރޮޓެކްޓިވް ސެކިއުރިޓީ އެންޑް އެޓޭކް ރެސްޕޮންސް ޕްރޮގްރާމް (ޕީއެސްއޭއާރުޕީ) ގެ ދަށުން ހަދިޔާކުރި ތަކެތި ކަމަށެވެ.

މިއީ ރާއްޖޭގައި ގާއިކުރެވިފައިވާ އިނގިރޭސި ހައިކޮމިޝަނާއެކު މިއަހަރުގެ މެއި މަހުގައި ބޭއްވުނު ބައްދަލުވުންތަކުން ނިންމާފައިވާ ގޮތަށް ސަރަހައްދީ ގައުމުތަކުގެ ސެކިއުރިޓީ ހަރުދަނާކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދެވުނު ހަރަކާތެއް ކަމަށް އެމްއޭސީއެލުން ބުންޏެވެ.