ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލްއާންމު ކުށްވެރިކޮށް ރާއްޖޭގައި މިއަދު އެތައް ހާސް ބަޔަކު ނުކުމެ އެއްވުމެއް ބާއްވައިފިއެވެ.

އެ އެއްވުމަކީ އިޒްރޭލުގެ ލާއިންސާނީ ޖަރީމާތަކަށް ނިމުމެއް ގެނައުމަށް ގޮވާލައި ބޭއްވި އެއްވުމެކެވެ.

މިއަދު ހަވީރު މާފަންނު ސްޓޭޑިއަމްގައި "ގައުމީ ބޮޑު ހަރަކާތް" ގެ ނަމުގައި ބޭއްވި މި އެއްވުމުގައި، ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެ، ފަލަސްތީނުގެ ރައްޔިތުންނަށް އެއްބައިވަންތަކަން ފާޅުކޮށްފައިވެއެވެ.

15 އޮގަސްޓު 2025، އިޒްރޭލުން، ފަލަސްތީނުގަައި ހިންގަމުންދާ ގަތުލު އާންމާ ދެކޮޅަށް މިއަދު މާލޭގައި ބޭއްވި އެއްވުން —— ވަން ފޮޓޯ: ހަމްދާން އަހުމަދު ޝަރީފް

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުން އިސްނަގައިގެން ބޭއްވި މި އެއްވުމަށް، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލާއި އެހެން ސިޔާސީ އެކި ފިކުރުގެ އިސް ބައެއް ބޭފުޅުންނާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ ވަޑައިގެންފައެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުން ބުނީ އެ ހަރަކާތުގެ އެންމެ ބޮޑު ބޭނުމަކީ އިޒްރޭލުން ފަލަސްތީނު ހިސޯރު ކުރުން ނައްތާލުމަށް އަޑުއުފުލައި، ދުނިޔޭގެ ސަރުކާރުތަކަށް އެކަމުގައި ބާރު އެޅުމެވެ.

އެ އެއްވުމުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވީ، މިއީ ފަލަސްތީނަށްޓަކައި އެ ގައުމުގެ ރައްޔިތުންނާއި ގާޒާއަށްޓަކައި ބޭއްވި އެއްވުމެއް ކަމަށެވެ. އަދި ގާޒާގައި އޮތް ހިސޯރު މިހާރުން މިހާރަށް ނައްތާލަން ޖެހޭ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ، "އަޅުގަނޑުމެން މި ބުނަނީ ބޯޑަރުތައް ހުޅުވައިލާށޭ. އަޅުގަނޑުމެން ކުށްވެރި ކުރަން އިޒްރޭލުން ގައްޒާގެ އަހުލުވެރިންނާ މެދު ހިންގާ އަނިޔާވެރި އުދުވާން. އަދި އަޅުގަނޑުމެން ކުށްވެރިކުރަން ބައިނަލްއަގްވާމީ ބޮޑެތި ބާރުތަކުން، އިޒްރޭލަށް ދެމުންގެންދާ އެހީތެރިކަން،" ކަމަށެވެ.

ޝަހީމް ވިދާޅުވީ، ކުޑަކުދިންނާއި އާންމުންނަށް އެހީތެރިކަން ފޯރުކޮށްދޭން ތިބި ފަރާތްތަކުން އެ ސަރަހައްދަށް ވަދެވޭނެ ގޮތްތައް ފަހިކޮށްދިނުމަށް ގޮވާލާ ކަމަށެވެ.

މިކަމުގައި ދިވެހި ހުރިހާ ރައްޔިތުން ވެސް ސާބިތުކޮށް ތިބެންޖެހޭ ކަމަށާއި ފަލަސްތީނުގައި މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމްވެއްޖެއުމަށް ދާންދެން ސާބިތުވެ ތިބެން ޖެހޭނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.