ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސްޓޫޑެންޓް ކާޑަށް އެދި ހުށަހަޅައިގެން 100 ނަސީބުވެރިންނަށް 1,000 ރުފިޔާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އެ ޕްރޮމޯޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން އަންނަ މަހުގެ 30 ގެ ނިޔަލަށެވެ. ޕްރޮމޯޝަންގެ މުއްދަތުގައި ސްޓޫޑެންޓް ކާޑަށް އެދޭ ހުރިހާ ފަރާތްތަކަށް އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.
ބީއެމްއެލުން ބުނީ ފައިސާ ހަރަދުކުރުމުގައި ޒިންމާދާރު ގޮތްތަކަކަށް ކުޑަކުދިން އަހުލުވެރިކުރުވައި، މާލީ މިނިވަންކަން ދަސްކޮށްދިނުމުގެ ގޮތުން ފަރުމާކޮށްފައިވާ އެ ކާޑު ހަތް އަހަރުން މަތީގެ ދަރިވަރުންނަށް ލިބޭނެ ކަމަށާއި ބެލެނިވެރިންނަށް އެ ކާޑުގެ އެކައުންޓަށް ފައިސާ ފޮނުވައި، ހަރަދުކުރުމުގައި އިރުޝާދުދީ، ދަރިވަރުން ކާޑު ބޭނުންކުރާ ގޮތް ބެލެހެއްޓޭނެ ކަމަށެވެ. އެ ކާޑާއެކު ދަރިވަރުންނަށް ޅަފަތުގައި މުހިންމު މާލީ އާދަތައް ދަސްކޮށްދެވޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
ވިސާ ޑެބިޓް ކާޑެއްގެ ގޮތުގައި ދޫކުރާ އެ ކާޑުން އެއްވެސް ފީއެއް ނުނަގާނެއެވެ. އަދި އެ ކާޑުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި މުއާމަލާތްކުރެވޭނެއެވެ. ދަރިވަރުން އެ ކާޑުން ކުރާ މުއާމަލާތްތަކަށް އަހަރަކު އެއްފަހަރު ރިބޭޓެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އަހަރެއްގެ ތެރޭ ކުރާ ޖުމުލަ ހަރަދުގެ 0.5 އިންސައްތަ ކޮންމެ ކުއްޖެއްގެ ސޭވިން އެކައުންޓަށް ބޭންކުން ޖަމާކޮށްދޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.
ބީއެމްއެލުން ބުނީ ދަރިވަރުންގެ މެދުގައި މަގުބޫލު ބީއެމްއެލް ސްޓޫޑެންޓް ޑެބިޓް ކާޑުން ޕީއޯއެސް މެޝިންތަކުން ފައިސާ ދެއްކުމުން އެކި ފިހާރަތަކާއި، ރެސްޓޯރަންޓް އަދި ބުކްޝޮޕްތަކުން ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކުމުން 10 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ. ބެލެނިވެރިންގެ ބީއެމްއެމްއެލް މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް އެ ކާޑަށް އެދި ހުށަހަޅޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
ރާއްޖޭގެ އެންމެ ކުރިއަރާފައިވާ މާލީ އިދާރާގެ ހައިސިއްޔަތުން ބީއެމްއެލުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ އީޖާދީ ބޭންކިން ހައްލުތަކެއް ފޯރުކޮށްދިނުމަށެވެ. ބީއެމްއެލުން އަބަދުވެސް އަންނަނީ ރާއްޖޭގެ އިގުތިސާދީ ކުރިއެރުމަށާއި ތަރައްގީއަށް އެހީތެރިވެދޭ ޕްރޮޑަކްޓްތައް މުޖުތަމައަށް ތައާރަފުކުރަމުންނެވެ.
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް