އިޒްރޭލުގެ ސަރުކާރުން "ގްރޭޓާ އިޒްރޭލް" ގެ ނަމުގައި ކޮށްފައިވާ އިއުލާނަކީ ބައިނަލްއަގުވާމީ ގާނޫނާ ހިލާފު ވާހަކައެއް ކަމަށާއި ރާއްޖެއިން އެފަދަ އެއްވެސް ކަމަކަށް ތާއީދުނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ، މިދިޔަ އަންގާރަ ދުވަހު "އައި24 ނިއުސް ޗެނަލް"އަށް ދެއްވި އިންޓަވިއުއެއްގައި ވަނީ "ގްރޭޓާ އިޒްރޭލް" ގެ ވިސްނުމަކީ ނަތަންޔާހޫއާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމަށާއި އޭނާއަކީ ތާރީހީ އަދި ރޫޙާނީ މިޝަނެއްގައި" ހުރި މީހެއް ކަމަށް ވިދާޅުވެފައެވެ.

އެ ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި އެކްސްގައި ރައީސް މުއިއްޒު ވިދާޅުވީ، އެފަދަ ބަސްމަގު ހިމެނޭ ބަޔާންތަކަކީ ބައިނަލްއަގުވާމީ ގާނޫނާ ހިލާފު، އަދި ފަލަސްތީނު ރައްޔިތުންގެ އަމިއްލަ ނިންމުން ނިންމުމުގެ ހައްގަށް އުނިކަން ގެންނަ ކަންކަން ކަމަށެވެ.

"ފަލަސްތީނުގެ ހައްގުތައް ހިމާޔަތްކޮށް، ފަލަސްތީނުގެ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ ހިތާމަތައް ހުއްޓާލުމަށް ބައިނަލްއަގުވާމީ ފެންވަރުގައި މިހާރުން މިހާރަށް ގުޅިގެން މަސައްކަތްކުރުމަށް އިލްތިމާސްރަން،" ރައީސްގެ ޕޯސްޓުގައިވެއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ފަލަސްތީނަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދެމުން ގެންދާކަމަށާއި އިންސާފުވެރި، ފުރިހަމަ އަދި ދެމެހެއްޓެނިވި ސުލްޙައެއް ގާއިމުކުރުމަށްޓަކައި ކުރިއަށްގެންދަވާ ހުރިހާ މަސައްކަތެއްގައި ރާއްޖެއިން ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

"ގްރޭޓާ އިސްރާއީލް" އަކީ އިސްރާއީލުގެ ސަރަހައްދު ވެސްޓް ބޭންކް، ގާޒާ އަދި ސީރިޔާގެ ގޯލަން އުސްބިމާ ހަމައަށް ފުޅާކުރުމަށް ނިސްބަތްކޮށް ބޭނުންކުރާ ބަހެކެވެ.