ރާއްޖޭގެ އިގްތިސޯދަށް ދިމާވެފައިވާ މައްސަލަ ތަކުގެ ތެރެއިން، ޑޮލަރުގެ މައްސަލަ ހައްލުކުރުމަށްޓަކައި ވެރިކަމުގެ ދައުރު ދަންމާލަން ޖެހޭ ކަމަށް މަަޝްހޫރު ޗަމްޕާ ބްރަދާސްގެ ވެރިޔާ މުހައްމަދު މޫސާ (އުއްޗު) ވިދާޅުވެއްޖެއެވެ.

އުއްޗު މިހެން ވިދާޅުވީ، ޔޫޓިއުބް ޗެނަލް، "ދެނޯ" އަށް ދެއްވި އިންޓަވިއުއެއްގައެވެ.

އުއްޗު ވިދާޅުވީ ވެރިކަން ކުރަން ކޮންމެ ވެރިޔަކަށް ވެސް 10 އަހަރު ނުވަތަ 15 އަހަރުގެ މުއްދަތެއް ދޭން ޖެހޭ ކަމަށެވެ.

މިހާރު އޮންނަ ވެރިކަމުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި، ތެޅިފޮޅިގެން ހާސްކަމެއްގައި، ރައްޔިތުން ބޭނުންވާ ކަންކަން ވެރިންނަށް ކޮށްދެވޭނެކަމަށް ދެކެވަޑައިނުގަންނަވާ ކަމށްވެސް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން އޭނާ ވިދާޅުވީ ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ކުރަން އެންމެ ރަނގަޅު ކަމަކީ ވެރިކަމުގެ މުއްދަތު ދަންމާލުން ކަމަށެވެ.

އުއްޗު ވިދާޅުވީ ދުނިޔޭގެ ނިސްބަތުން އެންމެ ގިނައިން ޑޮލަރު ލިބޭ އެއް ގައުމަކީ ރާއްޖެކަމަށެވެ. މިސާލެއްގެ ގޮތުގައި އޭނާ ވިދާޅުވީ ވާރޭވެހޭހެން ރާއްޖެއަށް ޑޮލަރު ލިބޭ ކަމަށެވެ.

އާބާދީގެ ނިސްބަތުން ރާއްޖެއަކީ ކުޑަ ގައުމަކަށް ވިޔަސް މިއީ ބޮޑު ގައުމެއް ކަމަށާއި ދުރު ދުރުގައި ރަށްތައް އުފެދިފައި އޮތުމާއި، 200 އެއްހައި ރަށުގައި މީހުން ދިރިއުޅެމުން އަންނައިރު މިއިން ކޮންމެ ރަށަކަށް ބޭނުންވާ ކަންކަން ކުރުމަށް ބޮޑެތި ހަރަދުތަކެއް ހިނގާ ކަމަށްވެސް އޭނާ ވިދާޅުވި އެވެެ.

އެއީ ވެރިކަމަށް އަންނަ ކޮންމެ ވެރިޔެއްގެ ޖީބުން ކުރާ ހަރަދެއްނޫން ކަމަށާއި އެއީ ރައްޔިތުންގެ ފައިސާއިން ކުރާ ހަރަދުކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރަށްރަށަށް ބޭނުންވާ ކަންކަން ނުވުމުން އެއިރެއްގައި ހުންނަ ވެރިޔަކަށް އެއްޗެހި ގޮވާނެ ކަމަށާއި ދެން ޖެހެނީ ލޯނު ނަގައިގެން ވެސް ރަށްރަށުގެ މީހުންގެ ބޭނުންތައް ފުއްދައިދޭން ކަމަށްވެސް ވިދާޅުވިއެވެ. އެ ހުރިހާ ކަމެއް ކުރަން ލޯނު ނަގަނީ ޑޮލަރުން ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖެއަށް ފަސް އަހަރުގެ ވެރިކަމުގެ މުއްދަތެއް ކުޑަވާ ސަބަބަކީ އެހެން ގައުމުތަކަކީ އެއްގަމުން ދަތުރުކޮށް، ލަކުޑި އާއި ހިލަ އާއި ހިލަވެއްޔާއި ދަގަނޑު ފަދަ ތަކެތި ލިބޭ ގައުމުތަކުގެ ގޮތުގައި އޮތުން ކަމަށާއި، ރާއްޖޭގައި އެކަން ނެތުން ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖެއަށް ތަކެތި އެތެރެކޮށް، ރަށްރަށަށް އުފުލުމަކީ އުނދަގޫ ކަމަކަށްވާއިރު ވެރިން އެކަންކަން ކޮށްދެނީ ވަރަށް މަސައްކަތުން ކަމަށާއި އެކަމަށް ސެލިއުޓް ކުރާ ކަމަށް އުއްޗު ވިދާޅުވިއެވެ.

ނަމަވެސް އެފަދަ ކަންކަން ކުރުމަށް ވެރިންނަށް ލިބޭ މުއްދަތު މާ ކުޑަވުމުގެ ސަބަބުން ހަމަޖެހިލައިގެން މަސައްކަތްކުރަން ފުރުސަތު ނުލިބޭ ކަމަށާއި ހުރިހާ މަސައްކަތެއް ވެސް ކުރަން ޖެހެނީ ހާސްކަމުގައި ތެޅިފޮޅިގެން ކަމަށް ވިދާޅުވިއެވެ.

އުއްޗު ވިދާޅުވި ގޮތުގައި ފަސް އަހަރުގެ މުއްދަތުގައި ޑޮލަރަށް ރައްޔިތުންގެ ޑިމާންޑު އޮންނަވަރާ އަޅައިބަލާއިރު އަގު ދަށް ނުކުރެވޭނެއެވެ. ރަށްރަށުގައި އެއާޕޯޓު ހެދުމާއި އެހެން ކަންކަމަށް ޑޮލަރު ހޭދަކުރަން ޖެހޭ އިރު، އުއްޗު ވިދާޅުވީ ރާއްޖޭން ބޭރުން ލޯނު ނެގިޔަސް އެއީ ސީދާ ނަގުދު ޑޮލަރުން ލިބޭ ފައިސާ ނޫން ކަމަށެވެ.