ހުރިހާ ރައްޔިތުންނަށް ހަމަހަމަކާއެކު ހިދުމަތްތައް ފޯރުކޮށްދިނުމަށް އަބަދު ވެސް މަސައްކަތް ކުރައްވާނެ ކަމަށާއި އެއީ އެ މަނިކުފާނުގެ އެންމެ މުހިންމު އެއް ފަލްސަފާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު، ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މާޅޮހަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ރަށުގެ އާބާދީއަށް އެ މަނިކުފާނުގެ ސަރުކާރުން ނުބަލާނެ ކަމަށެވެ.
"އާބާދިއަކަށް ނުބަލަން. އާބާދީ ކިތަންމެ ކުޑަވި ނަމަވެސް އަޅުގަނޑަށް ދިވެހި ކޮންމެ ރައްޔިތަކު ހަމަހަމަ. ކޮންމެ ދިވެހި ރައްޔިތަކަށް ހަމަހަމަކަމާ އެކީގައި ކަންކަން ފުރިހަމަކޮށްދިނުމަކީ އަޅުގަނޑު މައިގަނޑު ފަލްސަފާ،" ރައީސް ވިދާޅުވިއެވެ.
އެެ މަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި މާޅޮހުގެ ރައްޔިތުންނަށް ވައުދުތަކެއް ވެވެޑައިގެންފައިވާނެ ކަމަށެވެ. ރައީސް ވިދާޅުވީ ވައުދުތައް ފުއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން މާޅޮހުގެ ބަނދަރު ތަރައްގީކުރަން ފަށައިފައިވާނެ ކަަމަށާއި ބޮޑު ހިލަ ލިބުމާއެކު އެ މަސައްކަތުގެ ބާރު ދުވެލީގައި ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބޮޑު ހިލަ ލިބުން ލަސްވަނީ ފައިސާގެ މައްސަލަތަކަކާ ހެދި ކަމަށާއި މިހާރު އެކަން ހަމަޖެހިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މާޅޮހުގެ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމުގެ ކަންކަން ބަނދަރުގެ މަސައްކަތް ނިމެންވާއިރަށް ފެށުމަށް ތައްޔާރުވަމުން ދާކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ބަނދަރަށް އިތުރުކުރެވޭ ބިމަށް މާޅޮހުގެ އިންޖީނުގެ ބަދަލުކުރުމުގެ މަސައްކަތް، ބަނދަރު މަސައްކަތް ނިމުމުން ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ފުޓްބޯޅަ ދަނޑުގެ މަސައްކަތް މިހާރު ވަނީ ބަޔަކާ ހަވާލުކޮށްފައި ކަމަށާއި މިއަހަރުގެ ތެރޭގައި ޔޫތް ސެންޓަރު ނުވަތަ ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ މަަސައްކަތާއި އައުޓްޑޯ ޖިމުގެ މަސައްކަތް ފަށާނެކަން އެ މަނިކުފާނު ވިދާޅުވިއެވެ.
މާޅޮހަކީ ބިން އަޑިކޮށް އޮންނަ ރަށަކަށްވުމުން އެ ރަށުގައި މެދުގައި ފެންބޮޑުވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެއީ ވަރަށް ޓެކްނިކަލް މައްސަލައަކަށްވުމުން ސަރުކާރުން އެކަން ދިރާސާ ކުރުމަށްފަހު ރަނގަޅު ހައްލެއް ހޯދައިދެއްވާނެ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ މާޅޮހުގެ މަގުތައް ހަދާނީ ރަށުގެ ރައްޔިތުން ބޭނުންވާ ކޮންސެޕްޓަކަށް ކަމަށާއި ރައްޔިތުން ބޭނުންވަނީ ގާއަތުރައިގެން ނުވަތަ ތާރުއަޅައިގެން ނުވަތަ އެއިން އެއްވެސް ކަމެއް ނުކޮށް، ހަމައެކަނި ފަސްގަނޑު ރަނގަޅުކޮށް، ރަނގަޅު ފެންހިންދާ ނިޒާމެއް ގާއިމުކުރަން ކަމަށް ވިޔަސް، ސަރުކާރުން އެކަން ކޮށްދެއްވާނެ ކަމަށެވެ.
އަދި ވިދާޅުވީ ރަށުގެ ސްކޫލަށް ބޭނުންވާ ކްލާސް ރޫމާއި ސައިންސް ލެބުމުގެ އިތުރުން މަލްޓިޕާޕޯސް ހޯލުގެ މަސައްކަތް ކުރާނީ ވެސް ރައްޔިތުން ނިންމާ ގޮތަކަށް ކަމަށެވެ. އެގޮތުން ސްކޫލުގެ ގޯތީގައި އެ ތަންތަން އިމާރަތް ކުރަން ބޭނުންވާނަމަ، އެކަން ކޮށްދެއްވާނެ ކަމަށާއި ނޫނީ ވަކިން ބިމެއް ހަމަޖައްސައި އެތަނުގައި އެ އިމާރާތްތައް ހަދަން ރައްޔިތުން ބޭނުންވާނަމަ، އެކަންވެސް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެކަން ކުރުމަށް ބެޖެޓު ތާށިކަމެއް ނެތް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރަށުގެ ސިއްހީ މަރުކަޒު ތަރަައްގީކުރުމަށް މީގެ ދެ ހަފުތާ ކުރިން ބަޔަކާ ހަވާލުކޮށް ސޮއިކޮށްފަައިވާނެ ކަމަށާއި ވަރަށް އަވަހަށް އެ މަޝްރޫއުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ މާޅޮހުގައި އިމާރަތްކުރާ 500 މީހުން ޖާގައިގެ މިސްކިތުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ. ސަރުކާރުން މިހާރު އިމާރާތް ކުރަމުންދަނީ ޒާމާނީ މިސްކިތްތައް ކަމަށާއި އެ މިސްކިތްތަކުގައި ލައިބްރަރީ އާއި އެކި ކަހަލަ ސެންޓަރުތައް ހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މާޅޮހުގައި ހަދާ މިސްކިތަކީ ސޯލާ ޕަވާއިން ކަރަންޓު އުފައްދައިން ބޭނުން ކުރެވޭ ގޮތަށް އިމާރާތް ކުރަމުންދާ މިސްކިތެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު