ބ. ދަރަވަންދޫ އެއާޕޯޓު އައިލެންޑް އޭވިއޭޝަނާ ހަވާލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ދަރަވަންދޫ އެއާޕޯޓު 2012 ވަނަ އަހަރު ތަރައްގީކޮށް، އެ އެއާޕޯޓު ހަވާލުކޮށްފައިވަނީ އެއާޕޯޓަށް އިންވެސްޓުކުރި ކޯސްޓްލައިން ހޮޓެލް އެންޑް ރިސޯޓްސްއާ އެވެ. ހަމަ އެ އަހަރު ކޯސްޓްލައިނުން ވަނީ ދަރަވަންދޫ އެއާޕޯޓުގެ ހިންގުން އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފައެވެ. ނަމަވެސް އެއާޕޯޓު ތަރައްގީގެ މަސައްކަތްތައް ކުރުމުގެ އެއްވެސް ބާރެއް އައިލެންޑް އޭވިއޭޝަނަކަށް ނޯވެއެވެ.

ބ. އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދަރަވަންދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ދަރަވަންދޫ އެއާޕޯޓު ތަރައްގީކުރުމުގެ މާގިނަ ކަންކަމެއް މިދިޔަ ދުވަސްތަކުގައި އެއާޕޯޓުގައި ހިނގާފައެއް ނުވާ ކަމަށެވެ. އެހެންކަމުން އެއާޕޯޓަށް އިންވެސްޓުކޮށް، އެ އެއާޕޯޓު ތަރައްގީކޮށްފައިވާ ފަރާތާ ސަރުކާރުން މަޝްވަރާކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެ ފަރާތާ އެކީގައި ދެ ފަރާތަށް އެއްބަސްވެވޭ ފަދަ އެއްބަސްވުމަކަށް އައިސް، އެ އެއާޕޯޓު އެ ފަރާތުން ނަގައި، އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށް، އައިލެންޑް އޭވިއޭޝަނުން އެތަން ސަރުކާރުން ބޭނުންވާ ފެންވަރަށް، ރައްޔިތުން ބޭނުންވާ ފެންވަރަށް ތަރައްގީކޮށް އޮޕަރޭޓުކުރުމަށް ހަވާލުކުރަން ސަރުކާރުން ނިންމާފައިވާ ވާހަކަ އަޅުގަނޑު އިއުލާންކުރަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއާޕޯޓުތައް ތަރައްގީކުރުމަށް އެ މަނިކުފާނު ވައުދުވެވަޑައިގެންފައިވާނެ ކަމަށާއި އެގޮތުން ދަރަވަންދޫ އެއާޕޯޓު ތަރައްގީކުރުމަށް ވެސް ނިންމަވާފައިވާނެ ކަމަށެވެ. އަދި ގާނޫނާއި ގަވާއިދާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އައިލެންޑް އޭވިއޭޝަނާ ދަރަވަންދޫ އެއާޕޯޓު ހަވާލުކުރުމަށް، އެއާޕޯޓަށް އިންވެސްޓުކޮށްފައިވާ ފަރާތާއެކު ވަރަށް އަވަސްމިނެއްގައި އެއްބަސްވުމަކަށް އަންނަން މަސައްކަތްކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެކަން ނިމުނުހާ އަވަހަކަށް މި ދެންނެވި މަރުހަލާ ފެށޭނެ. އައިލެންޑް އޭވިއޭޝަން އޮތީ ތައްޔާރަށް އެ މަސައްކަތްކުރަން. އަޅުގަނޑު އުންމީދުކުރަނީ ދާދި އަވަހަށް މި ދެންނެވި މަރުހަލާއަށް އަޅުގަނޑުމެންނަށް ދެވޭނެ ކަމަށް. އޭގެ ނަތީޖާ އިރާދަކުރެއްވިއްޔާ މުޅި އަތޮޅަށް ވެސް ވަރަށް ރަނގަޅުވާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ގިނަ އަދަދެއްގެ ފަތުރުވެރިން ވެސް ޒިޔާރަތްކުރާ ދަރަވަންދޫ އެއާޕޯޓުގެ ހާލަތާއި ހިދުމަތުގެ ފެންވަރު ދަށް ކަމުގެ ޝަކުވާތައް މީގެ ކުރިން ވެސް ވަނީ ބޮޑުވެފައެވެ. އެ އެއާޕޯޓު ތަރައްގީނުކުރާތީ، އެކަމުގެ ކަންބޮޑުވުންތައް މީގެ ކުރިން އައިލެންޑް އޭވިއޭޝަނުން ވެސް ވަނީ ފާހަގަކޮށްފައެވެ.