ބ. ދޮންފަނުގެ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް މިއަހަރު ފެށޭނެ ކަމަށާއި އެ މަޝްރޫއުތައް ނިމުމުން މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދޮންފަނުގައި މިއަދު ހަވީރު ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ ރާވާފައިވާ ގޮތަށް ދޮންފަނުގައި ތަރައްގީގެ މަޝްރޫއުތައް ސަރުކާރުން ކުރިއަށްގެންދާނެ ކަމަށާއި ނަރުދަމާގެ މަސައްކަތް ނިމުމުން މަގުގެ މަސައްކަތްތައް ވެސް ފެށިގެންދާނެ ކަމަށެވެ.
"އަޅުގަނޑު ޔަގީންކުރަނީ މި ދެންނެވި ކަންކަން އަޅުގަނޑު މި ދެންނެވިގޮތަށް ކުރިއަށްގެންގޮސް ނިމުމުން، ތިބޭފުޅުންނަށް ވަރަށް ގިނަ ކަންކަން ހައްލުވެގެންދާނެ. ބިމުގެ މައްސަލަ ހައްލުވޭ، ބަނދަރުގެ މައްސަލަ ހައްލުވޭ، މޫދަށް އެރުމުގެ މައްސަލަ ހައްލުވޭ، ކުޅިވަރު ކުޅުމާއި ފިޓްނަސްއާއި ހަށިހެޔޮކަމާ ގުޅޭ ކަންކަން ހައްލުވޭ، ތައުލީމީ ދާއިރާ ތަރައްގީކުރެވި، ސިއްހީ ދާއިރާ ތަރައްގީކުރެވިގެންދާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބިން ހިއްކުމާއި ބަނދަރުގެ ނެރުފައިކަށީގެ މައްސަލަ ހައްލުކުރުމާއި މޫދަށް އެރޭ ސަރަހައްދެއް ހެދުމުގެ މަޝްރޫއުގެ އިތުރުން ސްކޫލުގެ ޖާގައިގެ މައްސަލަ އިތުރުކުރުމުގެ މަޝްރޫއު މިއަދު ހަވާލުކުރެވުމުން، އެ މަޝްރޫއުތައް ދާދި އަވަހަށް ފެށިގެންދާނެ ކަމަށެވެ. އަދި ދޮންފަނުގެ ކުޅިވަރުގެ ދާއިރާ ތަރައްގީކުރުމުގެ މަޝްރޫއުތަކެއް ވެސް މިއަހަރު ފެށޭޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"މި ރަށުގެ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ފެށިފައި އޮތް ނަމަވެސް، އެ މަޝްރޫއު ފެށިފައި އޮތީ މުޅި ދަނޑުގެ ހުރިހާ ކަމެއް ނިންމޭ ގޮތަކަށް ނޫން. މި ސަރުކާރުން އަޅުގަނޑުމެން ދަނޑުތައް ހަދަން ފަށައި ނިންމަން މިއުޅެނީ ހުރިހާ ކަމެއް ހިމެނޭގޮތަށް. މާނަައަކީ ލައިޓު ވެސް ޖެހި، ރޭގަނޑު ވެސް ކުޅެވޭގޮތަށް، ފެންސު ވެސް ލެވި، ހުރިހާ ގޮތަކުން ފުރިހަމަކަން ލިބޭގޮތަށް. އެހެންވީމާ މި ރަށުގެ މި ފުޓުބޯޅަ ދަނޑުގެ މަޝްރޫއު އަޅުގަނޑުމެން ނިންމާލާނީ އިރާދަކުރެއްވިއްޔާ މި ދެންނެވި ފެންސިން އާއި ލައިޓުގެ މަސައްކަތާ އެކީގައި،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފުޓްސަލް އާއި ހޭންޑްބޯޅަ ކުޅެވޭގޮތަށް ދަނޑެއް ތަރައްގީކުރުމުގެ މަޝްރޫއު މިއަހަރު ހަވާލުކުރެވޭނެ ކަމަށާއި އަންނަ އަހަރުގެ ބަޖެޓުގައި ވޮލީބޯޅަ ކޯޓެއް ހެދުމުގެ މަސައްކަތް ހިމަނާނެ ކަމަށެވެ. އަދި ކުޅިވަރުގެ ދާއިރާއިން މިއަހަރު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ހެދުމަށް ވެސް ނިންމާފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
"މިހާރު އެކަމުގެ އެގްރިމަންޓުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ، އިދާރީ، ފަންނީ މަސައްކަތްތައް. ނިންމާލާފައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އެޅުމުގެ އަމަލީ މަސައްކަތް މިއަހަރު ފަށާނަން. ހަމައެއާއެކު އައިޓްޑޯ ޖިމްއެއް ގާއިމުކުރުމުގެ މަސައްކަތް ވެސް މިއަހަރުގެ ތެރޭގައި ކުރިއަށްގެންދާނަން. އެހެންވީމާ ޖުމުލަ ހަތަރު، ފަސް މަޝްރޫއެއް ކުޅިވަރުގެ ދާއިރާއިން މިއޮތީ ކަނޑައެޅިފައި،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ދޮންފަނު ސިއްހީ މަރުކަޒު ތަރައްގީކުރުމުގެ މަސައްކަތް ވެސް މިހާރު ހަވާލުކުރެވިފައިވާ ކަމަށާއި ފެނާއި ނަރުދަމާގެ މަސައްކަތްކުރުމަށް މީހުން ނުލިބޭ މައްސަލައަށް ހައްލެއް ހޯއްދަވައި، އެ މަސައްކަތް ވެސް ދާދި އަވަހަށް ފެށިގެންދާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު