ދޮންފަނުގައި ސަރުކާރުން ކުރިއަށްގެންދަން ނިންމާފައިވާ ތަރައްގީގެ ބައެއް މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

ރައީސް ބ. އަތޮޅަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން މިއަދު ދޮންފަނަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވަނީ އެ ރަށުގެ ބިން ހިއްކުމާއި ނެރު ބަދަލުކުރުމާއި މޫދަށް އެރޭ ސަރަހައްދު ތަރައްގީކުރުމުގެ އިތުރުން ސްކޫލުގެ ހަ ކްލާސްރޫމާއި މަލްޓި ޕާޕަސް ހޯލާއި ލައިބްރަރީ އަދި ސައިންސް ލެބް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ދޮންފަނުގެ ސްކޫލުގެ މަޝްރޫއުތައް ހަވާލުކޮށްފައިވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާއެވެ. އެ މަޝްރޫއުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއުއެވެ. އެފްޑީސީން ސޮއިކުރެއްވީ، އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލެވެ.

13 އޯގަސްޓް 2025، ބ. ދޮންފަނުގެ ސްކޫލުގެ ޖާގައާއި ވަސީލަތްތައް އިތުރުކުރުމުގެ މަޝްރޫއު އެފްޑީސީއާ ހަވާލުކުރުން --- ފޮޓޯ/ ރައީސް އޮފީސް

ދޮމްފަނުގެ ބިން ހިއްކުމާއި މޫދަށް އެރޭ ސަރަހައްދު ތަރައްގީކުރުމާއި ނެރު ބަދަލުކުރުމުގެ މަޝްރޫއު ހަވާލުކުރީ އެމްޓީސީސީއާއެވެ. އެކަމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެމްޓީީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ ރިޓަޔާޑް އަހުމަދު ސައުދީއެވެ.

ރައްޔިތުންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ދޮންފަނުގެ ބިމަށް އިތުރުކުރަނީ 13 ހެކްޓަރު ކަމަށެވެ.