ސައުދީ އަރަބިއްޔާއަކީ ރާއްޖޭގެ ތަރައްގީގެ ވަރަށް ބޮޑު ބައިވެރިއެއްކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދެ ގައުމުގެ ގުޅުމާބެބޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މި ސަރުކާރު އައިފަހުން ދެގައުމުގެ ގުޅުން އޮތީ ވަރަށް ވަރުގަދަކޮށްކަން ފާހަގަ ކުރައްވައި ހަލީލު ވިދާޅުވީ، އެއީ ހަމައެކަނި ދޭދޭ ދެ ގައުމެއްގެ ތެރޭގައި އޮތް ގުޅުމެއްނޫން ކަމަށާއި، އެއީ އެއަށްވުރެ މާ ގާތް އަހުވަންތަ، އިސްލާމީ އުސޫލުގެ މަތިވެރި ނަމޫނާގެ ތެރެއިން ކުރިއަށްދާ ގުޅުމެއްކަމަށެވެ.
ސައުދީއަކީ ރާއްޖޭގެ ތަރައްގީގެ ބޮޑު ބައިވެރިއެއްކަން ފާހަގަ ކުރައްވައި ހަލީލު ވިދާޅުވީ، މި ފަހުގެ ތާރީހެއްގައި، ރާއްޖޭގެ އެންމެ ބޮޑެތި މަޝްރޫއުތަކުގައި ވަރަށް ހާއްސަ ޝާމިލުކަމެއް ސައުދީ އަރަބިއްޔައިން ގެންގުޅެފައިވާކަމަށެވެ.
"އެގޮތުން ސައުދީ ސަރުކާރު ނިސްބަތްވާ ގޮތުން އަދި ސައުދީ ފަންޑް ނިސްބަތްވާގޮތުން ހާއްސަ ސަމާލުކަމެއް ރާއްޖޭގެ ތަރައްގީއަށް ދީފައިވަނީ، އެގޮތުން އެންމެ ފަހުން މި ހުޅުވި އެއާޕޯޓް ޓާމިނަލްގެ މަސައްކަތަށް ޝޯޓޭޖްވެ މިދިޔަ ސަރުކާރުން އުޅެގެންވެސް ނުލިބުނު، އެގޮތުން މިދިޔަ އޭޕްރީލް މަހުގެ 14 ވަނަދުވަހު ވަނީ 17 މިލިޔަން ޑޮލަރުގެ އެހީގެ އެއްބަސްވުމުގައި ދެގައުމުން ސޮއިކޮށްފަ،"
އޭގެ އިތުރުން ސައުދީ އަރަބިއްޔާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ދުވަހަކަށްވުރެ ދުވަހެއް ވަރުގަދަވަމުން އަންނަކަން ފާހަގަ ކުރައްވައި ހަލީލް ވިދާޅުވީ، މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ރާއްޖޭގެ އިސްވެރިން ސައުދީއަށް ހަ ފަހަރު ވަޑައިގެން، ހަ ބައްދަލުވުމެއް ބޭއްވިއިރު، މި ސަރުކާރަށް މިވީ ދޮޅު އަހަރުގެ ތެރޭގައި ހަތް ފަހަރު ސައުދީއަށް ވަޑައިގެން ހަތް ބައްދަލުވުމެއް ބާއްވާފައިވާކަމަށެވެ.
"ހާއްސަކޮށް ފާހަގަކޮށްލަން ރައީސް ނުރަސްމީ ދަތުރުފުޅެއްގައި ހައްޖަށް ވަޑައިގެންނެވިއިރު، ސައުދީގެ ވަލީ އަހްދާ ބައްދަލުކުރެއްވި. ދެ ބޭފުޅުންގެ ދެމެދު ވަރަށް ހާއްސަ މަޝްވަރާތަކެއް ކުރެއްވި. ފައިސާއިން ބެލިޔަސް، މިސަރުކާރު ވެރިކަމާ ހަވާލުވިއިރު، ތިން މިލިޔަން ޑޮލަރުގެ އެހީއެއް ފުރަތަމަ ހަފުތާއި ސައޫދީ ސަރުކާރުން ދެއްވި."
އިބްރާހިމް ޒަކީ
ބޭރު ކުޅިވަރު
ރިޕޯޓް
މިއުޒިކް އިންޑަސްޓްރީ
ކުއްލި ޚަބަރު