މިހާރު ވެރިކަމުގައި އޮތް ޕީއެންސީ އާއ ޕީޕީއެމް އިދިކޮޅު ޕާޓީތަކުގެ ގޮތުގައި އޮތް އިރު، އެއިރު އޮތް އެމްޑީޕީ ސަރުކާރާ ދެކޮޅަށް ކުރިއށްގެންދިޔަ "އިންޑިއާ އައުޓް ކެމްޕެއިން" ގައި އިންޑިއާ އައުޓް ލިޔެފައިވާ ޓީޝާޓް ލައިގެން ހުންނަވަނިކޮށް ފެނިފައި ނުވާނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބުދުﷲ ހަލީލު މިއަދު ވިދާޅުވެއްޖެއެވެ.

ހަލީލު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ނާޒިލް ސުވާލު ކުރެއްވީ "އިންޑިއާ އައުޓް" ޖެހި ޓީޝާޓެއްގައި ހުންނެވިންތޯ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ހަލީލު ވިދާޅުވީ އިންޑިއާ އައުޓް ޓީޝާޓް ލައިގެން އޭނާ ހުންނެވި ފޮޓޯއެއް ސޯޝަލް މީޑިއާއިން ނުފެންނާނެ ކަމަށެވެ.

ނަމަވެސް ރައްޖޭގެ އިސްތިގުލާލާއި މިނިވަންކަމާ ގުޅުން ހުރި ޓީޝާޓްލައިގެން ހުއްޓާ ފެނިދާނެ ކަމަށާއި، އެކަމަށް ފަހުރުވެރިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.