ޗާގޯސް ނުވަތަ ފޯޅަވަހީގެ ރަށްތަކަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާކަން ރާއްޖެއިން ބަލައިގަނެ، އެމްޑީޕީގެ ސަރުކާރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ސިއްރު ސިޓީއެއް ނުފޮނުއްވި ނަމަ، ގެއްލިފައިވާކަމަށް ބުނާ ކަނޑާއި، ފޯޅަވަހި ރާއްޖެއަށް ހޯދުމުގެ މައްސަލައިގައި ކުރިއަށް ދެވޭނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެއެވެ.

ހަލީލު މިގެން ވިދާޅުވީ، ރައްޔތިުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފޯޅަހި ރާއްޖެއަށް ހޯދުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކާބެހޭގޮތުން ވިލުފުށީ ދާއިރާގެ މެންބަރު ހަސަން ވަހީދު، ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ރައީސް ސޯލިހުގެ ސިއްރު ސިޓީގެ ސަބަބުން ރާއްޖޭގެ ދެކުނުގެ މަސްވެރިން މަސްވެރިކަން ކުރާން ބޭނުންކުރާ ބޮޑު ކަނޑެއް ގެއްލިފައިވާ ކަަމށެވެ. އެކަމުގެ ސަބަބުން ދެކުނުގެ މަސްވެރިކަމަށް ބުރޫއަރާފައިވާކަމުގެ ޝަކުވާ ލިބިފައިވާ ކަަމށްވެސް ވިދާޅުވިއެވެ.

ފޯޅަވަހީގެ ރަށްތަކަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާކަން ދިވެހިސަރުކާރުން ބަލައިގަނެ، އެމްޑީޕީގެ ސަރުކާރުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ކުމާރު ޖުގްނައުތާއަށް ސިޓީއެއް ފޮނުއްވީ 22 އޮގަސްޓު 2022ގަ އެވެ.

އެ ސިޓީ އާންމުކުރަން އެމްޑީޕީ ސަރުކާރުން ދެކޮޅު ހަދަމުންދަނިކޮށް ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި (ސެޕްޓެމްބަރު 2023ގައި) އެ ސިޓީ ވަނީ ލީކުކޮށްލައިފަ އެވެ.

ނަމަވެސް އެ ސިޓީ ރަސްމީ ސިފައެއްގައި އާންމު ކުރީ މި ސަރުކާރުންނެވެ. އެއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ކަމަށް ބުނާ ބައި ހޯދުމާ ބެހޭގޮތުން ކުރަމުން އަންނަ މަސައްކަތްތައް ހާމަކޮށް 19 ޑިސެމްބަރު 2023ގައި ނެރުނު ބަޔާނާ އެކީގަ އެވެ.

ސަރުކާރުން އާންމުކުރީ އޭގެ ކުރިން ލީކުވި ސިޓީއާ އެކައްޗެކެވެ.

މިނިސްޓަރު ހަލީލު ވިދާޅުވީ ފޯޅަވަހި މައްސަލައިގައި މިއަދުގެ ސަރުކާރުން ކުރަމުން އަންނަ މަސައްކަތަކީ ބޭރުގެ އެކިއެކި ލޯޔަރުން ހޯދައިގެން އެ މައްސަލަ އިތުރަށް ރިވިއު ކުރުމުގެ މަސައްކަތްކަމަށެވެ.