އަންނަ ސެޕްޓެމްބަރު މަހު އޮންނަ އެޕަލްގެ އަހަރީ ހަފުލާގައި އާ އައިފޯން 17 ސީރީޒް ނެރޭނެ ކަމަށް ބެލެވޭ ކަމަށް ޓެކް ހަބަރުތައް ބުނެފިއެވެ.

މިއީ އައިފޯންތަކުގެ އިތުރުން އެޕަލް ވޮޗް ފަދަ އާ އުފެއްދުންތައްވެސް ތައާރަފުކުރާނެކަމަށް ބެލެވޭތީ، ގިނަ ބަޔަކު ވަރަށް ކެތްމަދުވެފައިވާ އިވެންޓެކެވެ.

އިވެންޓުގެ ރަސްމީ ތާރީހެއް އަދި އާންމުކޮށްފައިނުވި ނަމަވެސް، އޮގަސްޓު މަހުގެ ފަހުކޮޅު ހާމަވާނެކަމަށް ހަބަރުތައް ބުނެއެވެ. މި އިވެންޓު ބާއްވާނީ ސެޕްޓެމްބަރު 9 ގައި ކަމަށާއި، ވިއްކަން ފަށާނީ ސެޕްޓެމްބަރު 12 ގައި ކަމަށް ވެސް ބައެއް ހަބަރުތައް ބުނެއެވެ. އިވެންޓުގެ ދައުވަތު އޮގަސްޓު 25 ވަނަ ދުވަހުގެ ފޮނުވާނެކަމަށް ލަފާކުރެވޭކަމަށް ހަބަރުތައް ބުނެއެވެ. މި އިވެންޓު އެޕަލް ޕާކް، ކުޕެޓީނޯގައި ބާއްވާއިރު، ޔޫޓިއުބް، އެޕަލް.ކޮމް އަދި އެޕަލް ޓީވީން ލައިވްކުރާނެ އެވެ.

އަލަށް ނެރޭނެ ކަމަށް ބެލެވިފައިވާ ބައެއް އުފެއްދުންތައް:

އައިފޯން 17 އާއި އައިފޯން 17 އެއަރ: އަލަށް ތައާރަފުކުރާ އައިފޯން 17 އެއަރ އަކީ ވަރަށް ތުނި މޮޑެލެއްކަމަށް ޓެކް ހަބަރުތައް ބުނެއެވެ. މި ދެ މޮޑެލްގައިވެސް 120Hz ޑިސްޕްލޭއާއި A19 ޗިޕް ހުންނާނެއެވެ. އެއަރ މޮޑެލްގެ ބޯމިން 5.65 މިލިމީޓަރަށް ތުނިވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އައިފޯން 17 ޕްރޯ، 17 ޕްރޯ މެކްސް: އައިފޯން 17 ޕްރޯ މޮޑެލްތަކަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެއެވެ. އެޕަލްގެ A19 ޕްރޯ ޗިޕާއި 12GB ރެމް ހުންނާނެކަމަށް ބެލެވިފައިވާ މި ފޯނުތަކުގައި 8x އޮޕްޓިކަލް ޒޫމާއި 8K ވީޑިއޯ ރެކޯޑިން ހުންނާނެއެވެ. އައިފޯން 17 ޕްރޯ މެކްސްގެ ބެޓެރީ 5000mAh އަށް ދާނެކަމަށްވެސް ހަބަރުތައް ބުނެއެވެ.

އެޕަލް ވޮޗް ސީރީޒް 11: މި އާ ސީރީޒްގައި ކޮމްޕެކްޓް ޑިޒައިނަކާއެކު ބޮޑެތި ކުރިއެރުންތަކެއް އަންނާނެއެވެ. S11 ޗިޕާއި 5G ކަނެކްޓިވިޓީއަށް ޓަކައި މީޑިއާޓެކް މޯޑެމް ޗިޕެއް ހުންނާނެއެވެ. އަދި އޭއައި-ޕަވަރޑް ވޯކްއައުޓް ބަޑީއެއްގެ އިތުރުން ސްމާޓް ނޮޓިފިކޭޝަން އަދި އިޝާރާތުން މަސައްކަތްކުރާ ބައެއް ފީޗާތައްވެސް ހުންނާނެކަމަށް ހަބަރުތައް ބުނެއެވެ.

އެޕަލް ވޮޗް އަލްޓްރާ 3: މި މޮޑެލްގައި ވައިޑް އެންގްލް އޯއެލްއީޑީ ޑިސްޕްލޭއެއް ހުންނާނެކަމަށާއި، ކުއްލި ހާލަތްތަކަށް ސެޓެލައިޓް ކަނެކްޓިވިޓީ ލިބޭނެކަމަށް ހަބަރުތައް ބުނެއެވެ. އަދި އާ ޗިޕަކާއި ހެލްތު މޮނިޓަރިން ފީޗާތައްވެސް ހުންނާނެއެވެ.

މި އުފެއްދުންތަކުގެ އިތުރުން، އެއާޕޮޑްސް ޕްރޯ 3، އެޕަލް ޓީވީ 4K ސްޓްރީމިން ޑިވައިސް އަދި ހޯމްޕޮޑް 3 ވެސް މި އިވެންޓުން ތައާރަފުކުރާނެކަމަށް ބެލެވޭކަމަށް ހަބަރުތައް ބުނެއެވެ.