އާންމު ރައްޔިތުންނަށް، ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަން ހުށަހެޅޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމަށް ހުށަހަޅައިފިއެވެ.
މަޖިލީހުގެ މިހާރުގެ ގަވާއިދުގައި އޮންނަ ގޮތުން ނަމަ، ރައްޔިތުންނަށް ޕެޓިޝަން ހުށަހެޅުމުގެ ފުރުސަތު ލިބެނީ މަޖިލިސް މެންބަރެއް މެދުވެރިކޮށެވެ.
އަލަށް ހުށަހަޅާ އިސްލާހުގައި މެންބަރެއް މެދުވެރިނުކޮށް ވެސް ރައްޔިތުންނަށް ޕެޓިޝަން ހުށަހެޅޭ ގޮތަށް އޮތް އިރު، ޕެޓިޝަން ހުށަހެޅުމާ ގުޅޭ ކަންކަން ވަނީ އިތުރަށް ތަފްސީލުކޮށްދީފައެވެ. މަޖިލީހަށް ޕެޓިޝަން ހުށަހެޅެނީ މިހާރު ވެސް ބަޔާންކޮށްފައިވާ މައްސަލަތަކުގެ މައްޗަށެވެ. އެއީ ބިލަކާ ގުޅޭގޮތުން، މަޖިލީހަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅޭގޮތުން އަދި ރައްޔިތުންގެ ނުވަތަ ގައުމުގެ މަސްލަހަތު ހިމެނޭ ކަމަކާ ގުޅޭގޮތުންނެވެ.
އިސްލާހުގައި ބުނެފައިވަނީ، މަޖިލީހަށް ކަރުދާސް ޕެޓިޝަން ނުވަތަ އީ ޕެޓިޝަން ވެސް ހުށަހެޅޭނެ ކަމަށެވެ. ކަރުދާސް ޕެޓިޝަން ހުށަހަޅަން ޖެހެނީ މަޖިލިސް އިދާރާއަށެވެ. އަދި އީ ޕެޓިޝަން ހުށަހަޅަން ޖެހެނީ މަޖިލީހުގެ އިލެކްޓްރޯނިކް ޕެޓިޝަން ޕޯޓަލް (އީ-ޕެޓިޝަން ޕޯޓަލް) މެދުވެރިކޮށެވެ.
މިހާރުގެ އިސްލާހުގައި ޕެޓިޝަންގައި ސޮއިކުރަން ޖެހޭ ވަކި އަދަދެއް ބަޔާންކޮށްފައި ނުވި ނަމަވެސް، އިސްލާހުގައި ވަނީ އަދަދު ކަނޑައަޅައިފައެވެ. އެއީ ޕެޓިޝަން ހުށަހަޅާ ފަރާތާއެކު މަދުވެގެން 500 މީހުން ސޮއިކޮށްފައި އޮތުމެވެ.
ޕެޓިޝަންގެ ބައެއް އެހެން ޝަރުތުތައް:
- ޕެޓިޝަނާ ގުޅިގެން މަޖިލީހުން ނުވަތަ ސަރުކާރުން އެޅުމަށް އެދެނީ ކޮން ފިޔަވަޅެއްކަން ސާފުކޮށް ބަޔާންކޮށްފައިވުން.
- މަޖިލީހަށް ކުރިން ހުށަހެޅިގެން ކުރިއަށްގެންދާ ޕެޓިޝަނެއްގައި އެޅުމަށް ގޮވާލާފައިވާ ފިޔަވަޅެއް އަލުން އެޅުމަށް ހިމަނާފައިވުން.
- ސަރުކާރުން ނުވަތަ މަޖިލީހުން ސީދާ ޒިންމާވާންޖެހޭ ކަމަކަށް ނުވާ ފަދަ މައްސަލައެއް ނުވަތަ ސަރުކާރާއި ރައްޔިތުންގެ މަޖިލިސް ފިޔަވައި އެހެން ފަރާތަކުން ޒިންމާވާން ޖެހޭ ކަމެއް ހިމެނިފައިވުން.
އޭގެ އިތުރުން ވެސް ގިނަ ޝަރުތުތަކެއް ހިމަނާފައިވާ އިރު، ހުށަހަޅާ ޕެޓިޝަނެއް ބަލައިނުގަތުމަށް އެ ގަވާއިދުގެ ދަށުން ޕެޓިޝަން ކޮމިޓީއަށް ހަމަޖައްސާފައިވާ މުވައްޒަފުން ކަނޑައަޅަންވާނެ ކަމަށް އެ އިސްލާހުގައިވެއެވެ. ނަމަވެސް ބަލައިނުގަންނަ ޕެޓިޝަން އިސްލާހުކުރުމާއި ބަލައިނުގަތުމަށް ނިންމާ ނިންމުން އިސްތިއުނާފުކުރުމުގެ ފުރުސަތު ލިބިގެންވެއެވެ.
އިސްލާހުގައި ބުނެފައިވަނީ، ޕެޓިޝަން ބަލައިގަތުމަށްފަހު ޕެޓިޝަން ކޮމިޓީއަށް ޕެޓިޝަން ލިބޭތާ ރަސްމީ ބަންދު ނޫން ފަސް ދުވަހުގެ ތެރޭގައި އެ ޕެޓިޝަނާ ގުޅޭގޮތުން ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވަންވާނެ ކަމަށެވެ. އަދި ޕެޓިޝަނެއް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ބޭނުންވާ ސޮއިގެ އަދަދު ހަމަވާ ނަމަ، އެ ޕެޓިޝަނެއް ޕެޓިޝަން ކޮމިޓީއަށް ލިބޭތާ ރަސްމީ ބަންދު ނޫން ދެ ދުވަހުގެ ތެރޭގައި ސަރުކާރުގެ ސަމާލުކަމަށް ގެންނަންވާނެ ކަމަށާއި އެ ޕެޓިޝަނެއް ސަރުކާރުގެ ސަމާލުކަމަށް ގެނެސްފި ނަމަ، އެ ތާރީހުން ފެށިގެން 21 ދުވަހުގެ ތެރޭގައި އެ ޕެޓިޝަނަކާ މެދު ސަރުކާރުން ދެކޭ ގޮތް މަޖިލީހަށް އަންގަންވާނެ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.
ޕެޓިޝަނަކާ މެދު މަޖިލީހުގައި ބަހުސްކުރުމަށް ބޭނުންވާ އެންމެ މަދު ސޮއިގެ އަދަދު ހަމަވާ ނަމަ، ކޮމިޓީއަށް ޕެޓިޝަން ލިބޭތާ ރަސްމީ ބަންދު ނޫން ދެ ދުވަހުގެ ތެރޭގައި ސަރުކާރުގެ ސަމާލުކަމަށް ގެނެސް، ޕެޓިޝަނާ މެދު މަޖިލީހުގައި ބަހުސްކުރުމަށްޓަކައި އެ ޕެޓިޝަން، މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް ގެންނަން ވާނެ ކަމަށެވެ. އަދި އެ ޕެޓިޝަނެއް ސަރުކާރުގެ ސަމާލުކަމަށް ގެންނަތާ ގިނަވެގެން 30 ދުވަހުގެ ތެރޭގައި އެ ޕެޓިޝަނަކާ ގުޅިގެން ސަރުކާރުން ދެކޭ ގޮތް ހާމަކުރުމުގެ އިތުރުން، އެ ޕެޓިޝަންގައިވާ ކަންކަމަށް ހައްލެއް ގެނައުމުގެ ގޮތުން ސަރުކާރުން އެޅުމަށް ނިންމާފައިވާ ފިޔަވަޅުތައް މަޖިލީހަށް އަންގަންވާނެ ކަމަށް އިސްލާހުގައިވެއެވެ.
އަދި މަޖިލިސް ޖަލްސާގައި ބަހުސްކުރުމަށް މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް ގެންނަ ޕެޓިޝަނެއް، އެންމެ އަވަހަށް ބާއްވާ ތިން ޖަލްސާގެ ތެރެއިން ޖަލްސާގެ އެޖެންޑާއެއްގައި ހިމަނައި ބަހުސްކުރަން ވާނެ ކަމަށާއި އެ ޕެޓިޝަނަކާ މެދު ބަހުސްކުރެވޭނީ އެންމެ ގިނަވެގެން ދެ ގަޑިއިރަށް ކަމަށް އިސްލާހުގައިވެއެވެ. ނަމަވެސް މަޖިލީހުގެ ޖަލްސާއެއްގައި އެ ޕެޓިޝަނަކާ މެދު ކުރެވޭ ބަހުސެއްގައި އެއްވެސް ހުށަހެޅުމެއް ހުށަހެޅުން ނުވަތަ ވޯޓެއް ނެގުމަށް ނުވަތަ އެނޫން ވެސް ނިންމުމެއް ނިންމުމެއް ނޯންނާނެ ކަމަށެވެ.
އިސްލާހުގައިވާގޮތުން ޕެޓިޝަން ކޮމިޓީއަށް ހުށަހެޅޭ ކޮންމެ ޕެޓިޝަނެއް އެ ކޮމިޓީން ބަލައި، ގޮތެއް ކަނޑައަޅައި، ކޮމިޓީގެ ރިޕޯޓާއެކު މައްސަލަ މަޖިލީހަށް ހުށަހަޅަން ޖެހޭނެއެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް