ރައީސް ޑރ. މުހައްމަދު މުއިއްޒު، ބ. އޭދަފުށީގައި މޯލްޑިވްސް އިމިގްރޭޝަންގެ އޮފީހެއް ހުޅުވައިދެއްވައިފިއެވެ.

ރައީސް، އިމިގްރޭޝަން އޮފީސް ހުޅުވައިދެއްވީ އެ މަނިކުފާނު ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ ހަވީރު އޭދަފުށްޓަށް ވަޑައިގެންނެވެ.

އިމިގްރޭޝަން އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ އޮފީހުން ޕާސްޕޯޓު ހިދުމަތް ހޯދި ފުރަތަމަ ފަރާތަށް ޕާސްޕޯޓު ވަނީ ހަވާލުކޮށްފައެވެ. އެ ފަރާތަށް ޕާސްޕޯޓް ހަވާލުކޮށްދިނީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނެވެ.

11 އޮގަސްޓު 2025، ބ. އޭދަފުށީގައި ގާއިމުކުރި މޯލްޑިވްސް އިމިގްރޭޝަންގެ އޮފީހުން، ޕާސްޕޯޓު ހިދުމަތް ހޯދި ފުރަތަމަ ފަރާތާއި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން، ޕާސްޕޯޓް ހަވާލުކޮށްދެއްވަނީ ---- ފޮޓޯ: ރައީސް އޮފީސް

މީހުން ދިރިއުޅޭ ރަށްރަށުގައި އިމިގްރޭޝަންގެ ހިދުމަތް ގާއިމުކޮށް ފަސޭހައިން ޕާސްޕޯޓް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ.

އެ ސިޔާސަތުގެ ދަށުން މިހާތަނަށްވަނީ 11 އަތޮޅެއްގައި އިމިގްރޭޝަންގެ އޮފީހެއް ގާއިމުކޮށްފައެވެ.