މި ހަފުތާގެ ތެރޭގައި ބ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފެށުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަމާޒު ހިފައިފިއެވެ.

ބީއެމްއެލުން "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ބ. އަތޮޅުގެ ކަމަދޫ، ކުޑަރިކިލު އަދި ކެންދޫގައި މިއަދު ވަނީ ސެލްފް ސާވިސް ބޭންކިން އޭޓީއެމް ހިދުމަތް ތައާރަފުކޮށްފައެވެ.

އެ ރަށްތަކުގައި އޭޓީއެމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ބީއެމްއެލުން މިއަދު ބުނީ މި ހަފްތާ ތެރޭގައި ބ. ގޮއިދޫ، ފެހެންދޫ، ފުޅަދޫ، ހިތާދޫ، ދޮންފަނު އަދި މާޅޮހުގައި އޭޓީއެމް ހިދުމަތް ތައާރަފުކޮށް ބ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ފެށިގެންދާނެ ކަމަށެވެ.

އެކަމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ބ. އަތޮޅުގެ އިތުރު ދިހަ ރަށަށް އޭޓީއެމްގެ ހިދުމަތް ދޭން ފެށުމާއެކު 'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' ޕްރޮގްރާމްގެ ދަށުން މިއަހަރު ތެރޭ އަލަށް އޭޓީއެމް ހިދުމަތް ދޭން ފެށި ރަށްތަކުގެ އަދަދު 47 އަށް އަރާނެ ކަމަށެވެ.

"ޝައްކެއް ނެތް ގޮތުގައި މިއީ މިހާތަނަށް އަޅުގަނޑުމެން ހިންގާ އެންމެ ބޮޑު އެއް ޕްރޮޖެކްޓް، މިއިން ދޭހަކޮށްދެނީ ރައްޔިތުންގެ މާލީ ބައިވެރިވުން އިތުރުކުރުމަށާއި ރަށްރަށުގެ ތަރައްގީއަށް އަޅުގަނޑުމެންދޭ އަހައްމިއްޔަތުކަން،" ބީއެމްއެލްގެ ސީއީއޯ ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 134 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 189 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ބީއެމްއެލުން ބުނީ އެ ބޭންކުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އީޖާދީ ބޭންކިން ހައްލުތައް ގާއިމުކޮށް މުޖުތަމަޢު ބާރުވެރިކުރުވުމަށް ކަމަށެވެ.