ރައީސް ޑރ. މުހައްމަދު މުއިއްޒު، ބ. ކުޑަރިކިލުގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްގެ ހިދުމަތް ފަައްޓަވައިދެއްވައިފިއެވެ.
ރައީސް، ކުޑަރިކިލުގެ އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވީ އެ މަނިކުފާނު މިހާރު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ކުޑަރިކިލަށް ވަޑަައިގެން، އެކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު، ކުޑަރިކިލުގެ ކައުންސިލްގެ ރައީސް އަބްދުލްހަންނާން އައްބާސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް ވަނީ އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވުމަށްފަހު ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލާ ހަވާލުކުރައްވައިފައެވެ. ކުޑަރިކިލު ކައުންސިލުގެ ފަރާތުން އެ ކާޑާ ހަވާލުވެވަޑައިގެންނެވީ ކައުންސިލުގެ ރައީސް އަބްދުލްހަންނާން އައްބާސްއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.
އެ ނިންމުމުގެ ދަށުން މިހާތަނަށް ހަ އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ވަނީ ފަށައިފައެވެ. މިހާތަނަށް ހުރިހާ ރަށެއްގައި މި ހިދުމަތް ގާއިމްކުރެވުނު އަތޮޅުތަކަކީ ހއ. އަތޮޅާއި، ށ. އަތޮޅާއި ދ. އަތޮޅާއި ނ. އަތޮޅާއި މ. އަތޮޅުގެ އިތުރުން ކ. އަތޮޅެވެ.
މިއަހަރު ނިމޭއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 250 އަށް ވުރެ ގިނަ އޭޓީއެމް ގާއިމުކުރެވިގެންދާނެކަމަށް ބީއެމްއެލުން ކުރިން ބުނެފައިވެއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު