މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ދިމާވި އެކިއެކި ދަތިތަކުން އަރައިގަނެވި މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ގޮތްތަކެއް މިހާރު މަގުފަހިވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު، ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު. ކުޑަރިކިލަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި އެ މަނިކުފާނު ވަނީ ކުޑަރިކިލަށް ވަޑައިގެން ރައްޔިތުން ބޭނުންވާ ކަންތައްތައް އައްސަވައި، ރައްޔިތުންނަށް ވައުދުތަކެއް ވެވަޑައިގެންފައި ކަމަށެވެ.
"މިހާރު އަޅުގަނޑުމެންނަށް ކަންތައްތައް ތަރުތީބު ކުރެވިފައިވާ ހިސާބުން، މިދިޔަ ދުވަސްތަކުގަ މިރަށުގައި އަދި މިގޮތަށް ހުރި ރަށްތަކެއްގެ މަސައްކަތްތައް ފެށުމަށްޓަކައި ވާންޖެހޭ ހުރިހާ ކަމެއް، ތައްޔާރީތަކެއް ކުރެވިފައި ވަނީ. އެހެންވީމާ މި ދަތުރުގައި އަޅުގަނޑު ތިބޭފުޅުންނަށް ދޭން ބޭނުންވާ އެންމެ ބޮޑު ޔަގީންކަމަކީ އަޅުގަނޑުމެންނަށް ދިމާވި އެކިއެކި ދަތިތަކުން އަރައިގަނެވި އެކިއެކި ރަށްރަށުގައި މިރަށް ހިމެނޭހެން ކުރަން ޖެހިފައި ހުރި ކަންކަމުގައި ކުރިއަށް ދެވޭނެ މަގު އަޅުގަނޑުމެން މިހާރު ވާނީ ފަހިކޮށްފައި،" ރައީސް ވިދާޅުވިއެވެ.
އެހެންކަމުން ކުޑަރިކިލުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ވެސް ފުރިހަމައަށް ކޮށްދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއުގެ މަސައްކަތް އަލުން ފެށުމަށް ވާންޖެހޭ ތައްޔާރީތައްވެ ނިމިފައިވާ ކަމަށާއި މިމަހުގެ ތެރޭގައި އެ މަޝްރޫއުގެ މަސައްކަތް އަލުން ފަށައި ކުރިއަށް އޮތް ސެޕްޓެމްބަރުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި އެ މަޝްރޫއުގެ މަސައްކަތް ނިންމައިދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުޑަރިކިލުގެ މަގުތައް ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްފައިވާ ކަމަށާއި ނަމަވެސް މަގުތައް ހެދުމުގެ ކަންކަން ކުރިއަށް ގެންދެވޭނީ ފެނާއި ނަރުދަމާގެ މަސައްކަތް ނިމުމުން ކަމަށެވެ.
ކުޑަރިކިލުގެ ސްކޫލް މަޝްރޫއު ހުއްޓިފައިވާކަން ފާހަގަކުރައްވައި، އެ މަނިކުފާނު ވިދާޅުވީ އެ މަސައްކަތް ވެސް ފެށުމަށް ހުރިހާ ތައްޔާރީތަކެއްވެ ނިމިފައިވާ ކަމަށާއި ސްކޫލް މަސައްކަތް ނިމުމުން މަލްޓިޕާޕަސް ހޯލް ހެދުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
އަދި ސިއްހީ މަރުކަޒުގެ ތަރައްގީ ކުރުމުގެ މަސަައްކަތް ވެސް ކުރިއަށް ގެންދާނެ ކަމަށާއި ރަށުގެ ރައްޔިތުން ވަނީ މިސްކިތެއް ބޭނުންވާކަން ރިޔާސީ އިންތިހާބުގެ ކެމްޕޭނު ދުވަސްވަރު ފާހަގަކޮށްފައި ކަމަށެވެ. އަދި ރަށުން ބިމެއް ހަމަޖެހުނުހާ އަވަހަކަށް މިސްކިތުގެ މަސައްކަތް ފަށާނެ ކަމަށާއި މިސްކިތުގެ މަސައްކަތް މިހާރު ވަނީ ކޮންޓްރެކްޓު ކޮށްފައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރަށުގެ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުން ވެސް ހުއްޓިފައިވާ ކަމަށާއި އެ މަސައްކަތް ވެސް މިމަހުގެ ތެރޭގައި ބަޔަކާ ހަވާލު ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެހެން ކުޅިވަރު ފެސިލިޓީސް ހެދުމަށް ބޭނުންވާ ބިން ހަމަޖެހުމުން އެތަންތަނުގެ މަސައްކަތް ވެސް ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު