ބ. ކަމަދޫގައި ސީ ޕްލޭން ހިދުމަތް ފެށުމަށް އެއްބަސްވުމެއްގައި އައިލެންޑް އެވިއޭޝަން ސާވިސަސްއާއި ހޯކްސް ހޮޓެލްސް ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކޮށްފިއެވެ.

އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކަމަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.

ކަމަދޫގައި ސީ ޕްލޭން ހިދުމަތް ފެށުމުގެ އެއްބަސްވުމުގައި އައިލެންޑް އެވިއޭޝަން ސާވިސަސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އެވެ. ހޯކްސް ހޮޓަލްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމާން އެވެ.

11 އޮގަސްޓު 2025، ބ. ކަމަދޫގައި ސީ ޕްލޭން ހިދުމަތް ފެށުމަށް އެއްބަސްވުމެއްގައި އައިލެންޑް އެވިއޭޝަން ސާވިސަސްއާއި ހޯކްސް ހޮޓެލްސް ޕްރައިވެޓް ލިމިޓެޑްއިން ސޮއިކުރުމުގެ ތެރެއިން ---- ފޮޓޯ: ރައީސް އޮފީސް

ސޮއިކުރުމުގެ އެއްބަސްވުމަށްފަހު ކަމަދޫ ރައްޔިތުންނާ މުހާތަބު ކުރައްވައި ރައީސް ވިދާޅުވީ ބ. އަތޮޅުގެ ތަރައްގީގެ ލިސްޓުގެ ފަހަތުގައި ކަމަދޫ އޮތްއޮތުން ނިމުމަކަށް ގެނެސް، އެރަށާމެދު އޮތް ތަފާތުކުރުން ނައްތާލައި، ހަމަހަމަ ތަރައްގީ ގެނެސްދެއްވާނެ ކަމަށެވެ. ސީ ޕްލޭންގެ ހިދުމަތް ފެށުމުގެ އެއްބަސްވުމަކީވެސް އެ މަސައްކަތުގެ ބައެއް ކަމަށެވެ.

"ސީޕްލޭންގެ ހިދުމަތް ފެށިގެން ދިއުމަކީ ލޯކަލް ޓޫރިޒަމް މިހާބޮޑަށް ތަރައްގީވެފައިވާ އަދި ވަރަށް ބޮޑަށް ތަރައްގީ ކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ރަށަކަށްވާ އިރުގަ ވަރަށް ބޮޑު އިގްތިސޯދީ ފައިދާއެއް މިރަށް ކުރާނެ ކަމެއް. އެކަމަށްޓަކައި ރަށުގެ ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް މަރުހަބާ ދަންވަނަން، އަދި މިކަމުގައި އައިލެންޑް އެވިއޭޝަންއާއި ހޯކްސް އެކީގައި އެއްބަސްވުމުގައި ސޮއިކުރެވިގެން ދިއުމުން އެ ދެ ކުންފުންޏަށް ޝުކުރު އަދާކުރަން" ރައީސް ވިދާޅުވިއެވެ.