މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން މޯލްޑިއަން އިން ކަމަދުއަށް ސީޕްލޭން ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ.

މޯލްޑިވިއަން އިން މިއަދު ބުނީ މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން ކޮންމެ ބުރާސްފަތި އަދި ހޮނިހިރު ދުވަހެއްގައި ދަތުރުތައް އޮންނާނެ ކަމަށެވެ.

މޯލްޑިވިއަން އިން ދިވެހީންނަށް ހާއްސަ އަގެއް ވެސް ވަނީ ތައާރަފުކޮށްފައެވެ. އެގޮތުން ދިވެހީންނަށް އެއްކޮޅު ޓިކެޓް 1199 ރުފިޔާއަށް ލިބޭނެ އެވެ.

ކަމަދޫގައި ސީ ޕްލޭން ހިދުމަތް ފެށުމަށް އައިލެންޑް އެވިއޭޝަން ސާވިސަސް އާއި ހޯކްސް ހޮޓެލްސް ޕްރައިވެޓް ލިމިޓެޑާ އެކު ސޮއިކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހު ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކަމަދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާއެއްގައެވެ.

އެ ޖަލްސާގައި ރައީސް ވިދާޅުވެފައިވަނީ ބ. އަތޮޅުގެ ތަރައްގީގެ ލިސްޓުގެ ފަހަތުގައި ކަމަދޫ އޮތްއޮތުން ނިމުމަކަށް ގެނެސް، އެރަށާ މެދު އޮތް ތަފާތުކުރުން ނައްތާލައި، ހަމަހަމަ ތަރައްގީ ގެނެސްދެއްވާނެ ކަމަށެވެ. ސީ ޕްލޭންގެ ހިދުމަތް ފެށުމަކީ ވެސް އެ މަސައްކަތުގެ ބައެއް ކަމަށެވެ.

ސީޕްލޭންގެ ހިދުމަތް ފެށިގެން ދިއުމަކީ އެރަށުގެ ލޯކަލް ޓޫރިޒަމަށް ވަރަށް ބޮޑު ފައިދާއެއް ލިބިގެންދާނެ ކަމެއް ކަމަށެވެ. އަދި އެރަށަކީ ވަރަށް ބޮޑަށް ތަރައްގީ ކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ރަށަކަށްވާތީ އެކަމުގެ ސަބަބުން އިގުތިސޯދީ ގޮތުން ވެސް ވަރަށް ފައިދާވާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.