ރައީސް ޑރ. މުހައްމަދު މުއިއްޒު، ބ. ކަމަދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްގެ ހިދުމަތް ފަަށްޓަވައިދެއްވައިފިއެވެ.

ރައީސް، ކަމަދޫގައި އޭޓީއެމްގެ ހިދުމަތް ފަށްޓަވައިދެއްވީ އެ މަނިކުފާނު މިހާރު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ކަމަދޫއަށް ވަޑަައިގެން، އެކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު، ކަމަދޫ ކައުންސިލްގެ ރައީސް ހަސަން ޒަރީރު ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް ވަނީ އޭޓީއެމްގެ ހިދުމަތް ފަށްޓަވައިދެއްވުމަށްފަހު ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލާ ހަވާލުކުރައްވައިފައެވެ. ކަމަދޫ ކައުންސިލުގެ ފަރާތުން އެ ކާޑާ ހަވާލުވެވަޑައިގެންނެވީ ކައުންސިލުގެ ރައީސް، ހަސަން ޒަރީރު އެވެ.

11 އޮގަސްޓު 2025، ރައީސް ޑރ. މުހައްމަދު މުއިއްޒު، ބ. ކަމަދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްގެ ހިދުމަތް ފަަށްޓަވައިދެއްވުމަށްފަހު ހަނދާނީ ބޭންކް ކާޑު ކަމަދޫގެ ކައުންސިލްގެ ރައީސް ހަސަން ޒަރީރުއާ ހަވާލުކުރައްވަނީ ---- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.

އެ ނިންމުމުގެ ދަށުން މިހާތަނަށް ހަ އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ވަނީ ފަށައިފައެވެ. މިހާތަނަށް ހުރިހާ ރަށެއްގައި މި ހިދުމަތް ގާއިމްކުރެވުނު އަތޮޅުތަކަކީ ހއ. އަތޮޅާއި، ށ. އަތޮޅާއި ދ. އަތޮޅާއި ނ. އަތޮޅާއި މ. އަތޮޅުގެ އިތުރުން ކ. އަތޮޅެވެ.

މިއަހަރު ނިމޭއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 250 އަށް ވުރެ ގިނަ އޭޓީއެމް ގާއިމުކުރެވިގެންދާނެކަމަށް ބީއެމްއެލުން ކުރިން ބުނެފައިވެއެވެ.