އެޕަލްއިން އަންނަ މަހު އައި.އޯ.އެސް 26 ގެ ސްޓޭބަލް އަޕްޑޭޓް ނެރޭން ވަނީ ނިންމައިފައެވެ. މި އަޕްޑޭޓާއެކު އައިފޯންތަކަށް އެޕަލް އިންޓެލިޖެންސްގެ ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ޓެކްނޮލޮޖީ ހަބަރުތައް ބުނެއެވެ.

މީގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ އޯޕަންއޭއައި ގެ ޖީ.ޕީ.ޓީ 5 މޮޑެލް އެޕަލް އިންޓެލިޖެންސާ ގުޅުވައިލުން ކަމަށް އެޕަލްއިން ވަނީ ކަށަވަރުކޮށްދީފައެވެ. ޖީ.ޕީ.ޓީ 5 އައިފޯން 15 ޕްރޯ، އައިފޯން 16 ސީރީޒް އަދި އައިފޯން 17 ސީރީޒްއަށް ލިބިގެންދާނެއެވެ. މީގެ އިތުރުން އެޕަލް އިންޓެލިޖެންސް ސަޕޯޓްކުރާ އައިޕެޑް އަދި މެކް ފަދަ އެހެން ޑިވައިސްތަކަށް ވެސް އަންނަ މަހު އައިޕެޑްއޯއެސް 26 އަދި މެކްއޯއެސް ތާހޯ 26 އާއެކު ލިބޭނެއެވެ.

މިހާރު އައިފޯންތަކުން ބޭނުންކުރަނީ ޖީ.ޕީ.ޓީ 4އޯ އެވެ. ނަމަވެސް ޖީ.ޕީ.ޓީ 5 އާއެކު އިތުރު އެޑްވާންސް ފީޗާސްތަކެއް ލިބޭނެއެވެ.

އައިފޯނުގައި ޖީ.ޕީ.ޓީ 5 ބޭނުންކުރެވޭނެ ގޮތްތަކުގެ ތެރޭގައި ސިރީ މެދުވެރިކޮށް ސުވާލުކުރުމަށް ޑިފޯލްޓް އޭ.އައި އެސިސްޓެންޓެއްގެ ގޮތުގައި ޗެޓްޖީ.ޕީ.ޓީ ބޭނުންކުރުން ހިމެނެއެވެ. ހަމަ އެހެންމެ، ރައިޓިންގް ޓޫލްސް ބޭނުންކޮށްގެން ލިޔުންތައް ތައްޔާރުކުރުމާއި، ރަނގަޅުކުރުމާއި، އަލުން ލިޔެހެދުމަށް ވެސް ޖީ.ޕީ.ޓީ 5 ގެ އެހީތެރިކަން ލިބޭނެއެވެ. މީގެ އިތުރުން އޭ.އައި މެދުވެރިކޮށް ފޮޓޯ އުފެއްދުމަށް ވެސް އެހީތެރިވެދޭނެ އެވެ. ނަމަވެސް މި ސިސްޓަމްގެ ހިލޭ ވާޝަންގައި ބައެއް ކަހަލަ ލިމިޓްތައް ހުންނާނެ އެވެ. އަދި ވިޝުއަލް އިންޓެލިޖެންސް ބޭނުންކޮށްގެން ތަންތަނާއި އެއްޗެހީގެ މައުލޫމާތު ސުވާލުކުރުމަށް ވެސް ޖީ.ޕީ.ޓީ 5 ބޭނުންކުރެވޭނެއެވެ.

ޖީ.ޕީ.ޓީ 5 އަށް އިތުރަށް އެޕަލް އިންޓެލިޖެންސްއަށް ލައިވް ޓްރާންސްލޭޝަން އާއި، އިމޭޖް ޕްލޭގްރައުންޑް ގައި ފޮޓޯ އުފެއްދުމުގެ ގާބިލިއްޔަތު އިތުރުވުން ފަދަ އެތައް އާ ގާބިލިއްޔަތެއް އައި.އޯ.އެސް 26 އާއެކު ލިބިގެންދާނެއެވެ. މި އަޕްޑޭޓް ސެޕްޓެމްބަރު މަހު ނެރޭނެ ކަމަށް ބެލެވޭކަމަށް ހަބަރުތައް ބުނެއެވެ.