ބްރެޑް ޕިޓްގެ ފިލްމު "އެފް1" އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް 561 މިލިއަން ޑޮލަރު ލިބިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

މީގެ ތެރެއިން 176 މިލިއަން ޑޮލަރަކީ އެމެރިކާގެ ބޮކްސް އޮފީހުން ލިބިފައިވާ އަދަދެކެވެ. ބައިނަލްއަގްވާމީ ބޮކްސް އޮފީހުން ލިބިފައިވަނީ 384 މިލިއަން ޑޮލަރެވެ.

މި ފިލްމު ހެދުމަށް 300 މިލިއަން ޑޮލަރު ހޭދަވި އިރު، ފިލްމުގެ ބަޖެޓްގެ ބޮޑު ބައެއް ހަމަޖެއްސުމަށް 40 މިލިއަން ޑޮލަރު ވަނީ ބްރޭންޑްތަކުގެ ލޯގޯ ބޭނުންކޮށްގެން ހޯދާފައެވެ.

މި ފިލްމުން ބްރެޑް ޕިޓްއަށް އެކަނި 30 މިލިއަން ޑޮލަރު ލިބިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. "އެފް1" އަކީ ޕިޓްގެ އެންމެ އާމްދަނީ ރަނގަޅު ފިލްމު ކަމުގައި ވީ ނަމަވެސް، އޭނާގެ ކާމިޔާބު އެހެން ފިލްމުތަކުގެ ތެރޭގައި 540 މިލިއަން ޑޮލަރު ލިބުނު "ވޯލްޑް ވޯ ޒެޑް"، 497 މިލިއަން ޑޮލަރު ލިބުނު "ޓްރޯއި" އަދި 478 މިލިއަން ޑޮލަރު ލިބުނު "މިސްޓަރ އެންޑް މިސެސް ސްމިތު" ހިމެނެއެވެ.

މި އަހަރާ ހަމައަށް ބްރެޑް ޕިޓްގެ ޖުމްލަ މުދަލުގެ އަގު 400 މިލިއަން ޑޮލަރަށް އަރާކަމަށް "ސެލެބްރިޓީ ނެޓް ވޯތު" އިން ރިޕޯޓުކުރެއެވެ.