އިންޑިޔާއިން އެމެރިކާއަށް އެކްސްޕޯޓްކުރާ ތަކެތިން ނަގާ ޑިއުޓީ ނުވަތަ ޓެކްސް ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ ހުސްވި ހަފުތާގެ ތެރޭގައި ފަންސަވީސް ޕަސަންޓަށް ބޮޑު ކުރައްވައިފައެވެ. މިއީ އިންޑިޔާއަށް އަދަބު ދެއްވުމަށް ކުރެއްވި ކަމެކެވެ. މިމަގުން މިކަން ކުރެއްވުމަށްފަހު ޓްރަމްޕު ވިދާޅުވިއެވެ. އަދި ނިމުނީއެއް ނޫނެވެ. މިއީ ފެށުމެކެވެ. އިންޑިޔާގެ އަމަލުތައް ހުރިނެތްގޮތަށް ބަލައިފައި އަދިވެސް ޓެރިފް ބޮޑުކުރާނަމެވެ. ޓްރަމްޕުގެ މި ނިންމެވުމަކީ ގިނަބަޔަކަށް ހައިރާންކަން ލިބުނު ނިންމެވުމެކެވެ. އިންޑިޔާ އާއި އެމެރިކާގެ ގުޅުން ބަދަހިވަމުންދާތާ އަހަރެއްހައި ދުވަސްވެއްޖެއެވެ. އެހެންވީމާ އިންޑިޔާއަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ. އިންޑިޔާއަކީ ދުނިޔޭގެ އެންމެ ބޮޑު އާބާދީއެވެ. އެންމެ ބޮޑު ޑިމޮކްރަސީއެވެ. އެންމެ ބޮޑު މާކެޓެވެ. ކޮންމެއަކަސް މިހާރު މިއޮތީ ދެގައުމުގެ ގުޅުން ވަރަށް ނާޒުކު ފައްތަރަކަށް ސޮއްސާލައިފައެވެ. ޒުވާބުތަކާއި އަރައިރުންތައް އޮތީ ފެށިފައެވެ.

މިފަދަ ނިންމެވުމެއް ޓްރަމްޕު ނިންމެވީ ކީއްވެގެން ހެއްޔެވެ. މައްސަލަޔަކީ ޓްރަމްޕު ވިދާޅުވީމާ ވިދާޅުވާހައި ގޮތަކަށް އިންޑިޔާ ދީލައިނުލުމެވެ. ރަޝިޔާގެ ތެޔޮ އިންޑިޔާއަށް އެތެރެކުރުން ހުއްޓައިނުލުމެވެ. ޓްރަމްޕު ވިދާޅުވާގޮތުން ރަޝިޔާގެ ތެޔޮ ގަތުން މަދުކުރުމުގެ ބަދަލުގައި އިންޑިޔާއިން ދަނީ އެއްމަހުން އަނެއް މަހަށް އިތުރު ކުރަމުންނެވެ. ބޮޑެތި ފައިދާތަކެއް ނަގަމުންނެވެ. މިކަމުގެ މިސާލެއް ދައްކަވަމުން ޓްރަމްޕު ވިދާޅުވިއެވެ. ކަލޭމެން އެންމެންވެސް ދެކޭށެވެ. ރަޝިޔާގެ ހަގުރާމައިގެ އިންޖީނުން ކޮންމެ ދުވަހަކުވެސް ޔުކްރޭނުގައި އެތައް ބަޔަކު އެދަނީ މަރަމުންނެވެ. އެ އިންޖީނު ހިންގަނީ އިންޑިޔާއިން ލިބޭ ފައިސާއިންނެވެ. އެހެންވީމާ ޔުކްރޭނުގެ ހަގުރާމަ ހުއްޓުވުމުގެ ގޮތުން ރަޝިޔާގެ ހަގުރާމައިގެ އިންޖީނު ނިއްވައިލާން މަޖުބޫރެވެ. އިންޖީނު ނިއްވައިލެވޭނީ އެޔަށް ތެޔޮއެޅުން ހުއްޓުވިގެންނެވެ. އިންޑިޔާއަށް އަދަބުދޭން ޖެހުނީ އެހެންވެއެވެ. ޔުކްރޭނުގައި މަރުވާ މީހުންނާމެދު އިންޑިޔާގެ ކަންބޮޑުވުމެއް، އަޅާލުމެއް، ފިކުރެއް ނެތުމުންނެވެ.

ޓްރަމްޕުގެ ބަހުރުވައިންނަމަ މިކަން އިސްލާހު ކުރަންދެން ޓެރިފް ގެންދާނީ ބޮޑުކުރަމުންނެވެ. އިންޑިޔާ ކުޑަކަކޫ މައްޗަށް ތިރިވަންދެނެވެ. ޔުކްރޭނުގައި ބަޔަކު މަރުވާތީ އެކަމާ އިންޑިޔާ ކަންބޮޑުނުވާ ކަމަށް ތުހުމަތުކޮށް ޔުކްރޭނުގެ ހަގުރާމަޔަށް ދަރުއަޅާ ބަޔަކީ އިންޑިޔާކަމަށް ބުނެ އެގައުމާ ދެކޮޅަށް އެމެރިކާއިން ފިޔަވަޅު އެޅުމަކީ އޭގެ ޒާތުގައި ވަރަށްވެސް ހެއްވާ ކަމެކެވެ. ދެކޮޅުނުޖެހޭ ކަމެކެވެ. ފަލަސްތީނުގެ ރައްޔިތުން މަރައި ހުސްކުރުމަށް އިޒްރޭލުން ހިންގަމުންދާ އެންމެހައި ޖަރީމާތަކަށް ވާގިވެރިވެ އިޒްރޭލަށް ފައިސާޔާއި ހަތިޔާރު އޮއްސަނީ އެމެރިކާއިންނެވެ. ދުނިޔޭގެ އެކި ގައުމުތަކަށް އެންމެ ގިނަައިން ބޮންއަޅައި އެންމެ ގިނަބަޔަކު މަރަނީ އެމެރިކާއިންނެވެ. ގާޒާގެ ރައްޔިތުން ބަނޑަށް މެރުމުގައިވެސް އަމަލީގޮތުން ބައިވެރިވާ އެއްގައުމަކީ އެމެރިކާއެވެ. މިދެންނެވި ޖަރީމާތަކަކީ ދުނިޔޭގެ އެހެން ބަޔަކު ދެނެތިބި ކަމެއް ނޫންކަމަށް ޓްރަމްޕު ހީފުޅުކުރައްވަނީ ތޯއްޗެކެވެ.

ކޮންމެއަކަސް ދުނިޔޭގެ ހަގުރާމަތައް ހުއްޓުވައި ސުލްހަ ގާއިމުކުރާ ކަމަށްވެއްޖެނަމަ އެންމެ ފުރަތަމަވެސް ކުރާންޖެހޭ ކަމަކީ އެމެރިކާގެ ހަގުރާމައިގެ އިންޖީނަށް ތެޔޮއެޅުން ހުއްޓުވުމެވެ. އެހެންވީމާ އަޚުލާގީ ގޮތުން އިންޑިޔާއަށް ކުރުން ލާޒިމުކަމަކީ އެމެރިކާއިން އިންޑިޔާއަށް އެކްސްޕޯޓްކުރާ ތަކެތީގެ ޓެރިފް ބޮޑުކުރުމެވެ. އެމެރިކާއަށް އަދަބު ދިނުމެވެ. އެމެރިކާއިން އިންޑިޔާއަށް އެކްސްޕޯޓްކުރާ ތަކެތީގެ އަގުވެސް އަހަރަކު ގާތްގަޑަކަށް 42 ބިލިޔަން ޑޮލަރަށް އަރައެވެ. އެމެރިކާއިން އިންޑިޔާއަށް އެކްސްޕޯޓްކުރާ މިންވަރަށްވުރެ އިންޑިޔާއިން އެމެރިކާއަށް އެކްސްޕޯޓްކުރާ މިންވަރު ގިނައެވެ. އެއީ އަހަރަކު ގާތްގަޑަކަަށް 87 ބިލިޔަން ޑޮލަރެވެ. ތިލަފަތް ބަރުވަނީ އިންޑިޔާ ފަޅިއަށެވެ. އެކަންއޮތީ އެހެންނެވެ. ކޮންމެއަކަސް ޓްރަމްޕު އަޅުއްވަނީ ކޮންޒާތެއްގެ އައިނެއްކަމެއް ނޭގެއެވެ. ޔަގީންވަނީ އޭނާއަށް ފެނިވަޑައިގަންނަވަނީ އެހެން މީހުންގެ ކުށްތައް ކަމެވެ. އެމެރިކާ ކުރީމާ ހުއްދައެވެ. ނަލައެވެ. ފުރިހަމައެވެ. އެހެންބަޔަކު ކުރީމާ ގޯހެވެ.

މިހިސާބުން އުފެދޭ ސުވާލަކީ ޓްރަމްޕު ދެކެ ބިރުން އިންޑިޔާއިން ރަޝިޔާއާއެކު ކުރަމުންދާ ވިޔަފާރި ހުއްޓައިލާނެ ބާވައެވެ. ރަޝިޔާގެ ތެލާއި ގޭސް އެތެރެކުރުން ހުއްޓައިލާނެ ބާވައެވެ. އަދި ރަޝިޔާގައި އުފައްދާ ހަތިޔާރު ގަތުންވެސް ހުއްޓައިލާނެ ބާވައެވެ. ހިޔެެއް ނުވެއެވެ. މިކަމާމެދު އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި ވަކިއެއްޗެއް ވިދާޅެއް ނުވެއެވެ. މޯދީއަކީ މިޒާތުގެ ކަންކަމުގައި ނިކަން ހަރުކަށިކޮށް ބަސް ވިދާޅުވާ ބޭފުޅެކެވެ. ކޮންމެވެސް ގައުމަކަށް އިޝާރާތް ކުރައްވަމުން ކަލޭމެން މައިތިރިވެގެން ހިމޭނުން ތިބޭށޭ، އެހެންނޫނިއްޔާ މަގޭ ބަޑީގައި ވަޒަން އެބަހުއްޓޭ ވިދާޅުވެ އިންޒާރު ދެއްވީވެސް އޭނާއެވެ. އެކަމަކު އެމެރިކާއާ ޖެހުނީމާ މޯދީ މިވަގުތު ހުންނެވީ ހިމޭނުންނެވެ. އެކަމަކު އިންޑިޔާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ވަނީ އެމެރިކާއަށް ރައްދު ދެއްވައިފައެވެ. ވިދާޅުވިއެވެ. ވަރަށް ހެއްވާ ކަމެކެވެ. އެމެރިކާއާއި ހުޅަގުގެ ގައުމުތަކުން ރަޝިޔާއާ މުއާމަލާތު އެބަކުރެއެވެ. ދެން އެކަން ހުއްޓަައިލާންވީ އަހުރެމެން ބާވައެވެ. ނޫނެކެވެ. އެކަމެއް ނުވާނެއެވެ.

އަދިވެސް އޭނާ ވިދާޅުވިއެވެ. އިންޑިޔާއިން ކުރާ ވިޔަފާރިއަކީ އިންޑިޔާގެ މަސްލަހަތު ނިޔާކުރާގޮތުގެ މަތިން ކުރެވޭ ވިޔަފާރިއެކެވެ. އެއީ އެހެންބަޔަކާ ބެހޭކަމެއް ނޫނެވެ. އިންޑިޔާ ދާނީ ރަޝިޔާއާއެކު ވިޔަފާރީގެ ކަންކަމުގައި ކުރިއަށެވެ. ފިޔަވަޅުތައް އަޅަން ދަންނަނީ އެމެރިކާ އެކަންޏެއް ނޫނެވެ. އަހަރެމެންވެސް އެކުޅިވަރު ދަންނަމެވެ. މިކަމާ ގުޅިގެން ރައްދުގައި އަޅަންޖެހޭ ފިޔަވަޅުތައް އަހަރެމެންވެސް އަޅާނަމެވެ. އެކަމުގައި ބިރުގަތުމެއް ފަސްޖެހުމެއް ނުވެއެވެ. އިންޑިޔާއިން އެބުނަނީ ތެދެކެވެ. ރަޝިޔާގެ ތެޔޮ އިންޑިޔާއިން ގަންނަނީ އިންޑިޔާއަށް ފައިދާބޮޑު ގޮތަކަށެވެ. ވަރަށް ބޮޑަށް ޑިސްކައުންޓް ލިބިގެންނެވެ. ޔުކްރޭނާއި ރަޝިޔާގެ ހަގުރާމަ ފެށުނުއިރު އިންޑިޔާއިން އިމްޕޯޓްކުރަނީ ރަޝިޔާގެ ތެލުގެ ވަރަށް މަދު މިންވަރެކެވެ. އެކަމަކު ފާއިތުވި ތިންއަހަރުގެ ތެރޭގައި އެމިންވަރު ވަނީ އެތައް ގުނައެއް އިތުރުކޮށްފައެވެ. މިހާރު ކޮންމެ ދުވަހަކުވެސް ގާތްގަޑަކަށް ދެ މިލިޔަން ފީފާގެ ތެލެވެ. އިންޑިޔާއަކީ ޗައިނާ ފިޔަވައި މިހާރު ރަޝިޔާގެ ތެޔޮ އެންމެ ގިނައިން އިމްޕޯޓްކުރާ ގައުމެވެ. ބާޒާރުގެ އަގަށްވުރެ ހެޔޮކޮށް ގަންނާތީ ފާއިތުވި ތިން އަހަރު އިންޑިޔާގެ ބަޖެޓުން ގާތްގަޑަކަށް 70 ބިލިޔަން ޑޮލަރު ސަލާމަތްކުރެވިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.