ފަލަސްތީނުގެ، ގާޒާގައި ވަކި ވެރިކަމެއް ކުރަން އިޒްރޭލުން ނިންމުމުން، ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަން ކުށްވެރިކުރައްވައިފިއެވެ.

ގާޒާގައި ވަކި ވެރިކަމެއް ކުރުމަށް އިޒްރޭލުގެ ކެބިނެޓުން ފާސްކުރިއިރު އެއީ ގާޒާ ފަތަހަކުރުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހުށަހަޅާފައިވާ ޕްލޭނެކެވެ.

ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާޒާގެ ރައްޔިތުން އިތުރަށް ހާލުގައި ޖެހި އެ ސަރަހައްދުގެ ހަމަޖެހުމާއި އަމާންކަން ގެއްލުން ނޫން ކަމެއް އިޒްރޭލް ސަރުކާރުގެ ނިންމުމުގެ ސަބަބުން ނުނުކުންނާނެ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ގާޒާ، އިޒްރޭލުގެ ސިފައިން ދަށަށް ގެންދިޔުން ބަލައިނުގަންނާނެ ކަމަށާއި ރާއްޖެއިން އަބަދުވެސް ދެމިއޮންނާނީ ފަލަސްތީނާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކަމަށެވެ.

އިޒްރޭލުގެ ކޮންޓްރޯލްގެ ދަށަށް ގާޒާ ގެނައުމަށް އިޒްރޭލުން ކުރަމުންދާ މަސައްކަތް ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ރައީސް ވިދާޅުވިއެވެ. އިޒްރޭލު ސަރުކާރުގެ އެ ނިންމުމަކީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ހިލާފު އަމަލެއްކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އެ ނިންމުމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންގެ އަމިއްލަ މިނިވަންކަން އެއްކޮށް ގެއްލިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

އިޒްރޭލު ސަރުކާރުގެ އެ ނިންމުން ވަގުތުން ވަގުތަށް ހުއްޓުވައިދޭން ބައިނަލްއަގުވާމީ ޖަމާއަތްތަކަށާއި މުޖުތަމައުއަށް ގޮވާލައްވާ ކަމަށާއި އިޒުރޭލުގެ މި ލާއިންސާނީ އަމަލުތަކަށް އެމީހުން ޖަވާބުދާރީކުރުވުމަށްވެސް ދުނިޔެއަށް ގޮވާލާކަމަށް ރައީސް ވިދާޅުވިއެވެ.