މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން، މިދިޔަ ޖުލައި މަހުގެ ތެރޭގައި ޖުމުލަ 6،320 ޓީއީޔޫސް މުދާ ކްލިއާކޮށްފިއެވެ.

އެމްޕީއެލުން މިރޭ މީޑިއާތަަކަށް ބުނީ ޖުލައި މަހުގެ ތެރޭގައި ކްލިއާކުރި މުދަލުގެ ތެރޭގައި 20 ފޫޓުގެ 2،380 ކޮންޓެއިނަރާއި، 40 ފޫޓުގެ 1،970 ކޮންޓެއިނަރު ހިމެނޭ ކަމަށެވެ. އެ މުއްދަތުގައި އެމްޕީއެލުގެ ބަނދަރުގެ ހިދުމަތް ހޯދި އުޅަނދުފަހަރުގެ ތެރޭގައި 20 ކޮންވެންޝަނަލް އުޅަނދާއި 16 ކޮންޓެއިނަރު ބޯޓު ހިމެނެއެވެ.

އަވަހަށް ހަލާކުވާ ޒާތުގެ މުދާ ނުވަތަ ޕެރިޝަބަލް މުދަލުގެ ތެރެއިން އެންމެ ގިނައިން ޖުލައި މަހު ކްލިއާކުރީ ބިސް ކަމަށާއި އެއީ 66،000 ޕެކޭޖުގެ ބިސް ކްލިއާކުރެވިފައިވާ ކަމަށް އެމްޕީއެލުން ބުންޏެވެ.

އޭގެ އިތުރުން 49،000 ޕެކޭޖުގެ ފިޔާ، 30،000 ޕެކޭޖުގެ ކަރާ، 22،000 ޕެކޭޖުގެ އަލުވި، 17،000 ޕެކޭޖުގެ ޓޮމާޓޯ، 12،000 ޕެކޭޖުގެ އަލަނާސި، 11،000 ޕެކޭޖުގެ ކެބެޖް، 10،000 ޕެކޭޖުގެ ދޮންކެޔޮ، 4،000 ޕެކޭޖުގެ ބަރަބޯ އަދި 3،000 ޕެކޭޖުގެ ފޮނި ކެކުރި ޖެނެރަލް ކާގޯގެ ގޮތުގައި ވަނީ ކްލިއާކޮށްފައެވެ.

އެ ތަފާސް ހިސާބުތަކުން ދައްކުވައިދެނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް އަސާސީ ބޭނުންތަކުގެ ތަކެތި ފޯރުކޮށްދިނުމުގައި އެމްޕީއެލްގެ ބަނދަރުން އަދާކުރާ އިސް ދައުރާއި، ހިދުމަތުގެ ފެންވަރެވެ.