ޓެކުހާ ބެހޭ ކުށްތަަކަަށް ދޭ އަދަބުތައް ބޮޑުކޮށް، ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބޮޑެރި ބާރުތަކެއް ލިބޭ ގޮތަށް ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހަޅާފައިވަ އިސްލާހުގެ ސަބަބުން ވެރިންނަށް ނުހައްގު މުއްސަނދިކަން ނުހޯދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން އެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލެވެ. އެ ބިލުގެ އިބްތިދާއީ ބަހުސް މިއަދުވަނީ ފަށާފަ އެވެ.

މި އިސްލާހުގެ ސަބަބުން ދިވެހި ދައުލަތަށް ވަންނަ އާމްދަނީ ދެފުށް ފެންނަ ގޮތަކަށް ލިބިދިނުމާއި ހޯދުމަށް ކުރަންޖެހޭ ކަންކަން ކުރެވޭނެތީ ކަމަށެވެ. މިސާލެއްގެ ގޮތުގައި ރިސޯޓުތަކުން ދައްކަންޖެހޭ ފައިސާ ބިލިއަނުން ފަސްކޮށްދީ، އަދި މާފްކޮށްދިނުމުގެ ކަންތައް މިދިޔަ ސަރުކާރުން ކޮށްފައިވާކަން ފާހަގަކުރެއްވި އެވެ. އެކަމަކީ ރިސޯޓުތައް ތަރައްގީކުރަން އެހީވެދިނުމަށް ކުރި ކަމެއް ނަމަވެސް އެކަމުގައި ދެފުށް ފެންނަ ގޮތަށް ކަންތައްތައްކޮށްފައިނުވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މި ފެންނަނީ މިހާރު މުއައްސަސާތަކުގެ ވެރިން އަދި މުސްތަގިއްލު މަގާމުތަކުގައި ތިއްބަވާ ބޭފުޅުންވެސް ނުހައްގު މުއްސަނދިކަން ހޯދައި އެ މުއްސަނދިކަން ފަށަލަކޮށް ފޮރުވާ އާއިލާ މެންބަރުންގެ މައްޗަށްވެސް އެ މުއްސަނދިކަން ފަތުރާތަން. މިނިވަން މުސްތަގިއްލު މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މާލީ ބަޔާން ހުށަހަޅަންވީ ގޮތާއި އެކަމުގެ ކަންތައްތައް މި ގާނޫނަށް ގެނެވޭ އިސްލާހުގެ ސަބަބުން ތައްޔާރުވެގެން ދިއުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި ދެކެނީ،" ނާޒިމް ވިދާޅުވި އެވެ.

"މިއީ ކުރަން ލަސްވެއްޖެކަމެއް ކަމަށް އަޅުގަނޑު ދެކެނީ،"

އޭނާ ވިދާޅުވީ މި އިސްލާހަކީ ގެންނަން ލަސްވެފައިވާ އިސްލާހެއް ކަމަށެވެ. މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ބަލާ މައްސަލަތަކުގެ ތެރޭގައިވެސް ނުހައްގު މުއްސަނދިކަން ހޯދުމުގެ މައްސަލަތައް އެބަހުރިކަން އޭނާ ފާހަގަކުރެއްވި އެވެ.

އެ އިސްލާހުގެ ސަބަބުން ޓެކްސް ދައްކާ ފަރާތްތަކަށްވެސް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ނާޒިމް ވިދާޅުވި އެވެ. އެގޮތުން ޓެކްސް ދައްކަންވީ ކޮންއިރަކު ކަމާއި އަމަލުކުރަންވީ އުސޫލު އަދި ނުދައްކައިފިނަމަ ލިބޭނެ އަދަބު ވަރަށް ބޮޑަށް ސާފުވެގެންދާނެ ކަމަށެވެ.

އަދި މި އިސްލާހާއެކު މީރާއަށް އެއިދާރާގެ ކަންތައްތައް ކުރިއަށް ގެންދަން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ގާނޫނަށް މި އިސްލާހުތައް ގެނައުމުގެ މަގުސަދެއް ކަމަށް ބިލުގައި ބުނެފައިވަނީ ޓެކްސް ދައްކަންޖެހޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ޓެކްސް ބަޔާން ހުށަނާޅާ ހާލަތުގައި، އެ ފަރާތްތަކުން ދައްކަންޖެހޭ ޓެކުހުގެ މިންވަރު ބިނާކުރުމުގެ އިހުތިޔާރު މީރާއަށް ދިނުމާއި އެކަމާ ބެހޭ އުސޫލުތައް ގާނޫނުގައި ހިމެނުމެވެ. އަދި ގާނޫނުގެ ދަށުން މީރާއިން ހިންގާ އޮޑިޓްތަކާއި ތަހުގީގުތައް ހިންގުމުގެ އުސޫލުތަކާއި އިޖުރާއަތްތަކާއި ޓެކުހުގެ ގޮތުގައި ލިބެންވާ ފައިސާ ހޯދުމުގައި މީރާއަށް ލިބިގެންވާ ބާރުތައް މުރާޖައާކޮށް، ޓެކުހާ ގުޅޭ ކުށާއި ކުށުގެ އަދަބުތައް އިސްލާހު ކުރުން ވެސް މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި ޓެކުހުގެ ނިޒާމު ހިންގައި ތަންފީޒު ކުރުން ހަރުދަނާ ކުރުން ވެސް މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ބިލުގައިވާ ގޮތުން ޓެކްސް ފިޔަވައި އެހެނިހެން ފައިސާގެ ތެރެއިން ދައުލަތަށް ލިބެންޖެހި، ނުލިބޭ ފައިސާއެއް، އެ ފައިސާ ދައްކަންޖެހޭ މުއްދަތުގައި ދައްކާފައިނުވާނަމަ، ޝަރީއަތް މެދުވެރިކޮށް އެ ފައިސާ ހޯދުމުގެ އިހްތިޔާރު ބަނޑާރަނައިބުގެ ބަދަލުގައި ދީފައި ވަނީ މީރާއަށެވެ.

ޓެކްސް ނުދައްކާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމަށް، އިތުރު ފިޔަވަޅުތައް އެޅުމުގެ ބާރު ވެސް މި ބިލުން ވަނީ މީރާ އަށް ދީފައެވެ.

6 ޖެނުއަރީ 2022: މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) --- ވަން ފޮޓޯ: ޔޫސުފް ސޮފްވާން

އޭގެ ތެރޭގައި ދައުލަތުގެ އިދާރާތަކުން ދޭ ހިދުމަތް ހިފެހެއްޓުމާއި ބިން ބިމާއި މިލްކިއްޔާތު ހިފެހެއްޓުމާއި ބޭންކު އެކައުންޓު ބެލުމާއި ތިން ވަނަ ފަރާތެއްގެ އަތުން އެ ފައިސާ ހޯދުމުގެ އިތުރަށް ބޭރު ގައުމެއް ނުވަތަ ސަރަހައްދެއް މެދުވެރިކޮށް އެ ފައިސާ ހޯދުމުގެ ބާރު މީރާ އަށް ދޭން ވެސް ވަނީ ހުށަހަޅައިފައެވެ.

މީރާގައި އޮންނަ އެޑްރެހަށް ނުވަތަ އީމެއިލް އެޑްރެހަށް އެތަނުން ފޮނުވާ ނޯޓިހެއް ނުވަތަ ލިޔުމެއް އެ ލިއުން ފޮނުވާ ތާރީހުން ފެށިގެން، އެ ފަރާތަށް ލިއުން ރައްދުވީ ކަމަށް ބެލެވޭނެ ކަމަށް ކަނޑައަޅަން ވެސް ބިލްގައި ހިމަނާފައިވެއެވެ.

މި ބިލުގައި ޓެކުހާ ގުޅޭ އާ ކުށްތަކެއް ގާނޫނުގައި ހިމަނަން ވަނީ ހުށަހަޅައިފައެވެ.

އެ ގޮތުން ޓެކްސް ބަޔާނެއްގައި ދޮގު މައުލޫމާތެއް ހިމަނަން ހުއްދަ ދިނުމާއި އޭގައި ހިމަނަންޖެހޭ މައުލޫމާތެއް ނުހިމަނަން ހުއްދަ ދިނުމާއި ލިޔެކިޔުންތަކާއި މާލީ ހިސާބުތައް ރަނގަޅަށް ނުބެލެހެއްޓުން ހުއްދަ ކުރުމަކީ ކުށެއް ކަމަށް ވަނީ ހިމަނައިފައެވެ. ގާނޫނެއްގެ ދަށުން ދައްކަންޖެހޭ ޓެކްސްގެ ފައިސާގެ އެއްވެސް މިންވަރެއް ނުދެއްކުމަށް ހުއްދަ ކުރުމަކީ ވެސް ކުށެއް ކަމަށް ވަނީ ހިމަނައިފައެވެ.

ބިލްގައި މި ކުށްތައް ހިމަނާފައިވަނީ ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށްތަކުގެ ގޮތުގައެވެ.

ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށްތަކަށް ގާނޫނުގައި މިހާރު ކަނޑައަޅާފައި އޮންނަ ތިން މަސް ދުވަހާއި އެއް އަހަރާ ދެމެދުގެ މުއްދަތަކަށް ގޭގައި ބަންދުކުރުމުގެ ކުށް، މި ބިލުގައިވަނީ ތިންމަސް ދުވަހާއި ދެ އަހަރުގެ ދުވަހުގެ މުއްދަތަކަށް ޖަލަށްލުމަށް ކަނޑައަޅައިފައެވެ.

ޓެކްސް ބަޔާން ހުށަނޭޅުމާއި މައުލޫމާތު ހުށަނޭޅުމުގެ ކުށުގެ ބަޔަށް މި ބިލުން ބަދަލު ގެނަސްފައިވާ އިރު، ޓެކްސް ބަޔާނާއި ބަޔާނާއެކީ ހުށަހަޅަން ޖެހޭނެ ކަމަށް ގާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަނޭޅުމާއި ޓެކުހާ ގުޅޭގޮތުން ހުށަހަޅަންޖެހޭ މައުލޫމާތެއް ނުވަތަ ލިޔެކިޔުމެއް ހުށަނޭޅުމަކީ ކުށެއް ކަމަށް ވެސް ވަނީ ހިމަނައިފައެވެ.

ބިލުގައިވާގޮތުން މި ގާނޫނުގައި ހިމެނޭ ކަންކަން ތަންފީޒުކުރުމަށް ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ނުވަތަ ކޮމިޝަނާ ޖެނެރަލް ކަނޑައަޅާ މީހަކަށް ނުވަތަ ބަޔަކަށް އެއްބާރުލުން ނުދިނުމަކީ ވެސް ކުށެކެވެ.

މިހާރު ގާނޫގައި އޮންނަނީ، ގާނޫނުގައި ކުށެއް ކަމަށް ބަޔާންކޮށްފައިވާ ކަމެއް ކުރި މީހަކާ މެދު ގާނޫނުން ހުއްދަކުރާ ފިޔަވަޅެއް އެޅޭނީ އެ ކުށްކުރި ތާރީހުން ފެށިގެން ގިނަވެގެން ދެ އަހަރު ދުވަސް ވުމުންނެވެ.

ނަމަވެސް އެގޮތް ބަދަލުކޮށް، މިހާރު ހުށަހަޅާފައިވާ ބިލްގައި، ޓެކްސް ބަޔާނުގެ އިތުރުން ޓެކްސް ބަޔާނާއެކީ ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަނޭޅުމާއި ޓެކްސް ގާނޫނެއްގެ ދަށުން ރަޖިސްޓްރީ ކުރަންޖެހޭ މުއްދަތެއްގައި ރަޖިސްޓްރީ ނުކުރުމާއި ޓެކްސް ދައްކަންޖެހޭ ފަރާތުން، ދައްކަންޖެހޭ ދުވަހަށް ޓެކްސް ނުދެއްކުން ފަދަ ކަމެއް ކޮށްފިނަމަ، ފިޔަވަޅު އެޅުމަށް ގާނޫނުގައި މިހާރު އޮންނަ ދެ އަހަރު ދުވަހުގެ މުއްދަތުން އިސްތިސްނާވެއެެވެ.

މީރާ އަށް ދައްކަންޖެހޭ ފައިސާގެ އަދަދާ ގުޅޭގޮތުން، ޓްރައިބިއުނަލަށް އިސްތިއުނާފު ހުށަހެޅޭނީ، އިއުތިރާޒު ކުރާ އަދަދުގެ މަދުވެގެން 25 ޕަސެންޓަށްވާ ފައިސާ މީރާ އަށް ދައްކައި، ހަލާސް ކުރުމުން ކަމަށް ވެސް ބިލްގައިވަނީ ހިމަނައިފައެވެ.