"ވޯޓުލާން ޖެހޭނެ، އެއީ ފަރުދީ ޒިންމާއެއް ކޮންމެ މީހަކުވެސް އަދާކުރަން ޖެހޭނެ ޒިންމާއެއް، ކޮންމެ ގޮތަކަށް ވިސްނުންހުރި ކަމަށްވިޔަސް އެ ޒިންމާ އަދާކުރަން ޖެހޭނެ،" އުމުުރުން އެންމެ 17 އަހަރުގެ ޔޫސުފް މިފްރާހު ޝިޔާމް އޭނާގެ ވާހަކަ ފެށި އެވެ.

"ވާހަކަ ދެއްކުމުގެ އިތުރުން އަމަލީ ގޮތުން ފިއުޗާ ޝޭޕްކުރަން ލިބޭ ފުރުސަތެއް އެއީ،" އޭނާ އިތުރުކޮށްލި އެވެ.

އުމުރުން އެންމެ 17 އަހަރުގައި މިހާރުވެސް އޭނާ ފާހަގަވަނީ އެ އުމުރުގެ ގިނަ ޒުވާނުންނާ ހިލާފަށް ސިޔާސީ ދުނިޔެއަށް ހާއްސަ ޝައުގުވެރިކަމެއް ހުންނަ އަދި ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ދަސްކޮށް، ދަސްކުރަމުން އަންނަ ޒުވާނެެއްގެ ގޮތުގަ އެވެ.

މިފްރާހު އެންމެ ފުރަތަމަ ލޮލުގައި އަޅައިގަތީވެސް އެފަދަ ހަރަކާތެއްގެ ތެރެއިންނެވެ. އޭނާގެ އުފަން ރަށް ރ. އަލިފުށީގެ ރައްޔިތުންނާ ބައްދަލުކުރުމަށް އެރަށު ކައުންސިލުން ބޭއްވި ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުމުގައި ބައިވެރިވި އެންމެ ހަގު އެ ޒުވާނާ ފާހަގަކުރީ ރަށުގައި އެކަށީގެންވާ ގޮތަކަށް ފައިބަރު ކުނި ނައްތައިނުލާތީ އެކަންބޮޑުވުމެވެ. ރަށް ގިރުމުގެ މައްސަލަ ބޮޑުވެފައިވާއިރު އެކަމާމެދު ކައުންސިލްގެ ވިސްނުން އޮތްގޮތެއް އޮޅުން ފިލުވަން މިފްރާހު ސުވާލު ކުރި އެވެ.

މިފްރާހުގެ ވާހަކަ ދައްކަން ޖެހެނީ މިސަބަބާ ހެދި އެވެ. ގިނަ ޒުވާނުންނާ ހިލާފަށް ރަށާއި ގައުމުގެ މުސްތަގުބަލަށް ވިސްނާތީ އެވެ. ގައުމު ކުރިއެރުވުމުގައި ޒުވާނުންގެ ބަސް މުހިންމު ކަމަށް އޭނާ ގަބޫލުކުރާތީ އެވެ. މިގައުމުގެ މުސްތަގުބަލާމެދު ފުންކޮށް ވިސްނައި ގައުމު ހަމަ މަގަށް އަޅުވަން ބޭނުންވާ ޒުވާނުންގެ ވާހަކަ ކިޔައިދިނުމަށެވެ. އެހެން ޒުވާނުންނަށް ފަހަރުގައި ނަމޫނާއަކަށެވެ.

އުފަން ރަށް ރ. އަލިފުށީ ސްކޫލުން މި އަހަރު އޯލެވެލް އިމްތިހާނު ނިންމާލިގޮތަށް އޭނާ މިހާރުވެސް ކުރާ ކަމަކީ ސްކޫލްގައި އުޅޭ މަތީ ގްރޭޑްތަކުގެ ދަރިވަރުންނާއި، އޭނާއާ އެއް އުމުުރުގެ ކުދީންނަށް އަދި ޒުވާނުންނަށް ސިޔާސީ މަސްރަހު އޮޅުންފިލުވައިދިނެވެ.

2023ގެ ރިޔާސީ އިންތިހާބުގައި، ވޯޓުލާން ދާން ބޭނުން ނުވެފައި ތިބި ބައެއް މީހުން ވޯޓުލުމަށް ބާރުއަޅައި އެމީހުންނަށް ވޯޓުލާން ދާންވީ ސަބަބު އޮޅުން ފިލުވައިދީ އެމީހުން ވޯޓުލާން ފޮނުވި އެވެ.

"ވޯޓު ނުލައިފިއްޔާ، ޝަކުވާކުރުމުގެ ހައްގު ގެއްލޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން، އެއީ ގޮތް ނިންމުމުގެ އިހުތިޔާރު ލިބިފައި އޭގެ ބޭނުން ނުކޮށް ދެން އެ ސަރުކާރަކަށް ފާޑުކިޔައިގެން ނުވާނެކަންނޭނގެ" ކުޑައިރުއްސުރެ އޭނާ ގެންގުޅޭ ގަބޫލުކުރުމެއް ހާމަކުރިއެވެ.

"މިއީ ހަމައެކަނި ވޯޓުފޮށި ކައިރިއަށް ގޮސްލުމެއް ނޫން،" އޭނާ ކިޔައިދިނެވެ. "ވޯޓުލަނީ ކީއްވެގެންކަމާއި ކޮން ކަމަކަށްކަން އެނގެން ޖެހޭނެ."

ސިޔާސި ކަންކަމާ ދުރު، ގައުމުގެ މުސްތަގުބަލާމެދު ނުވިސްނާ ޒުވާނުންތަކެއް ގިނަވެގެންދިޔަ ސަބަބުތައް މިފްރާހުގެ ނަޒަރުން އޭނާ ކިޔައިދިނެވެ. އަމިއްލަ ތަޖުރިބާއާ އެކީގަ އެވެ.

"އަސްލު ގިނަ ކުދިން ބޮޑުވެގެން އަންނައިރު މި ކިޔައިދެނީ އެކަހަލަ ކަންކަމާ ނުބެހެން، އަޅުގަނޑު ގާތުގައިވެސް ވަށައިގެން އުޅުނު ހުރިހާ ބޮޑެތި މީހުން ޓީޗަރުންނާއި އާއިލާއާއި އެންމެންވެސް ބުނީ ތިކަންކަމާ ނުބެހޭށޭ. ލިބެން ޖެހޭ ވަރަށް މައުލޫމާތެއް ނުލިބޭ ބޮޑުވަމުން އަންނައިރަކު، ސިޔާސީ މައުލޫމާތަށް ކުދިން އެކްސްޕޯޒްވިޔަދޭން ނުޖެހޭ ކަމަށް ބެލެނިވެރިންވެސް ގަބޫލުކުރަނީ،"

"ފަހަރުގައި އެހެންވެދާނެ އެމީހުން ބޮޑުވެގެން އައިއިރު ރައީސުލްޖުމްހޫރިއްޔާއަށް ކުޑައިމީސްވާގޮތަށް އެއްޗެއް ބުނެގެން ނުވާނެކަމަށް ކިޔައިދީފަ އޮންނާތީ ކަމަށް. އެއީ ވަރަށް އެހެން ކަހަލަ ގޮތަކަށް ވެރިކަން ކުރި އިރެއްތާ، އެހެންވީމަ ހީވަނީ ކަންނޭނގެ މިހާރު މިއޮންނަ މިނިވަންކަމާއެކީ ގޯސް ހިސާބަކަށް ގޮސްދާނޭ ކުދިން ދައްކާ ވާހަކަ،" އެކަމަކު ލިބިފައިވާ މިނިވަންކަމުގެ ބޭނުން ހިފައިގެން ކިޔަންޖެހޭ ފާޑެއް ކިޔަންޖެހޭނެ ކަމަށް މިފްރާހު ގަބޫލުކުރެ އެވެ. ނަމަވެސް އެއީ އަަދަބު އިހުތިރާމާއެކީގަ އެވެ. މަގާމުގެ ގޮތުން ވެރިންނަށް ދޭން ޖެހޭ އިހުތިރާމް ދީގެންނެވެ.

މިފްރާހުގެ ނަޒަރުގައި އާބާދީގެ ދެބައިކޮށްފައި އެއްބައި ޒުވާނުން ވޯޓުލާން ދާން ބޭނުމެއް ނުވެ އެވެ. ފަރުދީ ލެވެލްގައި ޒުވާނުންގެ އެ ވިސްނުން ބަދަލުކުރަން މަސައްކަތްކުރަމުން އަންނަ ކަމަށް މިފްރާހު ބުންޏެވެ.

"އެމީހުންނަށް ވޯޓުލާންވީ ކީއްވެގެންކަން ކިޔައިދީ ސިޔާސީ ކަންކަން އެނގުމަކީ ކިހާ މުހިންމުކަމެއްކަން އަންގައިދޭން އެބަ މަސައްކަތްކުރަން،"

ދެން އޭނާ ގަބޫލުކުރާ އަނެއް ކަމަކީ ލީޑަރުން ނުވަތަ ވެރިންނަކީ ޒުވާނުންގެ ވާހަކަ އަޑުއަހައި އެކަމަށް އަމަލުން ނަތީޖާ ދައްކާނެ މީހަކަށް ވާން ޖެހޭނެ ކަމެވެ. ވޯޓުލާން ދާންވީ ކީއްވެގެންކަން ކިޔައިދޭންވީ އެވެ.

"ވޯޓުލާން ޒުވާނުން ނުނުކުންނަ އެއް ސަބަބެއްކަމަށް ފެންނަނީ ނުފުއްދޭވަރުގެ ވައުދުތަކެއްވުން. އެކަން ދޫކޮށްލާފަ ވަރަށް ސާފުކޮށް ކިޔައިދޭންވީ އެ މީހަކަށް ވޯޓުލާންވީ ފަސް ވަރަކަށް ސަބަބު، އެމީހާގެ އެޑިއުކޭޝަން ބެކްރައުންޑާއި ކޮށްދޭނެ ކަންތައްތަކުގެ ވާހަކައެއް ނޫން. ބަޖެޓުން ބޭރުންވިޔަސް ކޮށްދޭނެ ކަންކަމުގެ މެނިފެސްޓޯއެއް ނޫން ނެރެންވީ، ކިޔައިދޭންވީ ކީއްވެކަން ވޯޓުލާންވީ ވައި ވީ ޝުޑް އިލެކްޓް ހިމް،"

ނަމަވެސް ދޮގު ހަދައިގެން ޒުވާނުންގެ ވޯޓު މިހާރު ނުހޯދޭނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ. އެޔަށްވުރެ ބޮޑަށް މިއަދުގެ ޒުވާނުން ހޭލުންތެރިކަމަށް އޭނާ ދެކެ އެވެ.

"ނުފުއްދޭ ވައުދުތަކެއް ވެގެން ވޯޓު ހޯދި މަންޒަރު އަޅުގަނޑުމެންނަށް ފެނިއްޖެ. އެގޮތަށް މިހާރަކު ނުވާނެ،"

ފަހަރުގައި އިންތިހާބުތަކުގައި ވޯޓުލާން ނުކުންނަ މީހުންގެ އަދަދު މަދުވަމުންދާ ސަބަބަކީ އެއީ އެވެ.

2008 ވަނަ އަހަރު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލީ 86.58 ޕަސެންޓު މީހުންނެވެ. ޖެހިގެން އައި 2013 ވަނަ އަހަރު 91.40 ޕަސެންޓު މީހުން ވޯޓުލި އެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމަށް ފަހު ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ ދުވަސްތަކެއްގައި ބޭއްވި އިންތިހާބެކެވެ.

ދެން އައި 2018 ވަނަ އިންތިހާބުގައި ވޯޓުލީ މީހުންގެ އަދަދު މަދުވި އެވެ. ވޯޓުލުމުގެ ހައްގު ލިބިފައިވާ 262،135 މީހުންގެ ތެރެއިން ވޯޓުލާން ނުކުތީ 89.22 ޕަސެންޓު މީހުންނެވެ. އަދި މިދިޔަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެ އަދަދު އެއަށް ވުރެ ވެސް ބޮޑަށް ވެއްޓުނީ އެވެ. އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 224,315 މީހުންގެ ތެރެއިން ވޯޓުގައި ބައިވެރިވީ 79.43 ޕަސެންޓު މީހުންނެވެ.

ގިނަ ޒުވާނުން ސިޔާސީ ކަންކަމާ ދުރުވެފައިވާ މި ދަނޑިވަޅުގައި، މިފްރާހުގެ ވާހަކަ މުހިންމެވެ. މިދާއިރާގައި ޒުވާނުންގެ ބައިވެރިވުން ކޮންމެހެން ބޭނުން ކަމެއްކަން ހަނދާންކޮށްދެ އެވެ.

"އަޅުގަނޑުމެންގެ އަޑު ނެތި ގައުމަކަށް ކުރިއަށް ނުދެވޭނެ،" އޭނާ ބުންޏެވެ. "އެކަމަކު އަޅުގަނޑުމެން އެބަޖެހޭ މިއަށްވުރެ ބޮޑަށް މި ދާއިރާއަށް ހޭލުންތެރިވާން،"

މިއީ ދިވެހި ޒުވާން އާ ޖީލުގެ އަޑެވެ. ސިޔާސީ މަޝްރަހުގެ މަންޒަރު ބަލާ މީހަކަށް އަދި އަމަލީގޮތުން ބައިވެރިވާ މީހަކަށް ވުމުގެ އޭނާގެ ދަތުރުން ދައްކުވައިދެނީ ވެރިކަމުގައި ޒުވާނުން ދެކޭގޮތަށް އައިސްފައިވާ ބޮޑު ބަދަލެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކައިރިވަމުން އަންނައިރު، އޭނާގެ ވޯޓަކީ ހަމައެކަނި ވޯޓު ކަރުދާހުގައި ޖަހާ ފާހަގައެއް ނޫނެވެ. އެއީ "އުންމީދު ގެއްލިފައި" އޮތް ގައުމެއްގައި އުފެދެމުންދާ ޒުވާން ލީޑާޝިޕްގެ ނިޝާނެކެވެ.