އެމެރިކާގެ ރިޔާސަތަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކުވެސް އެގައުމުގެ ރިޔާސީ ކިއްލާއަށް ކޮންމެވެސް ބައެއް އިތުރު ކުރައްވައި ކޮންމެވެސް އައުކަމެއް ކުރެއްވޭތޯ ބައްލަވައެވެ. އެގޮތުން ރައީސް ޑޮނަލްޑް ޓްރަމްޕުވެސް އައުކަމެއް ކުރައްވަން ނިންމަވައިފިއެވެ. އެކަމަކީ ވައިޓްހައުސްގެ އިރުމަތީ ފެންޑާގައި އެންމެ ޒަމާނީ ބޮޑު މާލަމެއް ހެއްދެވުމެވެ. މިއީ މަދުވެގެން ހަސަތޭކަ މެހުމާނުންގެ ބޯލްރޫމެކެވެ. މިތަނަށް ޚަރަދުވާނޭކަމަށް އަންދާޒާ ކުރެވެނީ 200 މިލިޔަން ޑޮލަރެވެ. މިފައިސާ ދޭނީ އެމެރިކާގެ ފެޑެރަލް ބަޖެޓަކުން ނޫނެވެ. މީސްމީހުންގެ އަމިއްލަ ޖީބުންނެވެ. ޓްރަމްޕުގެ އަމިއްލަ ޖީބާއި އޭނާގެ ރަހުމަތްތެރި އަރަބި މަހުޖަނުންގެ ޖީބުންނެވެ. މިހާބޮޑު އަދަދެއް ހޭދަވަނީ ކޮންމެހެން އިމާރާތް ކުރުމަކަށް ނޫނެވެ. ރަނާއި ޖަވާހިރާއި އެނޫންވެސް އެޒާތުގެ ތަކެތިން ޒީނަތްތެރިކޮށް ކުރެހުން އެޅުމަށެވެ. ބޭނުންވާ ތަކެތި ބެހެއްޓުމަށެވެ. މިމަސައްކަތް ފަށާނީ ކުރިއަށްއޮތް ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ޓްރަމްޕަކީ ރައީސެކެވެ. ރަސްކަލެއް ނޫނެވެ. އެކަމަކު އޭނާގެ އުޅުއްވުން ރަސްކަލެއް ފަދައެވެ. އަމްބަރާތޫރެއް ފަދައެވެ. ޓްރަމްޕުގެ އަމިއްލަ ތަންތަންވެސް ޒީނަތްތެރި ކުރައްވަނީ އެފަދައިންނެވެ. އޭނާގެ ރިޔާސީ ފުރަތަމަ ދައުރު ފެށުމުގެ މާކުރިން 2016 ވަނަ އަހަރު އަމިއްލަ ޚަރަދުގައި ވައިޓްހައުސްގައި ބޯލްރޫމެއް ހައްދަވަން ހުށައެޅުއްވިއެވެ. އޭރުގެ ރައީސް ބަރަކް އޮބާމާ އެކަމަށް އެއްބަސްވެވަޑައި ނުގެންނެވީއެވެ. އޭރު އޮބާމާގެ ދައުރުވެސް ނިމެނީއެވެ. އޭގެފަހުން ރިޔާސަތަށް ވަޑައިގެންނެވީ ޓްރަމްޕެވެ. ކޮންމެއަކަސް މިފަހަރު 200 މިލިޔަން ޑޮލަރު ޚަރަދުކޮށްގެން ވައިޓްހައުސްއަށް އިތުރުކުރެވޭ މާލަމަކީ ވައިޓްހައުސްގެ އިޖުތިމާއީ ހުރިހާ ހަރަކާތަކާއި ޕާޓީތައްވެސް ބޭއްވޭނެ މާލަމެވެ. އެތަނަށް ނަންދޭނީވެސް ޓްރަމްޕުގެ ނަމުންނެވެ. ޓްރަމްޕު ބޯލްރޫމް ކަހަލަ ނަމެކެވެ. މިތަން ނިންމައި ބޭނުންކުރަން ފަށާއިރު ޓްރަމްޕުގެ ރިޔާސީ ދައުރު އަދި ނުނިމޭނެއެވެ. އެހެންވީމާ ޓްރަމްޕުގެ ރިޔާސީ ދައުރުގެ އެންމެފަހު ދުވަސްތައް ހޭދަކުރައްވާނެ ކަމަށް ބެލެވެނީ އަގުބޮޑު މި ބޯލްރޫމުގައި ނާޗަރަންގީގެ އެކި ކަންކަމުގައެވެ.

މިތަން ނިމޭއިރު ހުންނާނީ ސައޫދީ އަރަބިޔާއާއި ގަތަރާއި ޔޫއޭއީގައި ހުންނަ ޝާހީ ގަޑުވަރުތައް ފަދައިން ރަނާއި ރިހިން ޖަރީކުރެވިފައެވެ. މިހިސާބުން ވައިޓްހައުސްގެ ތާރީޚަށް ބަލައިލަމާބަހީއެވެ. ވައިޓްހައުސްއަކީ އެމެރިކާ މިނިވަންވީއިރު ހުރިތަނެއް ނޫނެވެ. ރައީސް ހުންނެވުމަށްޓަކައި ފަހުން ބިނާކުރެވުނު ތަނެކެވެ. އެމެރިކާއަށް ކަމުދާނޭ ގޮތަކަށް ރިޔާސީ ކިއްލާއެއްގެ ޑިޒައިން އިޚުތިޔާރުކުރީ އެކަމަށްޓަކައި ބޭއްވުނު ބީލަމެއްގެ ތެރެއިންނެވެ. އަޔަލެންޑުގެ ފަންނާނެއް ކަމަށްވާ ޖޭމްސް ހޮބާންގެ ޑިޒައިން ހޮއްވެވީ އެމެރިކާގެ ފުރަތަމަ ރައީސް ޖޯޖް ވޮޝިންޓަނެވެ. މިދެންނެވި ފަންނާނު ހޮބާންއަކީ ވައިޓްހައުސްގެ އިތުރަށް އެމެރިކާގެ ގާނޫނުހަދާ މަޖިލީސް އެއްތަންވާ އިމާރާތްވެސް ފަރުމާކުރި މީހާއެވެ. ރިޔާސީ ކިއްލާ އިމާރާތް ކުރާނޭ ބިން އިޚުތިޔާރު ކުރައްވައި ބިންގައު އަޅުއްވައިދެއްވީވެސް 1791 ގައި ރައީސް ޖޯޖް ވޮޝިންޓަނެވެ. އޭރު ވޮޝިންޓަން ޑީސީއަކީ އެމެރިކާގެ ވެރިރަށެއް ނޫނެވެ.

ކޮންމެއަކަސް އިމާރާތް ކުރުމުގެ މަސައްކަތް ފަށައިގެން ނިންމައިލެވުނީ ޖުމްލަ 8 އަހަރު ފަހުން 1800 ވަނަ އަހަރުއެވެ. އެދުވަސްވަރު މިކަމަށް ހޭދަވިކަމަށް ބުނެވެނީ ދެލައްކަ ބައްތިރީސް ހާސް ޑޮލަރެވެ. މިޒަމާނުގެ ފައިސާއިންނަމަ އެއީ ގާތްގަޑަކަށް ހަތަރު މިލިޔަން ޑޮލަރެވެ. ވައިޓްހައުސްގައި އުޅެވޭވަރުވީމާ އެތަނަށް ބަދަލުވެވަޑައިގެންނެވި ފުރަތަމަ ރައީސަކީ 1800 ވަނަ އަހަރު ޖޯން އެޑަމްސްއެވެ. އެއީ އެމެރިކާގެ ދެވަނަ ރައީސެވެ. ވައިޓްހައުސްއަށް އެނަން ކިޔުނު ސަބަބަކީ އިމާރާތުގެ ފާރުތައް ރައްކާތެރި ކުރުމުގެ ގޮތުން 1798 ގައި ލާންފެށުނު ހުދު އުވައެކެވެ. އިމާރާތުގެ ބޭރުގައި މިދެންނެވިހެން ހުދުކުލަ ހުރުމުން ވައިޓްހައުސްއޭ ކިޔަން ފެށުނީއެވެ. އެންމެ ފުރަތަމަ ނުރަސްމީ ނަމެއްގެ ގޮތުގައެވެ. އެންމެކުރިން ރަސްމީ ނަމަކީ ރިޔާސީ ގަޑުވަރެވެ. ރަސްމީ ނަމެއްގެ ގޮތުގައި ވައިޓްހައުސް އިޚުތިޔާރު ކުރެވުނީ ތިއޮޑޯރ ރޫޒްވެލްޓުގެ ރައީސްކަމުގައި މީގެ 124 އަހަރުކުރިން 1901 ގައެވެ.

ވައިޓްހައުސްހައި މީހުން ދިރިއުޅޭތާ 225 އަހަރު ފާއިތުވެގެން ދިޔައިރު ދެ ފަހަރެއްގެ މަތިން އަލިފާނުގެ ނުރައްކާތެރި ހާދިސާތައް ހިނގައިފައިވެއެވެ. ފުރަތަމަ ހާދިސާއަކީ އިނގިރޭސި ސިފައިން 1814 ވަނަ އަހަރު ވައިޓްހައުސްގައި ހުޅުޖަހައި އަންދައިލުމެވެ. އަނެއް ހާދިސާއަކީ 1929 ވަނަ އަހަރު ރައީސް ހާބަޓް ހޫވަރގެ ދައުރުގައި ކްރިސްމަސް އީދު ފާހަގަކުރަމުން ދަނިކޮށް ވައިޓްހައުސްގައި ރޯވުމެވެ. އެ ދެފަހަރުވެސް ނުހަނު ބޮޑެތި ގެއްލުންތައް ލިބި ބޮޑެތި މަރާމާތުތައް ހިންގާން ޖެހުނެވެ. ވައިޓްހައުސް މިހާރު އެހެރީ މީގެ 225 އަހަރު ކުރިން އިމާރާތް ކުރެވުނު ގޮތަކަށް ނޫނެވެ. އެކިފަހަރުމަތިން އެކި ބަދަލު ގެނެވި އެކިއެކި ބައިތައް ވަނީ އިތުރު ކުރެވިފައެވެ. ހަމަ ކޮންމެ ރައީސަކުހެން ކޮންމެވެސް ކަހަލަ ބަދަލެއް ގެންނަވައެވެ. ކޮންމެވެސް ކަމެއް ތައާރަފު ކުރައްވައެވެ. އެކަމަކު ވައިޓްހައުސްގެ ތާރީޚުގައި ފާހަގަކުރެވޭ އެންމެ ބޮޑެތި ބަދަލުތައް ގެނެވިފައިވަނީ ޖުމްލަ ހަތަރު ފަހަރުއެވެ.

މީގެތެރެއިން އެންމެފަހު ފަހަރަކީ 1952 ގައި ނިންމައިލެވުނު މަރާމާތެވެ. ރައީސް ހެރީ ޓްރޫމަންގެ ދައުރުގައެވެ. މިއީ ޖުމްލަ ތިން އަހަރުގެ މަރާމާތެކެވެ. ވައިޓްހައުސްގެ އެތެރޭގެ ހަމަހުރިހާ ބައެއްހެން އެފަހަރު މަރާމާތުކޮށް ވަރުގަދަ ކުރެވުނެވެ. އޭގެތެރޭގައި ފައުންޑޭޝަން ވަރުގަދަކުރުމާއި އެކަތައިގެ އޮނިގަޑެއް ހެދުންވެސް ހިމެނެއެވެ. އެފަހަރުގެ މަރާމާތަށް ޚަރަދުވީ ކަމަށް ބުނެވެނީ ގާތްގަޑަކަށް ހަ މިލިޔަން ޑޮލަރެވެ. ރައީސް އަވަހާރަފުޅު ލައްޕަވާ ކޮޓަރިކޮޅުގެ ބޭރުގައި ހުންނަ ބެލްކަންޏަށް ޓްރޫމަން ބެލްކަނީ ކިޔަނީ ޓްރޫމަންގެ ދައުރުގައި ކުރެވުނު ބޮޑު މަރާމާތުގައި އިތުރުކުރެވުނު ތަނަކަށް ވާތީއެވެ. ވައިޓްހައުސްއަށް އެންމެ ފުރަތަމަ ކަރަންޓު ލެވުނީ މީގެ 134 އަހަރު ކުރިން 1891 ގައި ބެންޖަމިން ހެރިސަންގެ ރައީސްކަމުގައެވެ. ވައިޓްހައުސްއަށް ކަރަންޓު ދިނުމަށް ޚާއްސަ ޖެނެރޭޓަރުތަކެއް ބަހައްޓައިގެންނެވެ. އެކި ދައުރުގައި އެކި ރައީސުން ކުރެއްވި ކަންކަމުގެ ތެރެއިން އެންމެފަހުން ފާހަގަކުރެވޭ ކަމަކީ ރައީސް އޮބާމާގެ ދައުރުގައި ވައިޓްހައުސްގައި ބާސްކެޓްބޯޅަ ކޯޓެއް ހެއްދެވުމެވެ.