ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އިބްތިދާއި ބަހުސް ނިންމައި ތިން ބިލަކާއި އެއް ގަރާރު ބަލައިގަނެ އިތުރަށް ދިރާސާ ކުރުމަށް ކަމާގުޅުން ހުރި ކޮމެޓީތަކަށް މިއަދު ފޮނުވައިފިއެވެ.
ކޮމެޓީތަކަށް މިއަދު ފޮނުވި ބިލުތަަކާއި ގަރާރު
- ގައުމީ ޕޭމަންޓު ސިސްޓަމުގެ ގާނޫނަށް ހުށަހަޅާފައިވާ ބިލު؛ އިތުރަށް ދިރާސާކުރަން މާލިއްޔަތު ކޮމެޓީއަށް ފޮނުވީ ވޯޓުގައި ބައިވެރިވި 65 މެންބަރުންގެ ވޯޓާއެކު؛ ހަނިމާދު ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްގަފޫރު މޫސާ ވޯޓު ދެއްވީ ވަކިކޮޅަކަށް ނުޖެހޭ ކަމަށް
- ފެނާއި ނަރުދަމާގެ ގާނޫނަށް ހުށަހަޅާފައިވާ ބިލު؛ ބިލު އިތުރަށް ދިރާސާކުރަން އެންވާރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީއަށް ފޮނުވީ ވޯޓުގައި ބައިވެރިވި 60 މެންބަރުންގެ ވޯޓާއެކު. އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ 9 މެންބަރުން ވޯޓު ދެއްވީ ބަލައިގަންނަން ނުފެންނަ ކަމަށް
- ރާއްޖޭގެ ގާނޫނުލްއުގުބާތަށް ހުށަހަޅާފައިވާ ބިލު؛ އިތުރަށް ދިރާސާކުރަން ޖުޑިޝަރީ ކޮމެޓީއަށް ފޮނުވީ ވޯޓުގައި ބައިވެރިވި 71 މެންބަރުންގެ އިއްތިފާގުން
- އަތޮޅުތެރޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ފެނާއި ކަރަންޓުގެ ހިދުމަތަށް ބޮޑު އަގެއް ދައްކަން ޖެހޭތީ އެކަމާމެދު މަޖިލީހުގެ މެންބަރުންގެ ހިޔާލު ހޯދުމަށް ހުށަހަޅާފައިވާ ގަރާރު؛ އިތުރަށް ދިރާސާކުރަން އެންވާރަމެންޓް އަދި ކްލައިމެޓް ޗޭންޖް ކޮމެޓީއަށް ފޮނުވީ ވޯޓުގައި ބައިވެރިވި 71 މެންބަރުންގެ އިއްތިފާގުން
ޕޭމަންޓް ސިސްޓަމުގެ ގާނޫނަށް ހުށަހަޅާފައިވާ ބިލު
މި ބިލަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން "ޕޭމަންޓް މޯލްޑިވްސް" ކުންފުނި އުފެއްދުމުގެ މަގުފަހިކޮށްދީ ބާރު ދިނުމަށް ހުށަހަޅާފައިވާ ބިލެކެވެ.
މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މަކުނުދޫ ދާއިރާގެ ޕީއެންސީ މެންބަރު އާދަމް ޝަފީގްއެވެ.
އެ އިސްލާހުގެ ދަށުން ޕޭމަންޓު ސިސްޓަމްތައް ހިންގުމަށާއި ޕޭމަންޓު ހިދުމަތްތައް ދިނުމުގެ ބޭނުންނަށް ކުންފުންޏާއި އެނޫން ވެސް ގާނުނީ ޝަހުސުތައް އުފެއްދުމުގެ ބާރު އެމްއެމްއޭއަށް ލިބިދީ، ޕޭމަންޓު ހިދުމަތްތައް ސޮލިސިޓް ކުރުން މަނާކޮށް އަދަބު ކަނޑައެޅުމާބެހޭ އުސޫލުތައް ގާނޫނުގައި ހިމަނަން ވަނީ ހިމަނައިފައެވެ.
އެމްއެމްއޭއިން ބުނީ އެ އިދާރާއިން ވަނީ 2023 ވަނަ އަހަރުގެ ތެރޭގައި "ފަވަރަ" ތައާރަފުކޮށްފައި ކަމަށެވެ. އަދި މިހާރު އެމްއެމްއޭއިން ދަނީ "ޕޭމެންޓް މޯލްޑިވްސް" ނަމުގައި އާ ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ކުރަމުން ކަމަށާއި އެ ކުންފުނީގެ މަގުސަދަކީ ވެސް ރާއްޖޭގައި ޕޭމަންޓް މެތަޑުގެ ކަންކަން ހަރުދަނާކޮށް ރަނގަޅު ކުރުން ކަމަށެވެ.
"ޕޭމަންޓް މޯލްޑިވްސް" ހިންގާނީ ވަކި މެނޭޖުމެންޓެއްގެ ދަށުން ކަމަށް އެމްއެމްއޭއިން ބުންޏެވެ. އަދި އެ ކުންފުނި ހިންގުމަށް ހަމަޖެހިފައިވަނީ އެމްއެމްއޭގެ މަސްއޫލިއްޔަތުތަކާ ވެސް މުޅިން ވަކިން ކަމަށް ވެސް އޭރު ވަނީ ބުނެފައެވެ.
ފަވަރަ އާއި ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) ގުޅާލަން މިދިޔަ މަހުވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ފެނާއި ނަރުދަމާގެ ގާނޫނަށް ހުށަހަޅާފައިވާ ބިލު
އެ ބިލުގައިވަނީ 2027 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކޮށް ނިންމަން ޖެހޭ ކަމަށް ހިމަނައިފައެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށެޅުއްވީ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއް ލަތީފް މުހައްމަދެވެ.
އާއްމު ބޭނުންތަކަށް ދޫކުރާ ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ފެން ތަހުލީލުކުރާ ލެބޯޓްރީތައް ގާއިމްކޮށް، އެތަންތަނުގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭނެ ކަމަށް ބުނާ މި ގާނޫނުގެ އަށްވަނަ މާއްދާގެ (ފ) އުނިކުރަން މި ބިލްގައި ވަނީ ހިމަނައިފައެވެ.
އޭގެ އިތުރުން ފެނާއި ނަރުދަމާގެ ހިދުމަތްތައް ރެގިއުލޭޓްކުރުމުގެ މަސައްކަތްތައް ބަލަހައްޓާ އިދާރާގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ވިލަރެސްކުރުމާއި އެ އިދާރާގެ ޕްލޭންތަކާއި ސްޓްރެޓަޖީތައް މިނިސްޓްރީން މޮނިޓާކުރަން ޖޭހެކަމަށް އޮތް (ޏ) ވެސް އުނިކުރަން ވަނީ ހިމަނައިފައެވެ.
ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ލައިސަންސް ދީފައިވާ ފަރާތްތަކުން ގައުމީ ސިޔާސަތާ އެއްގޮތްވާ ގޮތުގެމަތީން، ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ކަނޑައަޅާ ޕްލޭނެއް ކޮންމެ އަހަރެއް ފެށުމުގެ ކުރީން މިނިސްޓްރީއަށް ހުށަހަޅަންވާނެ ކަމަށާއި އެ އަހަރުގެ ތެރޭގައި ޕްލޭން ތަންފީޒުކުރެވުނު ގޮތުގެ ރިޕޯޓު އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި މިނިސްޓްރީއަށާއި އޮތޯރިޓީއަށް ހުށަހަޅަންވާނެ ކަމަށް ބުނާ، އެ ގާނޫނުގެ 15 ވަނަ މާއްދާ އުނިކުރަ ންވެސް ވަނީ ހިމަނައިފައެވެ.
ދިވެހިރާއްޖޭގައި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގެ ނިޒާމު ގާއިމުކުރުމުގެ ހުއްދަ ދޭން ވާނީ، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ގައިވާއިދުގައިވާ ގޮތުގެމަތިން ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހަދައި، އެ ރިޕޯޓު އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން ފާސްކުރުމަށްފަހުކަމަށްވެސް މި ބިލްގައިވަނީ ބުނެފައެވެ.
ގާނޫނުލްއުގޫބާތަށް ހުށަހަޅަފައިވާ ބިލު
މި ބިލަކީ މީހެއްގެ ފުރާނައަށް ގެއްލުންވާ ގޮތަށް ނުރައްކާތެރިކޮށް ވެހިކަލް ދުއްވުމަކީ ޖިނާއީ ކުށަކަަށް ހެދުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލެކެވެ.
ގާނޫނުއުގޫބާތުގެ 121 ވަނަ މާއްދާއަށް އެ އިސްލާހު ހުށަހަޅުއްވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.
މިހާރު އެ މާއްދާގައި އޮތް ގޮތުން ފަރުވާލެއްނެތި ކުރާ އަމަލަކުން އަނިޔާއެއް ލިބިދާނެކަމުގެ ބިރުދެއްކުމުގެ އަމަލުތަކަކީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ނަމަވެސް، އެ މާއްދާގެ (ށ) އޮތް ގޮތުން، މީހަކު މަރުވެދާނެ ނުވަތަ މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ކަމާ މެދު ފަރުވާލެއްނެތި ކުރާ އަމަލެއްގެ ގޮތުގައި ބެލެވޭނެ ހާލަތްތަކުގެ ތެރޭގައި، މަގުމަތީގެ ގަވާއިދުތަކާ ހިލާފަށް އަދި މަގުމަތި ބޭނުންކުރާ ފަރާތްތަކުގެ ފުރާނައަށް ފަރުވާލެއް ނެތް ގޮތަށް ވެހިކަލް ދުއްވުމާ ބެހޭ ހާލަތް ހިމަނާފައެއް ނުވެއެވެ.
އެހެންކަމުން މީކާއީލް ބިލު ހުށަހަޅުއްވާ ސަބަބެއްގެ ގޮތުގައި ވަނީ، ބިރުވެރިކަން އުފެދޭ ގޮތަށް ނުވަތަ ނުރައްކާތެރިކޮށް އިންޖީނުލީ އުޅަނދު ދުއްވުމުން ކުރިމަތިވާ އެކްސިޑެންޓުތަކުގައި ޝާމިލުވާ ފަރާތްތަކާ މެދު ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން އެކަށީގެންވާ ފިޔަވަޅު އެޅެން ނެތުމުން ދިމާވާ ގޮންޖެހުންތައް ހައްލުކޮށް، މަގުމަތީގެ ގަވާއިދުތަކާ ހިލާފަށް އަދި ފަރުވާލެއް ނެތް ގޮތަށް އުޅަނދުފަހަރު ދުއްވުމުން ކުރިމަތިވާ އެކްސިޑެންޓުތަކުގައި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އިންސާފު ލިބޭނެ މަގު ފަހިކުރުމަށް ކަމަށެވެ.
ގަރާރު
މާލޭ އާއި އަތޮޅުތެރޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ކަރަންޓާއި ފެނުގެ ހިދުމަތުގެ އަގުގެ ތަފާތުތައް ނައްތާލައި އެއް އަގެއްގައި އެ ހިދުމަތް ދިނުމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތް ބެލުމަށް ހުށަހަޅާފައިވާ ގަރާރެކެވެ.
އެ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ޝަމްހީދުއެވެ.
އެ ގަރާރުގައި ޝަމްހީދު ވިދާޅުވީ ގާނޫނު އަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ ހައްގުތަކާއި މިނިވަންކަން ލިބިދިނުމުގައި ނިސްބަތްވާ އާއިލާއަށް ނުވަތަ އުފަން ރަށަށް ނުވަތަ މި ނޫންވެސް ކަމަކަށް ބަލައި ތަފާތުކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
ނަމަވެސް ސްޓެލްކޯ އާއި ފެނަކަ ކޯޕަރޭޝަން އަދި އެމްޑަބްލިއުއެސްސީން ދޭ ހިދުމަތްތަކަށް ކަނޑައަޅާފައިވާ އަގުގައި މާލޭ ސަރަހައްދު ތަކަށް ވަކި އަގެއް އަދި އަތޮޅުތަކުގައި ދިރިއުޅޭ އެހެން ރަށްތަކަށް އެހެން އަގެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެ އަގުތަކުގެ ބޮޑެތި ފަރަގުތަކެއް އެބަހުރި ކަމަށެވެ.
އެކަމުގެ ސަބަބުން ރަށްރަށުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ފެނާއި ކަރަންޓު ފަދަ އަސާސީ ހިދުމަތްތައް ހޯދުމަށް ކުރަންޖެހޭ ހޭދަ އިންތިހާއަށް ބޮޑުވަމުންދާ ކަމަށެވެ.
އާއިޝަތު މާހާ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް