ޓްރެންޓް އެލެކްސެންޑާ-އާނޯލްޑްގެ އުފެއްދުންތެރިކަން އެއީ ލިވަޕޫލުގެ ހަތިޔާރެއް ކަމަށާއި އެ އުފެންދުންތެރިކަން ފްލޯރިއަން ވާޓްސްގެ ފަރާތުން ފެންނަ ކަމަށް ކޯޗު އާނޭ ސްލޮޓް ބުނެފިއެވެ.

އުމުރުން 22 އަހަރުގެ ވާޓްސްގެ ސޮއި ލިވަޕޫލުން ހޯދާފައިވަނީ 116 މިލިއަން ޕައުންޑްގެ އަގަކަށެވެ. ވާޓްސް އުމުރުން 17 އަހަރުން ފެށިގެން ލެވަކޫސަންއަށް ކުޅެމުން ގޮސްފައިވާ އިރު، އެ ކްލަބަށް ކުޅުނު 197 މެޗުގައި އޭނާ ވަނީ 57 ގޯލު ޖަހައިފައެވެ. ލެވަކޫސަނުން ފުރަތަމަ ފަހަރަށް ހޯދި ޖަރުމަނު ލީގު ތަށީގައިވެސް ވާޓްސްގެ ހިއްސާ ބޮޑެވެ.

ލިވަޕޫލުން ސީޒަނަށް ތައްޔާރުވާން ކުރަމުންދާ މަސައްކަތުގައި ކުޅުނު ޕްރި ސީޒަން މެޗުތަކުގެ ތެރެއިން، ރޭ ވަނީ އަމިއްލަ ދަނޑުގައި ފުރަތަމަ މެޗެއް ކުޅެފައެވެ. މެޗުގެ ކުރިން ޑިއޭގޯ ޖޮޓާގެ ހަނދާން އާކޮށްފައިވާ އިރު، ރޭ ލިވަޕޫލުން އެތުލެޓިކް ބިލްބާއޯ ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ.

އެމެޗުގައި ވާޓްސް، ތަފާތު މޮޅަށް ކުޅެފައިވާ އިރު، މެޗަށްފަހު ސްލޮޓް ވަނީ އޭނާއަށް ތައުރީފު ކޮށްފައެވެ.

"އަހަންނަށް އެނގޭ ކޮންމެ ޑިޕާޓްމެންޓެއްގައި ވެސް ރަނގަޅު ކުރަން ޖެހޭ ކަންތައްތައް ހުންނާނެކަން. އަހަރެމެންނަށް ވެސް ލިބިއްޖެ އިތުރު ބައެއް ހަތިޔާރުތަކެއް. ވާޓްސްއަކީ އޭގެން އެއް ހަތިޔާރު. އޭނާއަކީ ވަރަށް އުފެންދުންތެރި ކުޅުންތެރިއެއް. އާނޯލްޑާ އެކު އުފެންދުންތެރިކަމުގެ ބޮޑު ބައެއް ގެއްލިގެން ދިޔަ. އާނޯލްޑުގެ ހުރަސްތަކާއި ޕާސްތައް އެއީ އުފެންދުންތެރިކަމުގެ ބޮޑު ބައެއް. އަހަންނަށް ފެނުނު ފެނުމުގައި އާނޯލްޑްގެ ސްޓައިލް ނޫން ނަމަވެސް، ވާޓްސްއަކީ އެ ފެންވަރަށް އުފެންދުންތެރިކަން ހުރި ކުޅުންތެރިއެއް،" ސްލޮޓް ބުންޏެވެ.

އެންމެފަހުގެ ލީގު ޗެމްޕިއަނުން ގޮތުގައި ލިވަޕޫލުން ސީޒަނަށް ނުކުންނަން ތައްޔާރުވާ އިރު، ސްލޮޓް ބުނީ ވާދަވެރިން ތިބީ ނިދާފައި ނޫން ކަމަށެވެ. އެގޮތުން އަންނަ ސީޒަން ފެނިގެންދާނީ ވަރަށް ވާދަވެރި، ވަރުގަދަ ސީޒަނެއްގެ ގޮތުގައި ކަމަށްވެސް ސްލޮޓް ބުންޏެވެ.