ކުރީގެ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފުލެޓުތަކަށް ބޭނުންވާ ފަރުނީޗަރު ހޯދައިދޭނެ ކަމަށާއި ލުއި ގޮތަކަށް ފައިސާ ދެއްކޭނެ އިންތިޒާމުތައް ފަހިކޮށްދޭނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ.

އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް އެސްއެސްޓީވީގެ "ބާރު ހަރަތެއް" ޕްރޮގްރާމްގައި މިރޭ ވިދާޅުވީ، ފުލެޓުތަކުގެ އެތެރެއާއި ބޭރު އެއްކޮށް ޕުޓީއަޅައި ޕްލާސްޓަރިންގެ މަސައްކަތްތައް ނިންމާފައިވާ ކަމަށެވެ.

"ޓައިލިން މަސައްކަތް ނިމިފައި، ފާހަނާއިގައި ފަންގަސް ނުޖަހާ މެޓީރިއަލްއެއް، ވަރަށް ވަރުދަގަވާނެ. އެބޭފުޅުން ބޭނުންވާ ގޮތަކަށް، ކަބަޑު ސެޓުގައި އެބައުޅޭ 24 ވޭރިއޭޝަނެއް، 24 ކުލައެއް. އެ ބޭފުޅުން ބޭނުންފުޅުވާ ގޮތަކަށް ކަސްޓަމައިޒްކޮށްފައި. ކޮޓަރީގައި އެނދާ އެއްޗެހި، ނުވަ އިންޗީގެ ގޮދަޑިއަކާއެކީގައި، ހިލޭ ހިމެނޭނެ ސްކީމްގެ ދަށުން. އަދި އޭގެ އިތުރުން ސައިޑް ޓޭބަލް ޑްރެސިން ޓޭބަލްއާ އެކީގައި ހުރުހާ އެއްޗެއްވެސް ހިމެނޭނެ،" ހަމްދާން ޝަކީލް ވިދާޅުވިއެވެ.

ހަމްދާން ވިދާޅުވީ އެ ހުރިހާ އެއްޗެއް އެއްކޮށް މިހާރު ލިބެން ހުރި އަގަކީ އެއް ލައްކަ ރުފިޔާއަށް ކަމަށާއި ކަމަށާއި އެ އަދަދަށް ފައިސާ ދޭން ދަތިވާ ފަރާތްތަކަށް ބޭންކެއް މެދުވެރިކޮށް ވަރަށް ބޮޑެތި ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށެވެ. އަދި ދެ އަހަރަށް ބަހާލައިގެން ބޭންކުތަކަށް މަހެއްގެ މައްޗަށް ދައްކަންޖެހޭނީ 2500 އެއްހާ ރުފިޔާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ފުލެޓުގެ އެގްރީމަންޓުގައި ސޮއިކުރުމަށްފަހު އެފްޑީސީ މެދުވެރިކޮށް ފްލެޓުގެ ފިނިޝިން މަސައްކަތްތައް ކުރިއަށްގެންދަން ބޭނުންވާ ފަރާތްތަކަށް ކަމާ ގުޅުންހުރި މައުލޫމާތު ފޯރުކޮށްދޭން ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ބޮޑު ޓެންޓެއް ވެސް ބަހައްޓާފައި ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމްދާން ޝަކީލް އިތުރަށް ވިދާޅުވީ ސޮއިކުރުމަށްފަހު މައުލޫމާތު ސާފުކުރަން ދިއުމުން، އެ ފަރުނީޗަރު ސެޓުތަކުގެ ފެންވަރު ވެސް ބަލައިލެވޭނެ ކަމަށާއި ފުލެޓުތަކަށް ގެއްލުން ނުވާނެ ގޮތަކަށް އެފްޑީސީން ފަރުނީޗަރުތައް ބަހައްޓައިދޭނެ ކަމަށެވެ.