ހުސްވެފައިވާ އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަނުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދު އެމަގާމަށް އައްޔަންކުރަން ފެންނަކަމަށް އެ ނަން އިތުރަށް ދިރާސާކުރުމަށް ފޮނުވި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީ ދެންމެ ފާސްކޮށްފިއެވެ.

ގަނީ، އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރަން މަޖިލީހަށް ފޮނުވި މައްސަލަ ދިރާސާކުރަން މަޖިލިހުގެ ކޮމިޓީއަށް ފޮނުވީ މިއަދުއެވެ.

އެއީ އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލާން ޖޭއެސްސީން ހުޅުވައިލި ފުރުސަތު އެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ތިން ބޭފުޅުންގެ ނަމާވެސް އެކުގައެވެ. އޭގެ ތެރޭގައި ހިމެނެނީ ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދާއި ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) އެވެ.

އެ ތިން ބޭފުޅުންނާ ޖޭއެސްސީން އިއްޔެ ވަނީ އިންޓަވިއު ކޮށްފައެވެ. 'ވަން' އަށް އެނގިފައިވާ ގޮތުގައި އޭގެ ތެރެއިން އެންމެ މަތިން މާކްސް ލިބިވަޑައިގެންފައިވަނީ އަބްދުލްގަނީ އަށެވެ.

އެހެންކަމުން މަޖިލީހަށް ފޮނުވި ލިސްޓްގައިވެސް ގަނީ އައްޔަންކޮށްދެެއްވުމަށް ރައީސް މުއިއްޒުވެސް ވަނީ އެދިވަޑައިގެންފައެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އުއްތަމަ ފަޑިޔާރުކަމުގެ މަގާމަށް ގަނީ އައްޔަންކުރަން ފެންނަކަމަށް ކޮމިޓީން ފާސްކުރަން ހުށަހަޅުއްވަމުން ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ވިދާޅުވީ، ކޮމިޓީއަށް އޮންނަ ކަމަކީ އެ މަގާމަށް އައްޔަން ކުރަން ފޮނުވި ފަރާތުގެ ނަމާ ދޭތެރޭގައި ގޮތެއް ނިންމުން ކަމަށެެވެ.

އެ ނަންތަކާއެކު ކޮމިޓީއަށް ފޮނުވި މައުލޫމާތުތަކާއި ލިއުންތަކަށް ބަލާއިރު، އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެެރެއިން، ތައުލީމީގޮތުންނާއި ތަޖުރިބާގެ ގޮތުން އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރަން އެންމެ ބޮޑަށް ޝަރުތު ފުރިހަމަވާ އަދި ގާބިލް ބޭފުޅަކީ ގަނީ ކަމަށާއި ރައީސް ވެސް އެދިވަޑައިގަންވަނީ އެގޮތަށް ކަމުން، އުއްތަމަ ފަޑިޔާރުކަމުގެ މަގާމަށް ގަނީ އައްޔަންކުރަން ފެންނަ ކަމަށް ކޮމިޓީން ފާސްކުރަން ހުށަހަޅުއްވާ ކަމަށް ވިދާޅުވިއެވެ.

އަޝްރަފްގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ތިމަރަފުށީ ދާއިރާގެ މެންބަރު އަހްމަދު ރިޒާއެވެ.

ގަނީގެ ނަން ފާސްކުރީ ކޮމިޓީގައި ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.

އޭގެ ތެރޭގައި މުޅިން ވެސް ހިމެނެނީ ވެރިކަން ކުރާ ޕީއެންސީގެ މެންބަރުންނެވެ.

އެއީ ހުޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދާއި ކުރެންދޫ ދާއިރާގެ މެންބަރު ހުމައްމަދު ޝާމިން ހަބީބު އާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަހްމަދު ރިޒާ އާއި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދާއި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދާއި ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމެވެ.

އުއްތަމަ ފަނޑިޔާރުކަމުގެ މަގާމު ހުސްވީ، މީގެކުރިން އެ މަގާމުގައި ހުންނެވި އަހުމަދު މުއުތަސިމް އަދުނާން އެ މަގާމުން މިދިޔަ މަހުގެ 21 ގައި ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.