ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމާ ގުޅޭ ގޮތުން މައުލޫމާދު ދެއްވުމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވަޑައިގެންނެވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ސިއްރު ކޮށްފިއެވެ.

މި ބައްދަލުވުން ފައްޓަވަމުން ކޮމިޓީގެ ނާއިބު މުގައްރިރު އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ، ބައްދަލުވުން ސިއްރު ކުރުމަށް އެމްއެމްއޭއިން އެދިފައިވާ ކަމަށެވެ. އެހެންކަމުން އެކަން މެންބަރުންގެ ހިޔާލަށް ހުޅުވައިލެއްވިއެވެ.

އެ މައްސަލައަށް ފުރަތަމަ ވާހަކަ ދެއްކެވި އިދިކޮޅު އެމްޑީޕީގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ، ކޮންމެހެން ސިއްރު ކުރަންޖެހޭ ކަމެއް އޮތް ނަމަވެސް މުޅިކޮމިޓީ ބައްދަލުވުން ސިއްރުކުރަން ނުޖެހޭ ކަމަށެވެ.

"ކުރެވޭ ސުވާލުތަކާ މަސައްކަތްތައް ޕަބްލިކަށް އެނގެެންޖެހޭ، އަޅުގަނޑުމެން ސިއްރުން ހުރިހާ ކަމެއްކޮގެން ކިހިނެއްތޯ ކަންކަން ރަނގަޅު ކުރާނީ އަޅުގަނޑުމެނަށް ވުރެން މާބޮޑު ޝަކުވާ އެބައޮތް ޕަބްލިކްގަ އެހެންވީމަ އެކަންކަން ރަނގަޅު ކުރަން ކުރާ މަސައްކަތް ޕަބްލިކަށް ފެންނަންޖެހޭ،"

އެހެންކަމުން ކޮމިޓި ބައްދަލުވުން ސިއްރުކުރަން ނުޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކޮމިޓީ ބައްދަލުވުން ސިއްރު ކުރަނީ ގައުމީ ސަލާމަތަށް ނުރައްކާ ވާ މައްސަލަތުގައި ކަމަށެވެ.

ނަަމަވެސް ކޮމިޓީ ބައްދަލުވުން ސިއްރު ކުރަން ހުށަހަޅުއްވަމުން ޕީއެންސީގެ މެންބަރު ފުނަދޫ ދާއިރާގެ މުހައްމަދު މަމްދޫހު ވިދާޅުވީ، މި މައްސަލައަކީ ވަރަށް ގިނަ ބައެއްގެ މަސްލަހަތާ ގުޅުންހުރި މައްސަލައެއް ކަމަށާއި، ގިނަ މައުލޫމާތުތަކެއް ހިމެނޭ ކަމެއް ކަމަށެެވެ. އަދި އެކަމުގައި ހާމަކުރަން ޖެހޭ ކަމެއް އޮތް ނަމަ، މެންބަރު މެދުވެރިކޮށާއި އެމްއެމްއޭ މެދުވެރިކޮށް ހާމަކުރެވިދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެ މައްސަލައިގައި ކޮމިޓީ ސިއްރު ނުކުރަން ގަފޫރު ހުށަހެޅުއްވި ހުށަހެޅުއްވުމަށް ތާއީދު ކުރައްވައި އެމްޑީޕީގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވީ ރާއްޖޭހެ އިގުތިސޯދާބެހޭ ވާހަކަތެއް، އަދި ޑޮލަރުގެ ތާށިކަމާބެހޭ މައުލޫމާތެއް ސިއްރު ކުރަންޖެހޭ ސަބަބެއް ނޯންނާނެ ކަމަށެވެ.

"ހުރިހާކަމެއް ސިއްރުކޮށްގެން މަގުސަދު ހާސިލެއް ނުކުރެވޭ ކޮމިޓީއަށް ގެނައުމުގެ އެންމެ ބޮޑު ބޭނުމަކީ ކަންކަން ރައްޔިތުންނަށް ހާމަކުރުން، ސިއްރު ކުރުމުން ރެކޯޑްގައިވެސް އެއްވެސް އެއްޗެއް ނޯންނާނެ،"

އޭނާ ވިދާޅުވީ، ދައުލަތުގެ އިދާރާއަކުން ހަމަ އެދޭއިރަށް ކޮމިޓީ ސިއްރު ކުރުމެއް ކުރީގެ މަޖިލިސްތަކަކު ނޯންނަ ކަމަށެވެ. އަދި ކަންކަން ރައްޔިތުންނަށް ފޮރުުމުގެ ބަދަލުުގައި ކަންކަން ހާމަކުރުމަކީ ވެރިކަން ހިންގާ ޕީއެންސީ އާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތު ކަމަށާއި އެހެންކަމުން އެ ސިޔާސަތާ އެެއްގޮތަށް ކޮމިޓީ ކުރިއަށް ގެންދިއުމަށް ޕީއެންސީގެ މެންބަރުންގެ ކިބައިން އޭނާ އެދިވަޑައިގެންނެވިއެވެ.

ނަމަވެސް ކޮމިޓީ ސިއްރުކުރަން ނުފެނޭތޯ ބެލުމަށް ނެގި ވޯޓުގައި ސިއްރު ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ދެ މެންބަރުންނެވެ.

ކޮމިޓީ ބައްދަލުވުން ސިއްރުކުރަން ފާސްކުރީ މަމްދޫހުގެ ހުށަހެޅުމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާން ތާސީދު ކުރައްވައިގެންނެވެ.

މި މައްދަލުވުމުގައި އެމްއެމްއޭ އިން ކުރަމުންގެންދާ ބައެއް މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.