މާލޭގެ ނޯތު ހާބަރު ބޮޑުކޮށް، އެތަނުގައި ރަޖިސްޓްކުރާ އުޅަނދުފަހަރަށް އެކަނި ހިދުމަތްދޭން ނިންމައި، އެތަނުގައި ބަނދަރުކުރާ އުޅަނދު ފަހަރުން ފީއެއް ނަގަން ނިންމައިފިއެވެ.

މިދިޔަ ޖޫން މަހުގައި މާލޭ ސިޓީ ކައުންސިލުން ވަކިކޮށް މާލޭ މަސްމާރުކޭޓް ކުރިމަތިން އޮންނަ ލޯކަލް މާރުކޭޓުގެ ހުރަސް ތޮއްޓާ ހަމައަށް އޮތް ބައި ނޯތު ހާބަރާ ގުޅުވާލައި މުޅި ބަނދަރު ހިންގުމުގެ ޒިންމާ، ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ހަވާލުކޮށްފައެވެ.

އެމްޕީއެލުން ބުނީ އެ ބަދަލާއެކު ނޯތު ހާބަރުން ކުރިން ހިދުމަތްދިން 32 އުޅަނދުގެ ބަދަލުގައި 54 އުޅަނދަށް ޖާގަ ލިބިގެންދާނެ ކަމަށެވެ. އޭގެ އިތުރުން މަސްވެރިކަން ކުރާ 20 އުޅަނދަށްވެސް އެތަނުން ވަނީ ޖާގަ ހާއްސަކޮށްފައެވެ.

އެހެންކަމުން މުޅި ބަނދަރުން 74 އުޅަނދަށް ޖާގަ ލިބޭނެކަމަށްވެސް އެމްޕީއެލުން ބުންޏެވެ. އޭގެ އިތުރުން ބަނދަރުން ޖާގަ ހޯދުމަށް 25 އުޅަނދުގެ ޖާގަ ހިމެނޭ ވެއިޓިން އޭރިއާއެއްވެސް ވަނީ ހިމަނައިފައެވެ.

އެމްޕީއެލުން ބުނީ ނޯތު ހާބަރުގައި ރަޖިސްޓްރީކުރާ އުޅަނދުފަހަރަށް އެކަނި އެތަނުން ހިދުމަތްދިނުމަށް މިމަހުގެ އެކަކުން ފެށިގެން ނިންމާފައިވާ ކަމަށެވެ. އަދި އަންނަ ސެޕްޓެމްބަރު މަހުގެ އެކަކުން ފެށިގެން ހާބަރަށް ބަނދަރުކުރާ އުޅަނދު ފަހަރުން ފީއެއް ނަގާނެ ކަމަށްވެސް ބުނެފައިވެއެވެ.