އިސްރާއީލަށް ހަތިޔާރު ވިއްކުން ސްލޮވޭނިއާއިން މަނާކޮށްފިއެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ އިސްރާއީލަށް ހަތިޔާރު ވިއްކުމާއި ހަތިޔާރާ ގުޅޭ ހުރިހާ ބާވަތެއްގެ ވިޔަފާރި ހުއްޓާލުމަށް ނިންމާ ގައުމަކަށް ސްލޮވޭނިއާ މިވަނީ ވެފައެވެ.

ސްލޮވޭނިއާގެ ސަރުކާރުގެ އޮފިޝަލުންނާ ބައްދަލުކުރައްވައި އެ ގައުމުގެ ބޮޑުވަޒީރު ރޮބާޓް ގޮލޮބް ވަނީ އެ ގައުމުން އިސްރާއީލަށް ހަތިޔާރާ ގުޅޭ ކަަންކަމުގެ ހުރިހާ ޑީލެއް "ބޭން" ކޮށްފައިވާ ކަމަށް ފާހަގަކުރައްވައިފައެވެ.

ސްލްވޭނިއާގެ ސަރުކާރުން އެކަމުގައި ނެރުނު ބަޔާނުގައިވެސް ވަނީ އެ ގައުމަކީ އީޔޫގެ ގައުމުތަކުގެ ތެރެއިން އެފަދަ "ބޭން" އަކަށް އަމަލުކުރާ ފުރަތަމަ ގައުމު ކަމުގައި ފާހަގަކޮށްފައެވެ.

ސްލޮވޭނިއާގެ ބަޔާނުގައި ވަނީ، އެ ގައުމުން އެގޮތަށް ނިންމާފައިވަނީ އީޔޫއިން އެއްވެސް ފިޔަވަޅެއް އެޅުމަށް މަސައްކަތް ނުކުރެވުމުން ކަމަށް ބުނެފައެވެ.

ފަލަސްތީނުގެ ގާޒާގައި އިސްރާއީލުން ހިންގަމުންގެންދާ ޖަރީމާތަކުގެ ސަބަބުން އެ ސިޓީގެ އާންމުންނަށް ބަނޑުހައިހޫނުކަމުގެ ކާރިސާއެއް ކުރިމަތިވެފައިވާ އިރު، މިއީ މިހާރަަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅު ކަމަށް ބަޔާނުގައިވެއެވެ.

ސްލޮވޭނިއާއިން 2023 ވަނަ އަހަރުގެ އޮކްޓޯބަރުގެ ފަހުން އިސްރާއީލަށް އެއްވެސް ބާވަތެއްގެ ހަތިޔާރުގެ މުއާމަލާތެއް ހިންގާފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.