ރާއްޖޭގެ އެންމެ ބޮޑު ގޭމިން މުބާރާތް، ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް (ޑީއެމްޖީސީ) ރަސްމީކޮށް ފަށައިފިއެވެ.
ޖުމުލަ 1،500 އަށްވުރެ ގިނަ ގޭމް ކުޅުންތެރިންނާއެކު ޑީއެމްޖީސީ މިއަދު ރަސްމީކޮށް ފަށާފައިވަނީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައެވެ.
ޑީއެމްޖީސީ 2025 ތިން ދުވަހަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، ވާދަވެރި ހަތަރު މެޗުގެ ފޯމެޓަށް ކުރިއަށްގެންދާ އެ މުބާރާތުގައި ރާއްޖޭގެ ގޭމް ކުޅުންތެރިންގެ ތަފާތު ހުނަރުތައް ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެ މުބާރާތުގައި ބައިވެރިވެ ވަނަވަނަ ހޯދާ ކުޅުންތެރިންނަށް ޖުމުލަ 170،000 ރުފިޔާގެ އަގުހުރި އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ދިރާގުގެ ޑިރެކްޓާ އޮފް ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަން، މިރްޝާން ހަސަން ވިދާޅުވީ މިއަދަކީ ރާއްޖޭގެ ގޭމިން ތާރީހުގައި ފާހަގަކޮށްލެވޭ ހާއްސަ ދުވަހެއް ކަމަށާއި މިއަދު މި ފަށަނީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު އީސްޕޯޓްސް މުބާރާތް ކަމަށެވެ.
"މިއީ، ދިރާގު ގޭމާސް ގިލްޑް މެދުވެރިކޮށް، ގޭމް ކުޅުންތެރިންގެ ހުނަރުތައް ދައްކާލުމުގެ ފުރުސަތުތައް މަގުފަހިކޮށްދިނުމުގެ އިތުރުން ޒިންމާދާރުކަމާއެކު ގޭމް ކުޅުމުގެ އާދަތައް (ރެސްޕޮންސިބަލް ގޭމިން) އަށަގަންނުވައި، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް އިތުރު ކުރިއެރުންތައް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ'' މިރްޝާން ވިދާޅުވިއެވެ.
ޑީއެމްޖީސީ 2025ގެ މައިގަނޑު މުބާރާތްތަކުގެ އިތުރުން ރޭސިން ސިމިއުލޭޝަން ޒޯން، ވާޗުއަލް ރިއަލިޓީ (ވީއާރު) ޒޯން، ފްރީ ޓު ޕްލޭ ސްޓޭޝަންސް އަދި ބޯޑް ގޭމްސް ފަދަ ތަފާތު އެކްޓިވިޓީތައް ކުރިއަށް ދާނެއެވެ. އަދި އެ ހަރަކާތްތައް ކުރިއަށްދާ އިރު، ކާބޯތަކެއްޗާއި ގޭމިން އެކްސެސަރީޒް އަދި އެހެނިހެން ތަކެއްޗަށް ހާއްސަ ސްޓޯލްތަކެއް ވެސް ވަނީ ހިމަނައިފައެވެ.
ދިރާގުން ބުނީ އެ މުބާރާތަކީ ރާއްޖޭގެ އީ-ސްޕޯޓްސް އަދި ގޭމިން ދާއިރާ ކުރިއެރުވުމަށް ދިރާގު ގޭމާސް ގިލްޑުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހާސިލުކުރެވުނު ފާހަގަކޮށްލެވޭ އެއް ކާމިޔާބީ ކަމަށެވެ.
ދިރާގު
ދިރާގު
ދިރާގު
ދިރާގު