ހަ ރަށެއްގެ ސިއްހީ މަރުކަޒުތައް އަޕްގްރޭޑްކުރުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން އަމިއްލަ ތިން ކުންފުންޏަކާ ހަވާކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ހަ ރަށުގެ ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކުރުމަށް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިސްމާއިލް ޒާހިރެވެ.

ހއ. ވަަށަފަރު އަދި އެ އަތޮޅު ތުރާކުނު ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކުރީ "ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް"އާ އެވެ. އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މާކެޓިން ޑިރެކްޓަރު، މުހައްމަދު އިމާދެވެ.

31 ޖުލައި 2025، ހއ. ވަަށަފަރު އަދި ތުރާކުނު ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް "ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" ހަވާލުކުރުން --- ވަން ފޮޓޯ: ހަމްދާން އަހުމަދު

ވަށަފަރު ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމުގެ އަގަކީ 4.8 މިލިއަން ރުފިޔާއެވެ. މަސައްކަތް ނިންމަން ދީފައިވަނީ 210 ދުވަހެވެ. އެ މަޝްރޫއުގެ މަސައްކަތުގެ ތެރޭގައި ވޯޑަކާއި، ޕްރައިވެޓް ރޫމް، ލެބޯޓްރީ، ނާސް ސްޓޭޝަން، ޕްރޮސީޒާ ރޫމް، ގަރާޖް އަދި ސްޓޯ ރޫމް ހިމެނެއެވެ.

ތުރާކުނު ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ އަގަކީ 34 މިލިއަން ރުފިޔާއެވެ. މަސައްކަތް ނިންމަން ދީފައިވަނީ 180 ދުވަހެވެ. އެ މަޝްރޫއުގެ ތެރޭގައި އޮފީސް، މީޓިން ހޯލް، ޕަބްލިކް ހެލްތު އޮފީސް، ސްޓޯ އަދި ލޯންޑްރީއަސް ޖާގަ އިތުރުކުރުން ހިމެނެއެވެ.

31 ޖުލައި 2025، ށ. ޅައިމަގު ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް "އީކޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް"އާ ހަވާލުކުރުން --- ވަން ފޮޓޯ: ހަމްދާން އަހުމަދު

ށ. ޅައިމަގު ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކުރީ "އީކޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" އާއެވެ. އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހުސެއިން އަންވަރެވެ.

ޅައިމަގު ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ އަގަކީ 48 މިލިއަން ރުފިޔާއެވެ. އެ މަޝްރޫއު ނިންމަން ދީފައިވަނީ 180 ދުވަހެވެ.

އެ މަޝްރޫއުގެ މަސައްކަތުގެ ތެރޭގައި ވެޓް ރޫމް، ލެބޯޓްރީ، ނާސް ސްޓޭޝަން، ޕްރޮސީޖާ ރޫމް، ގަރާޖް އަދި ސްޓޯ ރޫމް އިތުރުކުރުން ހިމެނެއެވެ.

31 ޖުލައި 2025، ނ. މަގޫދޫ، ފ. ބިލެއްދޫ އަދި ފ. ދަރަނބޫދޫ ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް "ސަމާލު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް"އާ ހަވާލުކުރުން --- ވަން ފޮޓޯ: ހަމްދާން އަހުމަދު

ނ. މަގޫދޫ، ފ. ބިލެއްދޫ އަދި ފ. ދަރަނބޫދޫ ސިއްހީ މަރުކަޒުތަކުގެ އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކުރީ "ސަމާލު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް" އާއެވެ. އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ލީގަލް ކައުންސެލް، މުހައްމަދު ޒަޔާން އަބްދުﷲ އެވެ.

މަގޫދޫ ސިއްހީ މަރުކަޒުގެ މަޝްރޫއަކީ 48 މިލިޔަން ރުފިޔާއަށް 180 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މަޝްރޫއުއެކެވެ. އެ މަޝްރޫއުގެ ދަށުން ވޯޑަކާއި، ލެބޯޓްރީ، ނާސް ސްޓޭޝަން، ޕްރޮސީޖާ ރޫމް، ލޯންޑްރީ އަދި ސްޓޯ ރޫމް އިތުރުކުރުން ހިމެނެއެވެ.

ބިލެއްދޫ ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ވެސް ހަވާލުކުރީ 43 މިލިއަން ރުފިޔާއަށް 180 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. އެ މަޝްރޫއުގެ މަސައްކަތުގެ ތެރޭގައި ވޯޑް، ލެބޯރެޓެރީ، ނާސް ސްޓޭޝަން، ލޭބާ ރޫމް އަދި ސްޓޯ ރޫމް އިތުރުކުރުން ހިމެނެއެވެ.

ދަަރަނބޫދޫ ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކުރީ 43 މިލިއަން ރުފިޔާއަށް 210 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. އެ މަޝްރޫއުގެ މަސައްކަތުގެ ތެރޭގައި ވޯޑް، ޕްރައިވެޓް ރޫމް، ލެބޯޓްރީ، ނާސް ސްޓޭޝަން، ޕްރޮސީޖާ ރޫމް، ގަރާޖް އަދި ސްޓޯ ރޫމް އިތުރުކުރުން ހިމެނެއެވެ.